މިރޭ ސްވިޑުން ކޮޅަށް ދެ ލަނޑު ޖެހި ނެދަލެންޑްސްގެ ބްރިއަން ބްރޮބޭ އުފާ ފާޅުކުރަނީ
ސްވިޑުންއާ ދެކޮޅަށް ނެދަލެންޑްސްގެ ފެންވަރު ދައްކާލައިފި
ވޯލްޑް ކަޕްގައި ސްވިޑުން އާއި ނެދަލެންޑްސް ވާދަކުރުމަކީ އާންމު ކަމެއް ނޫނެވެ. މިރޭގެ ތަފާތު ބޮޑު ނަތީޖާގެ ކުރިން ދެ ގައުމު ބައްދަލުކުރީ އެންމެ ފަހަރަކު، 1974ގެ ވޯލްޑް ކަޕްގަ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އެކަމަކު 52 އަހަރު ފަހުން މިރޭ ނެދަލެންޑްސް އިން ދެއްކީ މުޅިން ތަފާތު ކުޅުމެކެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރެވޭ ފެންވަރުގެ ޓީމެއްކަން ސާބިތުކޮށްދިނީ 5-1 އިން މޮޅުވެގެންނެވެ.
ގްރޫޕް އެފްގެ މެޗުތައް ކުރިއަށް ދަނީ ގިނަ ލަނޑުތަކަކާ އެކުގަ އެވެ. މިރޭ ސްވިޑުން ކޮޅަށް ނެދަލެންޑްސްއިން ޖެހި ފަސް ލަނޑުގެ ތެރޭގައި ބްރިއަން ބްރޮބޭ އާއި ކޮޑީ ގެކްޕޯ، މިއިން ކޮންމެ ކުޅުންތެރިޔަކު ޖެހި ދެ ލަނޑު ހިމެނެ އެވެ.
ނެދަލެންޑްސްގެ ފަސް ވަނަ ލަނޑު ޖެހީ ކްރައިސެންސިއޯ ސަމަވިލޭ އެވެ.
ސްވިޑުން ވަނީ ފުރަތަމަ މެޗުގައި ހަމަ މި ނަތީޖާއިން ޓިއުނީޝިއާ ބަލިކޮށްފަ އެވެ.
ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި ޖަޕާނާ ކުޅެ ނިންމާލީ 2-2 އިން އެއްވަރުވެގެންނެވެ.
ގްރޫޕްގައި ހަތަރު ޕޮއިންޓާ އެކު ނެދަލެންޑްސް މިވަގުތު އޮތީ އެއް ވަނައިގަ އެވެ. މާދަމާ ހެނދުނު ކުޅޭ މެޗުން ޓިއުނީޝިއާ އަތުން ޖަޕާން މޮޅުވެއްޖެ ނަމަ ހަތަރު ޕޮއިންޓުން ދެ ޓީމު އެއްވަރުވާނެ އެވެ. އެހެންކަމުން ގްރޫޕްގެ ވަނަތައް އެނގޭނީ އެންމެ ފަހު ދެ މެޗުގެ ނަތީޖާއިންނެވެ.
ކޮމެންޓް