މިރޭ އޮސްޓްރިޔާ ކޮޅަށް އާޖެންޓީނާގެ ލިއޮނެލް މެސީ ލަނޑު ޖަހަނީ
ެމެސީ ޕެނެލްޓީ ބޭރަށް އެކަމަކު ކުޅުމުގެ ތެރޭގައި ދެ ލަނޑު ޖަހައި ރެކޯޑް ހަދައިފި
މެޗުގެ ނުވަވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ ޖެހީ ބޭރަށެވެ. އެކަމަކު ލިއޮނެލް މެސީ ކަހަލަ ކުޅުންތެރިޔަކަށް އެހާ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ދެ ހާފުގައި ރީތި ދެ ލަނޑު ޖަހައި، ވޯލްޑް ކަޕްގައި ރެކޯޑެއް ހެދުމަށް ފަހު، އަމިއްލަ ގައުމު ދެވަނަ ބުރަށް ވެސް ގެންދިޔައީ އެވެ.
އޮސްޓްރިޔާއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައި މެސީ، 38، ޖެހި ދެ ލަނޑާ އެކު ވޯލްޑް ކަޕްގައި އޭނާގެ ޖުމްލަ 18އަށް އެރީ އެވެ. މި ދެ ލަނޑު އައުމުގެ ކުރިން އޭނާ އާއި ޖަރުމަންގެ މިރޮސްލާވް ކްލޯސޭ 16 ލަނޑު އޮތީ އެއްވަރުވެފަ އެވެ.
މެސީގެ ދެ ލަނޑު ފެނުނީ 38 އަދި 5+90 މިނިޓްގަ އެވެ. މި މޮޅާ އެކު ގަދަ 32ގެ ޖާގަ އާޖެންޓީނާ ކަށަވަރުކުރީ ހަ ޕޮއިންޓް ލިބިގެންނެވެ.
ވޯލްޑް ކަޕްގެ ތާރީހަށް މެސީ ވަން ފުރަތަމަ ލަނޑު ޖެހީ އަރިމަތިން ހުރަސްކޮށްލި ބޯޅަ، ގޯލު ކުރިމަތީގައި މުޅިން ހުހަށް ހުރެ، ފޮނުވާލައިގެންނެވެ. ދެވަނަ ލަނޑު ޖެހީ އޭރިޔާގެ ތެރެއިން ލިބުނު ބޯޅަ ފުރަތަމަ ފޮނުވާލުމުން އޮސްޓްރިޔާގެ ދިފާއީ ކުޅުންތެރިޔަކު މަތަކުރުމުން ދެން ލިބުނު ބޯޅަ، ތިން ކުޅުންތެރިން ކުރިމަތީގައި ތިއްބަައި ގޯލަށް ވައްދާލައިގެންނެވެ.
އާޖެންޓީނާގެ ފުރަތަމަ މެޗުގައި މެސީ ހެދި ހެޓްރިކާ އެކު މިވަގުތު މި މުބާރާތުގެ ރަން ބޫޓާ އެންމެ ކައިރީގައި ފަސް ލަނޑު ހަމަކޮށްގެން ހުރީ ވެސް އޭނާ އެވެ.
މިއީ ވޯލްޑް ކަޕްގައި އޮސްޓްރިޔާ އާއި އާޖެންޓީނާ ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މި ވަގުތު ގްރޫޕްގައި، ތިން ޕޮއިންޓާ އެކު ދެވަނަގައި އޮތީ އޮސްޓްރިޔާ އެވެ. ގްރޫޕްގެ ފަހު ދެ މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާ/ޖޯޑަން އަދި އޮސްޓްރިޔާ/އަލްޖީރިޔާ އެވެ.
ކޮމެންޓް