އެމެރިކާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ތުރުކީ ކުޅުންތެރިން އުފަލުން ދުވަނީ

ވޯލްޑް ކަޕް 2026

އެމެރިކާ ބަލިވެއްޖެ، އޮސްޓްރޭލިޔާ ދެވަނަ ހޯދައި ގަދަ 32އަށް

ތުރުކީން އެމެރިކާ ކޮޅަށް ތިން ވަނަ ލަނޑު ޖެހީ މެޗުގެ އެންމެ ފަހު ބޯޅައިން. ތުރުކީ ކަޓާފައި ނުވި ނަމަ މިއީ އާދަޔާ ހިލާފު ނަތީޖާއަކަށް ވީސް
1 ގަޑިއިރު ކުރިން

މެޗުގެ އެންމެ ފަހު ބޯޅަ އެވެ. އެމެރިކާގެ ގޯލުގެ ހަމަ ކުރިމަތިން ދިފާއީ ދެ ކުޅުންތެރިންގެ ފައި ކައިރިން ހުރަސްވި ބޯޅަ، ތުރުކީގެ ކާން އައިހަން ވެއްޓިފައި ފޮނުވާލީ ގޯލު ތެރެއަށެވެ.

މެޗު ނިމުނީ އެވެ. ގްރޫޕްގެ އެއްވަނަ ހޯދި ނަމަވެސް ގްރޫޕް ސްޓޭޖްގައި %100 ރެކޯޑެއް ގާއިމްނުކުރެވި 3-2 އިން ތުރުކީ އަތުން އެމެރިކާ ބަލިވީ އެވެ. މެޗަށް ނުކުތުމުގެ ކުރިން ވެސް ތުރުކީ ވަނީ، ކުރީ ދެ މެޗުން ބަލިވުމާ އެކު، މުބާރާތުން ކަޓައިފަ އެވެ.

އެމެރިކާގެ ލޮސް އެންޖަލިސް ސްޓޭޑިއަމްގައި، 70،000 މީހުންގެ ކުރިމަތީގައި ތުރުކީއަށް މިއީ މުހިންމު މޮޅެކެވެ. ޕޮއިންޓެއް ނުލިބި މުބާރާތް ނިންމާނުލުން އެކަންޏެއް ނޫނެވެ. އެމެރިކާގެ ސަޕޯޓަރުންނާއި ހޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއް ވެސް ބަލަން ތިއްބާ، އެމެރިކާ ޓީމު ބަލިކޮށްލެވުމެވެ.

ކުރީ ދެ މެޗުގައި ޖުމްލަ 62 ހަމަލާ އުފެއްދި އެކަމަކު އެންމެ ލަނޑެއް ވެސް ނުޖެހުނު ތުރުކީއަށް އެމެރިކާ ކޮޅަށް ފޮނުވާލި ފުރަތަމަ ދެ ހަމަލާ ވެސް މިއަދު ވަނީ ގޯލަށެވެ. އޭގެ ތެރޭގައި މެޗުގެ 10 ވަނަ މިނިޓްގައި އަރްދާ ގުލާ ޖެހި ލަނޑުން އޭނާއަކީ ވޯލްޑް ކަޕްގައި ތުރުކީއަށް ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށް ވެސް ވީ އެވެ. އުމުރަކީ 21 އަހަރާއި 120 ދުވަހެވެ.

އައިހަންގެ ގޯލު އައީ 97.50 މިނިޓްގަ އެވެ. މިއީ ވޯލްޑް ކަޕްގެ ރެކޯޑްތައް 1966ގައި ބަލަހައްޓަން ފެށި ފަހުން ދެވަނައަށް އެންމެ ފަހުގެ ލަނޑެވެ. މެޗުގެ އެންމެ ފަހު ވަގުތު ޖެހި ލަނޑެއް ކަމަށް ދައްކަނީ 2022 ވޯލްޑް ކަޕްގައި ވޭލްސް ކޮޅަށް އީރާނުގެ ރޫޒްބެހް ޗެޝްމީ ޖެހި ލަނޑެވެ. ވަގުތަކީ 97:56 މިނިޓެވެ.

ގްރޫޕް ޑީގައި އޮސްޓްރޭލިޔާ އާއި ޕަރަގުއޭގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުން އޮސްޓްރޭލިޔާ ވަނީ ދެވަނަ ބުރަށް ގޮސްފަ އެވެ. މިއީ ވޯލްޑް ކަޕްގައި އޭޝިއާ ތަމްސީލުކުރާ ނުވަ ގައުމުގެ ތެރެއިން ގަދަ 32 ކަށަވަރުކުރި ދެވަނަ ޓީމެވެ. ރޭ ޖަޕާނުން ވަނީ ދެވަނަ ބުރަށް ގޮސްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް