ވޯލްޑް ކަޕްގެ 1،000 ވަނަ މެޗުގައި މިއަދު ޓިއުނީޝިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ޖަޕާންގެ ޑައިޗީ ކަމާޑާ އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް 2026

ޓިއުނީޝިއާ އަތުން މޮޅުވެ ޖަޕާން އާއި ސްވިޑުން ބޮޑު ހިފުމަކަށް

ވޯލްޑް ކަޕްގެ 1،000 ވަނަ މެޗުގައި ޖަޕާނުން ވަނީ ޓިއުނީޝިއާ 4-0 އިން ބަލިކޮށްފައި. ގްރޫޕްގެ ފަހު މެޗު އެއްވަރުކޮށްލިޔަސް ޖަޕާނަށް ފުދޭނެ. އެކަމަކު ސްވިޑުން އަތުން ބަލިވެއްޖެ ނަމަ ފުރުސަތު ކުޑަވާނެ
1 ގަޑިއިރު ކުރިން

ވޯލްޑް ކަޕްގެ 1،000 ވަނަ މެޗުގައި ޖަޕާނުން ޓިއުނީޝިއާ 4-0އިން މިއަދު ބަލިކޮށް ގްރޫޕް އެފްގެ ފަހު މެޗުގައި ޖަޕާނާއި ސްވިޑުން ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.

ދެ މެޗުން ބަލިވުމުން މުބާރާތުން ޓިއުނީޝިއާ މިހާރު ވަނީ ކަޓައިފަ އެވެ. ރޭ 5-1 އިން ސްވިޑުންގެ މައްޗަށް ގަދަވެގަނެ ނެދަލެންޑްސްއިން ކުޑަ ވަގުތުކޮޅަކަށް ގްރޫޕްގެ އެއްވަނާގައި އޮތެވެ. ނަމަވެސް މިހާރު ޖަޕާނާ ހުރިހާ ގޮތަކުން ވެސް އެއްވަރެވެ.

ޓިއުނީޝިއާ އަތުން ތަފާތު ބޮޑުކޮށް މޮޅުވުމުން ޖަޕާނަށް ވެސް ފައިދާ ހަތަރު ގޯލެވެ. ހަތަރު ޕޮއިންޓުން ނެދަލެންޑްސް އާއި ޖަޕާން އެއްވަރެވެ.

ފުރަތަމަ މެޗުގައި ޓިއުނީޝިއާ އަތުން 5-1 އިން ސްވިޑުން މޮޅުވި އެވެ. އެކަމަކު ހަމަ އެ ނަތީޖާއިން ނެދަލެންޑްސް އަތުން ބަލިވުމުން ފައިދާ އާއި ގެއްލުމުގެ ގޯލް ވެސް އޮތީ ހައެއްގަ އެވެ. 

މިހާ ހިސާބުން ވެސް ސްވިޑުންއަށް ފުރުސަތު ނުގެއްލެ އެވެ. މި މަހު 26 ވަނަ ދުވަހު ކުޅޭ މެޗުން ޖަޕާން އަތުން މޮޅުވެގެން ގަދަ 32 ނުވަތަ ނޮކްއައުޓް ބުރުން ސްވިޑުންއަށް ޖާގަ ލިބޭނެ އެވެ. ޖަޕާނަށް ބޭނުންވަނީ ކުޑަވެގެން މެޗު އެއްވަރުކޮށްލުމެވެ.

ކުރިން ވެސް ބެލެވިފައި އޮތީ މިއީ ވާދަވެރި ގްރޫޕަކަށް ވާނެ ކަމަށެވެ. މިސްރާބު އެ ހުރީ ހަމަ އެދިމާލަށެވެ.

މެކްސިކޯގެ އެސްޓާޑިއޯ މޮންޓަރޭގައި މިއަދު ކުޅުނު ވޯލްޑް ކަޕްގެ ތާރީހީ 1،000 ވަނަ މެޗުގައި ޖަޕާނަށް ދެ ލަނޑު ޖަހައިދިނީ 31 އަދި 83 ވަނަ މިނިޓްގައި އަޔާސޭ އުއެޑާ އެވެ. އަނެއް ދެ ލަނޑު އައީ ހަތަރު ވަނަ މިނިޓްގައި ޑެއިޗީ ކަމާޑާ އާއި 61 ވަނަ މިނިޓްގައި ޖުންޔާ އިޓޯގެ ފަރާތުންނެވެ.

މިއީ ޖަޕާނާއި ޓިއުނީޝިއާ ވޯލްޑް ކަޕްގައި ބައްދަލުކުރި ދެވަނަ މެޗެވެ. ޖަޕާނާއި ސައުތު ކޮރެޔާގައި 2002ގައި އޮތް މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޓިއުނީޝިއާ އަތުން ޖަޕާން މޮޅުވި 2-0 އިންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް