މިއަދު އޮސްޓްރިއާ ކޮޅަށް އަލްޖީރިޔާގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ކެޕްޓަން ރިޔާދު މާރޭޒް އުފާ ފާޅުކުރަނީ: އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހާފައި

ވޯލްޑް ކަޕް 2026

މިވަރުގެ މެޗެއް އަދި ނުކުޅޭ، ފަހު މިނިޓްކޮޅުގެ އަޖައިބުތައް

އަލްޖީރިޔާ އާއި އޮސްޓްރިއާ އޮތީ 2-2ގައި. ފަހު ތިންވަނަ މިނިޓްގައި އަލްޖީރިޔާ ލަނޑު ޖަހައި 3-2އަށް. އޭރުން އީރާން ގަދަ އަށަކަށް ދާން އޮތް. އެކަމަކު އޮސްޓްރިއާ ފަހު ސިކުންތުކޮޅުގައި އެއްވަރުކޮށް މަންޒަރު ބަދަލުކޮށްލި
1 ގަޑިއިރު ކުރިން

އަލްޖީރިޔާގެ ކެޕްޓަން ރިޔާދު މާރޭޒް 60 ވަނަ މިނިޓްގައި ލަނޑު ޖަހައި، އޮސްޓްރިއާއާ 2-2އިން އެއްވަރުކުރުމާ އެކު މެޗު ނިމެން ދިޔައީ އެ ނަތީޖާގަ އެވެ. އޭގެ މާނައަކީ ތިންވަނަ ޓީމުތަކުގެ ގަދަ އަށެއްގައި ހިމެނި ގަދަ 32އަށް އަލްޖީރިޔާ ދިއުމެވެ. އޭރުން އީރާން ކެޓީ އެވެ.

އޮސްޓްރިޔާއަށް ގްރޫޕް ޖޭގެ ދެވަނަ އެވެ. އެހެންކަމުން އިތުރު ވަގުތަށް ދެއްކި ހަތަރު މިނިޓްގައި އަލްޖީރިޔާ ބޯޅަ ގެންގުޅުނީ، ސެންޓަ ސާކަލް ކައިރިން ކުރިއަށް ނުގޮސް ޕާސްކޮށްލައިގެންނެވެ. އޮސްޓްރިޔާ ކުޅުންތެރިން އެ ބޯޅަ ހޯދާކަށް ނޫޅެ އެވެ. އެ ނަތީޖާއިން ލިބޭނެ ގެއްލުމެއް ނެތީ އެވެ.

ނަމަވެސް އަލްޖީރިޔާއިން ކުއްލިއަކަށް ދެ ބޯޅައެއް ކުރިއަށް ކުޅެލި އެވެ. އޭގެ ތެރެއިން އެއް ބޯޅަ ހުސްކޮށްލާފައި އޭރިޔާ ތެރެއިން ދިނީ މާރޭޒްއަށެވެ. އޭނާ ރީއްޗަށް ގޯލަށް ވައްދާލައި، 3-2އަށް ނަތީޖާ ބަދަލުކޮށްލި އެވެ. އަލްޖީރިޔާ ގްރޫޕްގެ ދެވަނައަށް، އޮސްޓްރިޔާ ތިންވަނައަށް ވެއްޓުނީ އެވެ.

އެއަށް ވުރެ ބޮޑަށް ދެން ނުކުންނަން އޮތް ނަތީޖާއަކީ ގްރޫޕްތަކުގެ ތިންވަނައިގެ ގަދަ އަށަކަށް އީރާން އެރުމެވެ. ތިން ޕޮއިންޓާ އެކު އީރާނަށް ފައިދާއަށް ވެސް އަދި ގެއްލުން ވެސް ގޯލެއް ނެތެވެ.

އެކަމަކު އޮސްޓްރިއާއަށް އެއް ގޯލުގެ ގެއްލުމެކެވެ. 

ނަމަވެސް އެހެންނެއް ނުވި އެވެ. ފަހު ސިކުންތުކޮޅުގައި އޮސްޓްރިއާއިން ކުރިއަށް ޖެހިލައި، ނޭވާހޮޅިއަށް އެޅިފައި އޮތް އުއްމީދު ސަލާމަތްކުރެވޭތޯ މަސައްކަތް ކުރި އެވެ. ނަތީޖާއަކީ ގޯލުގެ ކުރިމަތިން ލިބުނު ބޯޅަ ބޮލުން ޖަހައި ވައްދާލައި 3-3އަށް ބަދަލުކޮށްލުމެވެ. މި އާދަޔާ ހިލާފު ޑްރާމާގެ ނިމުން ގެނެސްދިނީ 90 ވަނަ މިނިޓްގައި ކުޅެން އެރުވި ސާސާ ކަލަޒިޗް އެވެ.

މިއީ މި ވޯލްޑް ކަޕްގައި މިހާތަނަށް މިއީ އެންމެ ހައިރާންކުރުވަނިވި މެޗެވެ. 

ޓީވީން މެޗު ބަލަން ތިބި އީރާނަށް ފަހު ސިކުންތުކޮޅުގައި ލިބުނު ބޮޑު އުފާވެރިކަން، ހަމަ އެ ވަގުތު ނެތި ދިޔައީ އެވެ.

ގްރޫޕް ޖޭއިން އެއްވަނަ ހޯދީ ޖޯޑަން 3-1 އިން ބަލިކޮށް %100 ރެކޯޑަކާ އެކު ލިއޮނެލް މެސީގެ އާޖެންޓީނާ އެވެ.

ތިންވަނަ ހޯދައި، ގަދަ 32އަށް ދިޔަ އަށް ޓީމު

  • 1-

    ޑީއާރު ކޮންގޯ، ކުޅެން ޖެހޭނީ އިންގްލެންޑްއާ، 1 ޖުލައި

  • 2-

    ސްވިޑްން، ކުޅެން ޖެހޭނީ ފްރާންސްއާ، 30 ޖޫން

  • 3-

    ގާނާ، ކުޅެން ޖެހެނީ ކޮލަމްބިއާއާ، 4 ޖުލައި

  • 4-

    އިކުއެޑޯ، ކުޅެން ޖެހޭނީ މެކްސިކޯއާ، 1 ޖުލައި

  • 5-

    ބޮސްނިއާ، ކުޅެން ޖެހޭނީ އެމެރިކާއާ، 2 ޖުލައި

  • 6-

    އަލްޖީރިޔާ، ކުޅެން ޖެހޭނީ ސްވިޓްޒަލެންޑްއާ، 3 ޖުލައި

  • 7-

    ޕެރެގުއޭ، ކުޅެން ޖެހޭނީ ޖަރުމަނާ، 29 ޖޫން

  • 8-

    ސެނެގޯލް، ކުޅެން ޖެހޭނީ ބެލްޖިއަމްއާ، 1 ޖުލައި

މި އަށް ޓީމުގެ ތެރެއިން ތިން ޕޮއިންޓް ލިބިގެން ޖާގަ ހޯދީ ހަމައެކަނި ސެނެގޯލްއިންނެވެ. އަނެއް ހަތް ޓީމަށް ހަތަރު ޕޮއިންޓް ލިބުނެވެ.

އީރާނުގެ އިތުރުން ތިން ޕޮއިންޓް ލިބި ތިން ވަނައިގެ ގަދަ އަށް ޓީމަށް ވާދަކުރި އަނެއް ގައުމުތަކަކީ ސައުތު ކޮރެޔާ އާއި ސްކޮޑްލެންޑެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް