މިއަދުގެ މެޗުގައި އީރާނުގެ އަލީ ނެމަތީ ޖަހާ ބޯޅައެއް މަތަކުރަން މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު މަސައްކަތްކުރަނީ
އީރާނަށް ހިތްދަތި ނިމުމެއް، މިސްރުން ތާރީހީ ދެވަނަ ބުރަށް
މެޗުގެ ފަސް ވަނަ މިނިޓްގައި މުހައްމަދު ސަބީރު ޖެހި ލަނޑުން މިސްރަށް ލީޑު ނަގާފައި އޮއްވާ އޭގެ ހަ މިނިޓް ފަހުން އީރާނަށް ލިބުނީ ޕެނެލްޓީއެކެވެ. ނަމަވެސް ކެޕްޓަން މަހުދީ ތަރޭމީގެ އެ ބޯޅަ މިސްރުގެ ކީޕަރު މުސްތަފާ ޝޮބީރު މަތަކުރީ އެވެ.
އީރާނަށް، އެއްވެސް ޝައްކެއް ނެތި، ދެވަނަ ބުރަށް ދެވެން އޮތީ މި މެޗުން މޮޅުވެގެންނެވެ. މެޗު އެއްވަރުވިޔަސް މިސްރަށް ފުދެ އެވެ.
އީރާނަށް ދިރުން ގެނެސްދިނީ 14ވަނަ މިނިޓްގައި ރާމިން ރިޒޭއަން ލަނޑެއް ޖަހައި އެއްވަރުކުރުމުންނެވެ.
ވޯލްޑް ކަޕްގައި މި ދެ ގައުމުން އެއް ބަޔަކު އަނެއް ބަޔަކާ ފުރަތަމަ ފަހަރަށް ނުކުތް ވާދައިގައި ދެން ފެނުނީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުތަކެވެ. ދެ ޓީމުން ވެސް ދޭތެރެ ދޭތެރެއިން ހަމަލާތައް އުފައްދައި ނުރައްކާކުރި އެވެ.
އެކަމަކު މިއީ އީރާނުގެ ދުވަހެއް ނޫންކަން މެޗުގެ ފަހު ވަގުތުކޮޅު އެނގުނެވެ. ކޯނަރެއްގައި ތަރޭމީ ބޮލުން ޖެހި ބޯޅަ ގޯލަށް ނުވަނީ ހުރަސް ދަނޑި ހުރަހަކަށް ވެގެންނެވެ.
އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި އީރާނުން، އެންމެ ފަހުން، މިސްރުގެ ގޯލު ފޫއަޅުވާލި އެވެ. އެކަމަކު އެއީ ލަނޑެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރަން ޖެހުނީ ވީއޭއާރުއަށެވެ.
ވީޑިއޯއިން ފެނުނީ ލަނޑު ޖެހި ޝޯޖައީ ހާލިޒާދެ ހުރީ އޮފްސައިޑްގައި ކަމެވެ. ރޮނގު ދަމާލި އިރު މިސްރުގެ ފަހު ކުޅުންތެރިޔާއަށް ވުރެ އޭނާއަށް މިސްރު ފަޅީގައި ހުރެވުނީ ހަމަ ކިރިޔަކިރިޔާ އެވެ.
މި ހިތްދަތި ނިމުން އަޔަސް އީރާނަށް އަދި ދޮރެއް ބަންދެއް ނުވެ އެވެ. އެންމެ ރަނގަޅު ތިން ވަނައެއް ހޯދާ އަށް ގައުމުގެ ލިސްޓްގައި އީރާން އެބަ އޮތެވެ. މިވަގުތުގެ ނަތީޖާތަކުން އީރާން އުޅެނީ އެ ލިސްޓުގެ ހަ ވަނައިގަ އެވެ.
އީރާނަށް ތިން ޕޮއިންޓާއި ފައިދާ ސުން ގޯލެވެ. މާނައަކީ ގެއްލުން ގޯލެއް ނެތުމެވެ.
އީރާނަށް ފުރުސަތު އޮތީ ގްރޫޕް ޖޭއިން އަލްޖީރިޔާ (މިވަގުތު ތިން ޕޮއިންޓް) އާއި ގްރޫޕް އެލްއިން ކްރޮއޭޝިއާ (މި ވަގުތު ތިން ޕޮއިންޓް) ބަލިވެގެންނެވެ. އަދި ގްރޫޕް ކޭއިން ޑީއާރު ކޮންގޯގެ (މިވަގުތު އެންމެ ޕޮއިންޓެއް) ފަހު މެޗު އެއްވަރުވިޔަސް އީރާނަށް ފުދޭނެ އެވެ.
ވޯލްޑް ކަޕްގައި މިސްރުން ފުރަތަމަ ބައިވެރިވީ މީގެ 93 އަހަރު ކުރިން 1934ގަ އެވެ. އެކަމަކު މިފަހަރުގެ ވޯލްޑް ކަޕްގައި ނިއު ޒީލެންޑް އަތުން މޮޅުވުމުގެ ކުރިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ.
މުހައްމަދު ސަލާހުގެ ކެޕްޓަންކަމުގެ ދަށުން މިސްރު މިވަނީ ފުރަތަމަ މެޗުން މޮޅުވުމުގެ އިތުރުން ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރަށް ވެސް ގޮސްފަ އެވެ.
މި ގްރޫޕް ޖީން އެއްވަނަ ހޯދީ މިއަދު 5-1 އިން ނިއު ޒީލެންޑް ބަލިކޮށްގެން ބެލްޖިއަމުންނެވެ.
ކޮމެންޓް