ސައުތު ކޮރެޔާ ބަލިކުރަން ލަނޑު ޖެހުމަށް ފަހު ސައުތު އެފްރިކާގެ ތަޕެލޯ މަސެކޯ ނަށަނީ: މިއީ ވަރަށް ބޮޑު މޮޅެއް

ވޯލްޑް ކަޕް 2026

ސައުތު ކޮރެޔާ ބަލިކޮށް ސައުތު އެފްރިކާ، ފުރަތަމަ ފަހަރަށް، ވޯލްޑް ކަޕްގެ ދެވަނަ ބުރަށް

މިއަދުގެ މެޗު އެއްވަރުކޮށްގެން ވެސް ގްރޫޕް އޭއިން ގަދަ 32 އަށް ދާން އޮތް ފުރުސަތު ސައުތު ކޮރެޔާއިން ނަގާލީ ދެވަނަ ހާފުގައި ސައުތު އެފްރިކާއިން ޖެހި ލަނޑަށް ރައްދު ނުދެވިގެން
1 ގަޑިއިރު ކުރިން

ފަހު ހާފުގެ 63 ވަނަ މިނިޓްގައި ތަޕެލޯ މަސެކޯ ޖެހި ލަނޑަށް ރައްދެއް ނުދެވި، ސައުތު އެފްރިކާ އަތުން 1-0 އިން ބަލިވެ ސައުތު ކޮރެޔާއަށް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދަން ހުރަސްތައް ކުރިމަތިވެއްޖެ އެވެ.

މީގެ ކުރިން ތިން ވޯލްޑް ކަޕްގައި ކުޅެ، ފުރަތަމަ ބުރު ފަހަނައަޅާ ނުދެވުނު ސައުތު އެފްރިކާ މިއަދު އެވަނީ ތާރީހު ބަދަލުކޮށްފަ އެވެ. މެޗު އެއްވަރުވެގެން ވެސް ސައުތު ކޮރެޔާއަށް ފުރުސަތު އޮއްވާ އެއަށް ޖާގަ ނުދީ ސައުތު އެފްރިކާ މިއަދު އެ ހޯދީ ގައުމީ އެހާމެ ބޮޑު އުފަލެއް ވެސް މެ އެވެ.

މެޗަށް ފަހު ކުޅުންތެރިން ދަނޑު މަތީގައި ވަރަށް ވަރުގަދައަށް އުފާފާޅުކުރި އެވެ.

ދެވަނަ ބުރުގައި ސައުތު އެފްރިކާ ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގައި ސައުތު ކޮރެޔާއަށް އެފްރިކާގެ ގައުމުތަކުގެ މައްޗަށް ކުރި ހޯދުމަކީ އެހާ އާންމު ކަމެއް ނޫނެވެ. މި މެޗުގެ ކުރިން ވޯލްޑް ކަޕްގައި އެފްރިކާގެ ގައުމުތަކާ ހަތަރު ފަހަރެއްގެ މަތިން ވާދަކޮށް ސައުތު ކޮރެޔާއަށް މޮޅުވެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2006ގެ ވޯލްޑް ކަޕްގައި ޓޯގޯ އަތުން 2-1އިންނެވެ. ދެން ކުޅުނު ތިން މެޗުން ނައިޖީރިޔާ (2010) އާއި އަލްޖީރިޔާ (2014) އަދި ގާނާ (2022) އަތުން ވީ ބައްޔެވެ.

ގްރޫޕް އޭގައި މެކްސިކޯ މިއަދު ވަނީ ޗެކް ރިޕަބްލިކް 3-0 އިން ބަލިކޮށް ގްރޫޕްގެ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދައިފަ އެވެ.

ދެވަނަ މަގާމުގައި ސައުތު އެފްރިކާ ގަދަ 32އަށް ދިޔައީ ހަތަރު ޕޮއިންޓް ލިބިގެންނެވެ. ސައުތު ކޮރެޔާއަށް ތިން ޕޮއިންޓެވެ.

އެކަމަކު ތިންވަނަ ހޯދާ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އަށް ގައުމަށް އޮތް ފުރުސަތު ސައުތު ކޮރެޔާއަށް އަދި ނުގެއްލެ އެވެ. މިވަގުތު ސައުތު ކޮރެޔާ އޮތީ އަށް ގައުމުގެ ލިސްޓުން ހަތަރު ވަނައިގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް