ޖަޕާން އަތުން މޮޅުވާން ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު ބްރެޒިލްގެ ގެބްރީލް މާޓިނެއްލީ އުފާ ފާޅުކުރަނީ
ފަހު ވަގުތު މާޓެނެއްލީގެ ލަނޑުން ޖަޕާން ރޮއްވާލައިފި، ބްރެޒިލް ގަދަ 16އަށް
ވޯލްޑް ކަޕްގެ ތިން ވަނަ ބުރަށް ދާން ޖަޕާނުން ދެކެމުން އަންނަ ހުވަފެން އަނެއްކާވެސް ބިލާހަކަށް ވެ، ކަރުނާގައި މިރޭ ނިންމާލައިފި އެވެ. ބްރެޒިލްގެ ގެބްރީލް މާޓިނެއްލީ، އިތުރު ވަގުތުގައި ޖެހި ރީތި ލަނޑާ އެކު 2-1 އިން ބަލިވެ، އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގަ އެވެ.
ވޯލްޑް ކަޕްގައި ޖަޕާނަށް މިހާތަނަށް އެންމެ ދުރަށް ވެސް ދެވެނީ ދެވަނަ ބުރަށް، ނުވަތަ ނޮކްއައުޓް ބުރަށެވެ. އޭޝިއާގެ ގަދަ ބާރަށް މިފަހަރުގެ ވޯލްޑް ކަޕްގައި ވެސް މިވީ ހަމަ އެހެންނެވެ.
އެކަމަކު ޖަޕާނަކީ ވެސް އާދައިގެ ޓީމެއް ނޫނެވެ. ބްރެޒިލް ދިފާއު ފޫއަޅުވާލައި، މެޗުގެ 29 ވަނަ މިނިޓްގައި ކައިޝޫ ސާނޯ ތިރިން ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ރީއްޗެވެ. އެހާ ހިސާބުން ބްރެޒިލް ވެއްޓުނީ ޕްރެޝަރަށެވެ.
ވޯލްޑް ކަޕް ފަސް ފަހަރަށް އުފުލައިލި ގައުމަށް އެފަދަ ކޮންމެ ހާލަތެއްގައި ވެސް ކުޅެ، އިދިކޮޅު ނުރައްކަލުގެ ތެރެއަށް ވައްޓާލާނެކަން މިރޭ ވެސް ސާބިތުކޮށްދިނެވެ. އެގޮތުން:
-
68.6%: ބޯޅަ ހިފަހައްޓައިގެން ކުޅުނު
-
12: ޖަޕާނާ ދެކޮޅަށް އުފެއްދި ހަމަލާ
-
7: ޖަޕާންގެ ގޯލަށް އަމާޒުކުރި ހަމަލާ
ބްރެޒިލްގެ މި އުފެއްދުންތެރި ކުޅުމަށް ޖަޕާނުން ދިން ރައްދަކީ، ފަސް ހަމަލާ ފޮނުވާލުމާއި އޭގެ ތެރެއިން ގޯލަށް އެންމެ ދެ ހަމަލާ އަމާޒުކުރުމެވެ.
ބްރެޒިލްއަށް މެޗު އެއްވަރުކޮށްދިނީ 56 ވަނަ މިނިޓްގައި ގޯލު ކުރިމައްޗަށް ދިފާއީ ކުޅުންތެރިޔާ ގެބްރީލް މަގަޅެސް ހުރަސްކޮށްލި ރީތި ބޯޅަ އެހާމެ ރީއްޗަށް ބޮލުން ޖަހައިގެން ކަސެމީރޯ އެވެ.
އޭޝިއާގެ ޓީމަކަށް ވޯލްޑް ކަޕްގައި ބްރެޒިލް ބަލިކުރުމަކީ މިހާތަނަށް ވީ ކަމެއް ވެސް ނޫނެވެ. މިހާތަނަށް އޭޝިއާގެ އެކި ގައުމުތަކުން ފަސް ފަހަރަށް ބައްދަލުކޮށްގެން ވެސް މޮޅުވީ ބްރެޒިލް އެވެ. އޭގެ ތެރޭގައި 2006ގައި ޖަޕާނާ ކުޅެ 4-1 އިން މޮޅުވި މޮޅުވުން ވެސް ހިމެނެ އެވެ.
ބްރެޒިލްއަށް ދެން އޮތީ ގަދަ 16 އެވެ. އެ ވާދަކުރުމުގައި ބައްދަލުކުރަން ޖެހޭނީ އައިވަރީ ކޯސްޓް އާއި ނޯވޭގެ މެޗުން މޮޅުވާ ބަޔަކާ އެވެ.
ކޮމެންޓް