ވޯލްޑް ކަޕްގައި މިއަދު ނިއު ޒީލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު އުފާ ފާޅުކުރަނީ
މިސްރުން 92 އަހަރުގެ އިންތިޒާރު ނިމުމަކަށް، ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައި ގްރޫޕްގެ އެއްވަނައަށް
ވޯލްޑް ކަޕް މެޗަކުން މޮޅުވާން މިސްރުން ކުރަމުން އައި އިންތިޒާރު 92 އަހަރަށް ފަހު މިއަދު ނިމުމަކަށް ގެނެސްފި އެވެ. ބަތަލަކީ ކެޕްޓަން މުހައްމަދު ސަލާހެވެ.
ކެނެޑާގެ ވެންކޫވާގައި ނިއު ޒީލެންޑާ ދެކޮޅަށް ކުޅުނު ގްރޫޕް ސީގެ މި މެޗުގައި ނިއު ޒީލެންޑުން ލީޑު ނަގާފައި އޮއްވާ ފަހަތުން އަރާ މިސްރު މޮޅުވީ 3-1 އިންނެވެ. މި ތާރީހީ ކާމިޔާބީއާ އެކު ގްރޫޕް ސީގެ އެއްވަނައަށް ވެސް މިސްރު އެރީ އެވެ.
ފުރަތަމަ ހާފުގެ 15 ވަނަ މިނިޓްގައި ނިއު ޒީލެންޑުން ޖެހި ލަނޑާ އެކު އެއްވަރުކުރެވޭތޯ މެޗުގެ ބޮޑު ބައެއްގައި މިސްރުން ވަރަށް ހިތްވަރުކުރި އެވެ. އެންމެ ފަހުން އެއްވަރުކުރި ލަނޑު އައީ 58 ވަނަ މިނިޓްގައި މުސްތަފާ ޒިކޯގެ ފަރާތުންނެވެ.
އޭގެ ނުވަ މިނިޓް ފަހުން ސަލާހު، އޭނާގެ ގައުމަށް ހިނިތުންވުން ގެނެސްދިނެވެ. ޒިކޯގެ ޕާހަކުން ޖަހާލި ލަނޑާ އެކު، ވޯލްޑް ކަޕްގެ މެޗަކުން މޮޅުވާން ކުރި އިންތިޒާރު 92 އަހަރު ފަހުން ހާސިލްވީ އެވެ. މިސްރުން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނީ 1934ގަ އެވެ.
މިއީ ވޯލްޑް ކަޕްގައި މިސްރު ވާދަކުރާ ހަތަރު ވަނަ ފަހަރެވެ.
މެޗުގައި މިސްރުގެ ތިން ވަނަ ލަނޑު ޖެހީ ސަލާހު ނެގި ކޯނަރަކުން މަހަމޫދު ޓްރެޒެގެޓް، 82 ވަނަ މިނިޓްގަ އެވެ.
މުޅި މެޗުގައި މިސްރުން 19 ހަމަލާ އުފައްދައި، ހަތް ބޯޅަ ގޯލަށް އަމާޒުކުރި އެވެ. މެޗު ކޮންޓްރޯލްކުރީ ވެސް މިސްރުންނެވެ.
ގްެރޫޕްގެ ފަހު މެޗުގައި އީރާނާ ދެކޮޅަށް އެއްވަރުކޮށްލިޔަސް މިސްރު ނޮކްއައުޓް ބުރަށް ނުވަތަ ގަދަ 32 އިން ޖާގަ ލިބޭނެ އެވެ.
ކޮމެންޓް