ވޯލްޑް ކަޕްގެ ގަދަ 32 ގައި ޕެނެލްޓީ ޖަހައިގެން ޖަރުމަން ބަލިކޮށް ޕެރަގުއޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް 2026

ދުވަހަކު ނުވާ ކަމެއް ޖަރުމަނަށް، ޕެނެލްޓީ ޖަހައިގެން ބަލިވެއްޖެ

ޕެރަގުއޭ އަތުން ޖަރުމަން މިގޮތަށް ބަލިވުމަކީ ވޯލްޑް ކަޕްގެ ހައިރާންކުރުވަނިވި ނަތީޖާތަކުން ނަތީޖާއެއް. ޖަރުމަނަށް ކައި ހަވާޓްޒްގެ ލަނޑުން އެއްވަރުކޮށްދިނަސް އޭނާއަށް ޕެނެލްޓީ ވައްދައެއް ނުލެވުނު
1 ގަޑިއިރު ކުރިން

ދުވަހަކު ނުވާ ކަންކަން ވެސް ވޯލްޑް ކަޕްގައި ފެންނާނެ އެވެ. ރޭ ޕެނެލްޓީ ޖަހަައިގެން ޕެރަގުއޭ އަތުން ޖަރުމަން ބަލިވެ، ކެޓުމަކީ، ވޯލްޑް ކަޕްގެ ތާރީހުގައި ޕެނެލްޓީއާ ހަމައަށް ގޮސް ޖަރުމަން ބަލިވި ފުރަތަމަ ފަހަރެވެ.

އެ ނަތީޖާގެ ގެއްލުން އެހާމެ ބޮޑު ވެސް މެ އެވެ. ވޯލްޑް ކަޕްގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޖަރުމަން، ގަދަ 16އަށް ނުގޮސް ކެޓީ އެވެ. އެންމެ ފަހު ދެ ވޯލްޑް ކަޕުން ވަކިވާން ޖެހުނީ ގްރޫޕް ސްޓޭޖްގަ އެވެ.

ތައުރީފު ހައްގީ ޕެރަގުއޭއަށެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި އެމެރިކާ އަތުން 4-1ގެ ބޮޑު ބައްޔަކާ ކުރިމަތިވި އެވެ. ނަމަވެސް އޭގެ ފަހުން ޕެރެގުއޭ ފެނުނީ ފަސޭހައިން ބަލިނުކުރެވޭނެ، ފަސޭހައިން ރޫޅާނުލެވޭނެ ޓީމެއްގެ ގޮތަށެވެ.

ގަދަ 32ގެ ނޮކްއައުޓް ބުރުން ޖާގަ ލިބުނީ ތިންވަނައަށް ނިންމި ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު އަށް ވަނަ ޓީމުތަކުގައި ހިމެނިގެންނެވެ. އެގޮތުން ވެސް އެއީ ހަތް ވަނަ ޓީމެވެ.

ނަމަވެސް ގްރޫޕް އީން އެއްވަނަ ހޯދައިގެން ނޮކްއައުޓް ބުރަށް ދިޔަ ޖަރުމަނަށް، މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ 30 މިނިޓްގައި ވެސް ޕެރަގުއޭގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވި އެވެ.

މެޗުގެ ފުރަތަމަ ލަނޑު 42 ވަނަ މިނިޓްގައި ޖޫލިއޯ އެންސިސޯ ޖަހާފައި އޮއްވާ ޖަރުމަނަށް އެއްވަރުކުރެވުނީ ފަހު ހާފަށް ނުކުމެ 54 ވަނަ މިނިޓްގަ އެވެ. ކައި ހަވާޓްޒްގެ ލަނޑުންނެވެ.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމަށް ވަދެ ތިބި 63،000އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި، ޖަރުމަން ޕެނެލްޓީ ޖަހައިގެން ބަލިވީ 4-3 އިންނެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި ޖަރުމަނަށް ޕެނެލްޓީއާ ކުރިމަތިވި ހަތަރު ފަހަރު ވެސް އޮތީ މޮޅުވެފަ އެވެ. 

ޖަރުމަނަށް ވައްދާނުލެވުނީ ހަވާޓްޒް އާއި ނިކް ވޮލްޓެމޭޑް އަދި ޖޮނަތަން ޓާގެ ޕެނެލްޓީތަކެވެ.

ޕެރަގުއޭ މޮޅުވީ މައުރީސިއޯ، ގުސްޓާވޯ ގޯމޭޒް، މަޓިއަސް ގަލާރްޒާ އަދި ހޯސޭ ކަނާލޭގެ ޕެނެލްޓީ ކާމިޔާބުކޮށްގެންނެވެ. މޮޅުކޮށްދިން ޕެނެލްޓީ ވައްދާލައިގެން، ޕެރަގުއޭއަށް ފަހަރުވެރި ކާމިޔާބީ ޔަގީންކޮށްދިނީ ކަނާލޭ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް