މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ: އޭނާގެ މައްޗަށް ފްރާންސްގެ އަންހެނަކު ވަނީ ރޭޕްގެ ތުހުމަތުކޮށްފައި
ރޭޕްގެ ތުހުމަތުގައި ހަކީމީގެ މައްޗަށް ޝަރީއަތް ކުރަން ނިންމައިފި
މޮރޮކޯގެ ކެޕްޓަން އަދި ޕީއެސްޖީގެ ތަރި އަޝްރަފް ހަކީމީ ވެސް އެންމެ ފަހުން އޭނާގެ ދިފާއުގައި ދިގުކޮށް ވާހަކަ ދައްކައިފި އެވެ. ރޭޕްގެ ހުރިހާ ތުހުމަތެއް ދޮގު ވެސް ކުރި އެވެ. ނަމަވެސް މިހާރު މިވަނީ ޝަރީއަތުން ގޮތެއް ނިންމަން ޖެހޭ ހިސާބަށް އެކަން ގޮސްފަ އެވެ.
ވޯލްޑް ކަޕްގައި މޮރޮކޯގެ މިސްރާބު ހުރީ ގަދަ 32 ނުވަތަ ނޮކްއައުޓް ބުރަށެވެ. ބްރެޒިލްއާ އެއް ގްރޫޕްގައި އޮތް އިރު، ދެ މެޗަށް ފަހު ހަތަރު ޕޮއިންޓުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ.
އެކަމަކު ޝަރީއަތާ ކުރިމަތިލާން ޖެހޭނެ ކަމަށް އެންގުމާ އެކު ހަކީމީ އާއި މުޅި ޓީމަށް ވެސް އަސަރުތަކެއް ކުރުން އެކަށީގެންވެ އެވެ.
ރޭޕްގެ ތުހުމަތު އުފުލި ފްރާންސްގެ އަންހެން މީހާ ބުނީ އެކަން ކުރީ ހަކީމީގެ ގެއަށް އޭނާ ގެންގޮސް 2023ގައި ކަމަށެވެ. އޭރު އަންހެން މީހާގެ އުމުރަކީ 24 އަހަރެވެ.
ދައުލަތުގެ ވަކީލުން އޭގެ ތަހުގީގު ފެށީ މާޗު 2023ގަ އެވެ. ޝަރީއަތް ފަށަން ކުރިން އޮތީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. ނަމަވެސް ޝަރީއަތް ހުއްޓުވަން ހަކީމީގެ ފަރާތުން ކުރި މަސައްކަތާ އެކު ޝަރީއަތް ފެށޭ ގޮތެއް ނުވި އެވެ. ހަކީމީގެ އެންމެ ފަހު އިސްތިއުނާފު ވެސް މިހާރު ވަނީ ނާކާމިޔާބުވެފަ އެވެ. އެހެންކަމުން ދެން އޮތީ ޝަރީއަތާ ކުރިމަތިލުމެވެ.
ފްރާންސްގެ ޗެމްޕިއަން އަދި މިދިއަ ދެ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ތަށި ވެސް ނެގި ޕީއެސްޖީގެ ދިފާއީ ކުޅުންތެރިޔާ ހަކީމީ ސޯޝަލް މީޑިއާގައި ވަނީ ދިގު ބަޔާނެއް ލިއެފަ އެވެ.
އޭނާ ބުނި ގޮތުގައި އޭނާ އެހާ މަޝްހޫރު ނޫން ނަމަ މި މައްސަލަ ކުރިމައްޗެއް ނުވީހެވެ.
އޭނާ ބުނީ ކުށެއް ނެތްކަން ސާބިތުކޮށްދޭން މި ޝަރީއަތާ ކުރިމަތިލާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
ރޭޕްގެ ތުހުމަތުކުރާ އަންހެންމީހާގެ ވަކީލު ބުނި ގޮތުގައި ގާނޫނީ ދެމުންތަކުގައި މައްސަލަ ތާށިވެފައި އޮންނަތާ ތިން އަހަރު ފަހުން ޝަރީއަތް ކުރިއަށް ގެންދަން ނިންމުމަކީ އަންހެން މީހާއަށް ލިބުނު ހަމަޖެހުމެކެވެ.
"އަޝްރަފް ހަކީމީގެ ދީފާއީ ވަކީލުން ވަނީ އަންހެންމީހާގެ އަބުރު ގެއްލޭ ވަރަށް ކިސަޑު އުކާފައި ކަމަށް އޭނާ ގަބޫލުކުރޭ،" ވަކީލް ބުންޏެވެ.
ޝަރީއަތް ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މޮރޮކޯ ހިމެނޭ ގްރޫޕްގެ ހުރިހާ މެޗެއް އޮތީ އެމެރިކާގަ އެވެ. އެކަމަކު ދެވަނަ ބުރަށް ގޮސް ކެނެޑާ އާއި މެކްސިކޯއަށް ދަތުރުކުރަން ޖެހިއްޖެ ނަމަ ހަކީމީއަށް މައްސަލަތަކާ ކުރިމަތިވާނެ އެވެ.
ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް ކެނެޑާއިން ވިސާ ނުދިނީ ވެސް ރޭޕްގެ ތުހުމަތުގައި ޝަރީއަތާ ކުރިމަތިލާން ޖެހިފައި އޮތުމުންނެވެ. އިންގްލެންޑްގައި ހަތަރު އަންހެނަކު އޭނާގެ މައްޗަށް ކުރި ރޭޕްގެ ތުހުމަތުގައި ހަތް ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެ ހުރިހާ ދައުވާއަކަށް ވެސް ޕާޓޭ އިންކާރުކުރި އެވެ.
އޭނާގެ ޝަރީއަތް ފަށަން އޮތީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
ކޮމެންޓް