ނެދަލެންޑްސްއާ ދެކޮޅަށް ޖަޕާން ކުޅުނު މެޗަށް ފަހު އެމެރިކާގެ ޑެލަސް ސްޓޭޑިއަމް ޖަޕާންގެ ސަޕޯޓަރުން ސާފުކުރަނީ
ވޯލްޑް ކަޕްގައި ޖަޕާންގެ ފިރިހެނުން ސްޓޭޑިއަމް ސާފުކުރާތަން ފެނުމުން ޖަޕާން އަންހެނުން އަންނަނީ ރުޅި
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މި މަހު 14 ވަނަ ދުވަހު ޖަޕާނާއި ނެދަލެންޑްސް ބައްދަލުކުރި ވޯލްޑް ކަޕްގެ މެޗަށް ފަހު، ޖަޕާންގެ ސަޕޯޓަރުން ސްޓޭޑިއަމުން ނުކުމެގެން ދިޔައީކީ ނޫނެވެ: އެ މީހުން ތިބި ސަރަހައްދުގައި ހުރި ކުނިބުނި ނަގާ ސާފު ވެސް ކުރީ އެވެ.
މިއީ ދުނިޔޭގެ އެތައް ބައެއްގެ ތައުރީފު ލިބުނު އަމަލެކެވެ. ޖަޕާން މީހުންނަކީ ސާފުތާހިރު ބައެކެވެ. އާންމު ތަންތަން ވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެ މީހުންގެ ސަގާފީ ރީތި ސިފައެއް ވެސް މެ އެވެ.
ނަމަވެސް މިފަހަރު ޖަޕާންގައި އެހެން ބަހުސެއް ފެށުނެވެ. ސޯޝަލް މީޑިއާގަ އެވެ. ސްޓޭޑިއަމް ސާފުކުރާ ފޮޓޯއަށް ރައްދު ދެމުން ޖަޕާންގެ ބައެއް އަންހެނުން ބުނީ ހަމައެކަނި ސްޓޭޑިއަމް ސާފުނުކޮށް ގޭތެރެ ސާފުކުރަން ވެސް އެހީތެރިވުމަށެވެ.
މި މެސެޖު އެގޮތަށް ދިނީ މުހިންމު ސަބަބަކާ ހެދި އެވެ. ޖަޕާންގެ ފިރިހެނުންނަކީ ގޭތެރޭގެ މަސައްކަތުގައި އެހާ ބޮޑަށް އެހީތެރިވާ ބައެއް ނޫނެވެ. ދަރިން ބެލުމާއި ގޭތެރެ ސާފުކުރުން ފަދަ ކަންކަން އެއްކޮށް ކަހަލަ ގޮތަކަށް ދޫކޮށްލަނީ އަނބިންނަށެވެ. އަންހެނުންނަށެވެ.
"މި މީހުންގެ ތެރޭގައި ހުރެދާނެ ދަރި ބެލުމުގެ ހުރިހާ ކަމަކާއި ގޭތެރޭގެ ހުރިހާ ކަމެއް އަަނބިމީހާއަށް ދޫކޮށްލާފައި ވޯލްޑް ކަޕްގެ މެޗު ބަލަން ގޮސް ހުރި މީހަކު ވެސް،" އެކްސްގައި އެކަކު ލިއުނެވެ.
ތަރައްގީވެފައިވާ ގައުމުތަކުގެ ފިރިހެނުންނަށް ބަލާއިރު ޖަޕާން ފިރިހެނުންނަކީ ގޭތެރޭގެ މަސައްކަތުގައި އެންމެ ކުޑަކޮށް އެހީވާ މީހުންނެވެ. އެގޮތުން ޖަޕާން ފިރިހެނުން ގޭތެރޭގެ މަސައްކަތުގައި ދުވާލަކު ހޭދަކުރަނީ ގާތްގަނޑަކަށް އެންމެ 45 މިނިޓެވެ. އޭގެ ބަދަލުގައި ޖަޕާން އަންހެނުން ދުވާލަކު މަދުވެގެން ތިން ގަޑިއިރު ގޭތެރޭގެ މަސައްކަތުގައި އުޅެ އެވެ.
މި އާދައަށް ބަލާފައި، ޖަޕާންގެ ފިރިހެނުން ސްޓޭޑިއަމް ސާފުކުރުމަކީ 'ދެފުށްކެހެރިކަން' ކަމަށް އެ ގައުމުގެ ބައެއް އަންހެނުން ދެކެ އެވެ.
ނަމަވެސް ސްޓޭޑިއަމް ސާފުކުރާ ފޮޓޯތަކަށް ގިނަ ބައެއްގެ ތައުރީފް ވެސް ލިބުނެވެ. އެކްސްގައި ހިޔާލު ފާޅުކުރި އެކަކު ބުނިގޮތުގައި އޭގައި ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ނެތެވެ.
"ބޭރު ގައުމުތަކުގައި ޖަޕާން މީހުން ކުނި އުކަނިއްޔޭ ބުނުމަށް ވުރެ ތަންތަން ސާފުކުރާ ބައެކޭ ބުނުން މާ ރަނގަޅެވެ،" ތައުރީފް ކުރަމުން އެކަކު ބުންޏެވެ.
ކޮމެންޓް