ވޯލްޑް ކަޕްގެ ގްރޫޕް އައިގެ ފަހު މެޗުގައި ފްރާންސްގެ އުސްމާނޭ ޑެމްބަލޭ ނޯވޭގެ ގޯލަށް ބޯޅައެއް ފޮނުވާލަނީ: އޭނާ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކެއް ހަދާފައި
ޑެމްބެލޭގެ ހުނަރު ނޯވޭއަކަށް ނުހުއްޓުވުނު، ހެޓްރިކެއް ހަދައި ފްރާންސަށް އެއްވަނަ
މި ވޯލްޑް ކަޕްގެ ކުރިން އުސްމާނޭ ޑެމްބެލޭއަށް އޮތް ހިތާމައަކީ ބޮޑު މުބާރާތެއްގައި އޭނާގެ ފަރާތުން ފްރާންސަށް ގޯލެއް ކާމިޔާބުކުރެވިފައި ނެތުމެވެ. އެކަމަކު މިރޭ ނޯވޭ ކޮޅަށް ތިން ލަނޑު ޖަހައި ހެޓްރިކެއް ހަދައި ލިބިގަތީ ބޮޑު އުފަލެކެވެ.
ގްރޫޕް އައިގެ މި ވާދަކުރުން 4-1 އިން ކާމިޔާބުކޮށް، ތިން މެޗުން ވެސް މޮޅުވެ، ގްރޫޕްގެ އެއްވަނަ ވެސް ލިބުނީ ފްރާންސަށެވެ.
ފްރާންސްގެ ހަތަރު ވަނަ ލަނޑު ޖެހީ ޑިޒިރޭ ޑޫއޭ އެވެ. މިއީ ވޯލްޑް ކަޕްގައި އޭނާގެ ފުރަތަމަ ލަނޑެވެ.
މުބާރާތުގައި ޑެމްބަލޭގެ ލަނޑުގެ އަދަދު މިވަނީ ހަތަރަކަށް އަރައިފަ އެވެ. ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ އަދަދަކީ ވެސް ހަތަރެކެވެ. މިރޭ ޑެމްބަލޭއަށް ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވެސް އެމްބާޕޭ އެވެ.
މިއީ ވޯލްޑް ކަޕްގައި ނޯވޭ އާއި ފްރާންސްގެ ފުރަތަމަ ކުރިމަތިލުމެވެ. އެކަމަކު މި މެޗަށް ނުކުތް އިރު ވެސް ގަދަ 32 އިން ނޯވޭއަށް ފުރުސަތު ލިބިފައި އޮތުމުން އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން މާޓިން އޮޑެގާޑް އާއި ފޯވަޑް އާލިން ހާލެންޑް ނާރުވަ އެވެ.
މި ގްރޫޕްގެ ފަހު އަނެއް މެޗުގައި އިރާގު 5-0އިން ބަލިކޮށް ސެނެގޯލްއިން ވަނީ ގަދަ 32ގެ ޖާގަ ތަނަވަސްކޮށްފަ އެވެ. މިހާރު އެ ޓީމު އޮތީ ތިންވަނައަށް ނިންމާ އެންމެ ރަނގަޅު އަށް ޓީމުގެ ފަސް ވަނައިގަ އެވެ.
ކޮމެންޓް