ޖަރުމަންގެ ޑެނިޒް އުންޑާވް (މ) އައިވަރީ ކޯސްޓް އަތުން ޖަރުމަން މޮޅުކޮށްދިން ދެ ލަނޑު ވެސް ޖަހައިދިން

ވޯލްޑް ކަޕް 2026

12 އަހަރަށް ފަހު ޖަރުމަން ނޮކްއައުޓް ބުރުން ޖާގަ ހޯދައިފި

މިދިއަ ދެ ވޯލްޑް ކަޕްގައި ވެސް ޖަރުމަން ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައި. އެކަމަކު ރޭ އައިވަރީ ކޯސްޓް 2-1 އިން ބަލިކުރުމާ އެކު ގްރޫޕް އީގެ އެއް ވަނަ މިހާރު ވަނީ ކަށަވަރުވެފައި
2 ގަޑިއިރު ކުރިން

ބަދަލު ކުޅުންތެރިޔާ ޑެނިޒް އުންޑާވް މިހާރު ވެސް ޖަރުމަނުގެ ބަތަލަކަށް ވެއްޖެ އެވެ. އައިވަރީ ކޯސްޓުން މެޗުގެ 30 ވަނަ މިނިޓްގައި ޖެހި ލަނޑަށް ރައްދެއް ދޭނެ އެހެން ގޮތެއް ނުފެނުމުން، ޖަމާލް މުސައިލާ ބާލާފައި އެރުވީ އުންޑާވް އެވެ.

ފަހު 30 މިނިޓަށް ވެފައި ވަނިކޮށް ގެނައި މި ބަދަލުގެ މޭވާ ލިބުނީ އެންމެ އަށް މިނިޓް ތެރޭގަ އެވެ. އެއްވަރުކުރި ލަނޑު ޖަހާލި އެވެ. ދެން އޭނާއަކީ ނަތިޖާ ބަދަލުކޮށްލާނެ ކުޅުންތެރިއެއްކަން ސާބިތުކޮށްދިނީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ދެވަނަ ލަނޑެއް ޖހައިގެންނެވެ.

ގްރޫޕް އީގައި 2-1 އިން ޖަރުމަން މި ހޯދި ކާމިޔާބުން ވަރަށް ހިތި ހަނދާނަކުން ސަލާމަތްވެވުނީ އެވެ. ވޯލްޑް ކަޕްގެ ތަށި 2014ގައި ނެގި ފަހުން ދެން ކުޅުނު ދެ މުބާރާތް، 2018 އާއި 2022 ގައި، ޖަރުމަން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ފުޓްބޯޅައިގެ ގަދަ ބާރަކަށް ބަލާއިރު ބޮޑު ހިތާމައެކެވެ.

ނަމަވެސް ގްރޫޕްގެ ފުރަތަމަ ދެ މޮޅާ އެކު ހަ ޕޮއިންޓް ލިބުމުން މިހާރު އެ ވަނީ އެއްވަނަ ކަށަވަރުވެފަ އެވެ. ގްރޫޕްގައި ދެން ހިމެނޭ ކިއުރަސާއޯ އާއި އިކުއަޑޯ މިއަދު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ގްރޫޕްގެ ފަހު ދެ މެޗަށް ދާއިރު ފުރުސަތު ބޮޑީ މިހާރު ވެސް ތިން ޕޮއިންޓްގައި އޮތް އައިވަރީ ކޯސްޓަށެވެ.

އުންޑާވްގެ ދެ ލަނޑާ އެކު އޭނާ މި ވޯލްޑް ކަޕްގައި ޖެހި ލަނޑުގެ އަދަދު މިހާރު ވަނީ ތިނަކަށް އަރައިފަ އެވެ. ފުރަތަމަ މެޗުގައި ކިއުރަސާއޯ ކޮޅަށް ވެސް އޭނާ ލަނޑެއް ޖެހި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް