ވޯލްޑް ކަޕްގައި އީރާނާއި ބެލްޖިއަމް ބައްދަލުކުރި މެޗު: މި މެޗު ނިމުނީ ދެ ޓީމަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެން.
ބްލްޖިއަމްއަށް އުޅެއުޅެ ވެސް އީރާނުގެ ގޯލު ފޫއަޅުވާނުލެވުނު
އީރާނުގެ ގޯލަކީ ދޮރެއް ކަމަށް ބަލައިފި ނަމަ ބެލްޖިއަމްއިން 90 މިނެޓު ވަންދެން އެ ދޮރުގައި ޓަކި ޖެހީ އެވެ. އެކަމަކު އީރާނުން އެ ދޮރެއް ނުހުޅުވި އެވެ.
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި އީރާނާއި ބެލްޖިއަމް ބައްދަލުކުރި މެޗު ކިތަންމެހާ ވެސް ފޯރިގަދަ އެވެ. އެކަމަކު އެ ފޯރި ފެންނަން ނެތީ މެޗުގެ ނަތީޖާއިންނެވެ. މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ވެސް ގޯލެއް ނުޖެހި، 0-0އިން އެއްވަރުވެގެންނެވެ.
ބެލްޖިއަމުން މެޗަށް ނުކުތީ، އެ ޓީމުގެ 'ރަން ޖީލު'ގެ ގޮތުގައި މަޝްހޫރުވި ޓީމުން މިހާރު ބާކީ ތިބި ކުޅުންތެރިންނާ އެކު އެވެ. ގޯލުގައި ހުރީ ރެއާލް މެޑްރިޑަށް ކުޅޭ ކީޕަރު ތީބޯ ކޯޓުއާ އެވެ. މެދުގައި ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑިބްރައިނާ އަދި އެންމެ ކުރީގައި ރޮމެލޫ ލުކާކޫ އެވެ.
އަނެއްކޮޅުން އީރާނުން ދަނޑަށް އެރީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެވަރޭޖުކޮށް އެންމެ އުމުރުން ދުވަސްވީ ފުރަތަމަ 11 އެވެ. އެއީ 32 އަހަރާއި 181 ދުވަހެވެ.
މެޗުގެ ތިން ވަނަ މިނެޓުގައި ގޯލެއް ޖަހަން މަސައްކަތް ކުރުމުގެ ތެރޭގައި ލުކާކޫއަށް ޖެހުނީ އީރާނުގެ ކީޕަރު އަލީރިޒާ ބެއިރަންވާންދުގެ ގައިގަ އެވެ. އެއާ އެކު ލުކާކޫ މެޗުގެ ބާކީ އޮތް ބައި ކުޅެން ޖެހުނީ ރީނދޫ ކާޑަކާ އެކީގަ އެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ފުރުސަތެއް ތަނަވަސްކޮށް އީރާނުން ގޯލެއް ޖެހި ނަމަވެސް، ވީއޭއާރުން ނިންމީ ގޯލު ޖެހި މަހުދީ ތަރޭމީ ހުރީ އޮފްސައިޑުގައި ކަމަށެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ފުރުސަތުތައް ތަނަވަސްކުރީ ބެލްޖިއަމުންނެވެ. އެގޮތުން ޖުމްލަ 23 ޝޮޓު އުފެއްދިއިރު، އޭގެ ތެރެއިން 7 ޝޮޓު ގޯލާ އަމާޒު ވެސް ވި އެވެ. ނަމަވެސް އެ 7 ޝޮޓު، ގޯލަކަށް ބަދަލުވިޔަ ނުދީ ހިފަހައްޓާލީ އީރާނުގެ ހުނަރުވެރި ކީޕަރު އަލީރިޒާ ބެއިރަންވާންދު އެވެ.
ބެލްޖިއަމްއިން މެޗުގެ ފަހު 30 ވަރަކަށް މިނެޓު ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ނަމަވެސް އީރާނަށް ވެސް ގޯލެއް ޖެހޭ ވަރެއް ނުވި އެވެ.
އެ މެޗުގެ މޭން އޮފް ދަ މެޗްއަކަށް ވީ އީރާނުގެ ގޯލްކީޕަރު އަލީރިޒާ އެވެ. ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވަން އޭނާ ކުރި މޮޅު ސޭވްތަކަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
މި މެޗާ އެކު ގްރޫޕް ޖީގެ ފޯރި ވަނީ އިތުރަށް ގަދަވެފަ އެވެ. މީގެ ކުރިން އެ ގްރޫޕުގައި ބެލްޖިއަމް އާއި މިސްރު އަދި އީރާނާއި ނިއު ޒީލެންޑް ބައްދަލުކުރި މެޗުތައް ވެސް ނިމުނީ އެއްވަރުވެގެންނެވެ.
މިހާރު އޮތް ގޮތުން ބެލްޖިއަމް އާއި އީރާން ދެ ޕޮއިންޓާ އެކު އެއްވަރުވި ނަމަވެސް، ޖެހި ގޯލަށް ބަލައިފި ނަމަ ކުރި ލިބެނީ އީރާނަށެވެ. އީރާނުން ދެން ނުކުންނާނީ މިސްރާ ދެކޮޅަށެވެ. އަދި ބެލްޖިއަމުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުންނާނީ ނިއު ޒީލެންޑާ ދެކޮޅަށެވެ.
ކޮމެންޓް