މިއަދު ހެނދުނު ކުޅުނު މެޗުގައި ސައުތު ކޮރެޔާގެ ކީޕަރު ކިމް އަތުން ބޯޅަ ވެއްޓުމާ އެކު މެކްސިކޯގެ ލުއިސް ރޯމޯ ގޯލަށް ބޯޅަ ފޮނުވާލަނީ
ދެކުނު ކޮރެޔާ ކީޕަރުގެ އެންމެ ގޯހެއް، މެކްސިކޯ އެ ދިޔައީ ދެވަނަ ބުރަށް
އެއީ ހިފަން ފަސޭހަ ބޯޅައެކެވެ. ދެކުނު ކޮރެޔާގެ ދެ ޑިފެންޑަރުން ކައިރީގައި ތިއްބެވެ. ކީޕަރު ކިމް ސުއަންގް ގުޔޫ ފުންމައިގެން އަރާ ރީއްޗަށް ބޯޅާގައި ހިފާލި އެވެ. ނަަމަވެސް ދެ އަތް ތިލާގައި ބޯޅަ ހަރުނުލާ ވެއްޓުނީ އެވެ. އޭރު މެކްސިކޯގެ ލުއިސް ރޯމޯ ހުރީ ކުރިމަތީގަ އެވެ.
ރޯމޯގެ ވިސްނުން ތޫނެވެ. ކިމް އާއި ދެކުނު ކޮރެޔާގެ ދިފާއީ ކުޅުންތެރިން ބޮނޑިވެފައި ތިއްބާ ހުހަށް އޮތް ގޯލަށް ބޯޅަ ފޮނުވާލި އެވެ. މެޗުގެ 50 ވަނަ މިނިޓެވެ. މެކްސިކޯއަށް ނޮކްއައުޓް ބުރުގެ ޖާގަ ކަށަވަރުކޮށްދޭ ހަމަލާއެކެވެ.
ގްރޫޕް އޭގެ މި ވާދަކުރުމަށް ނުކުތް އިރު ވެސް ފުރަތަމަ މެޗުން ދެ ޓީމު މޮޅުވެ ތިން ޕޮއިންޓުން އޮތީ އެއްވަރުވެފަ އެވެ. ރޭ ޗެކް ރިޕަބްލިކާއި ސައުތު އެފްރިކާ 1-1 އިން އެއްވަރުވުމުން މި މެޗުން މޮޅުވާ ބަޔަކަށް ގަދަ 32 އިން ޖާގަ ކަށަވަރުވާނެކަން އެނގެ އެވެ.
އެ ވިސްނުމުގައި ކުޅުނު އިރު ފުރަތަމަ ހާފު ނިމުނީ އެހާމެ ވަނދުކޮށެވެ. ކުޅުމަކަށް ވާ ކަހަލަ ކުޅުމެއް ދެ ޓީމުން ކިރިޔާ ވެސް ކުޅެގަތީ ދެވަނަ ހާފުގަ އެވެ. އެކަމަކު މެޗުގެ ފަހު މިނިޓްކޮޅަށް އެޅުމުގެ ކުރިން ދެކުނު ކޮރެޔާއަށް އެންމެ ހަމަލާއެއް ވެސް ގޯލަށް އަމާޒެއް ނުކުރެވުނެވެ.
ކިމްގެ ގޯހުން މެކްސިކޯއަށް ކުރިލިބުނަސް އޭގެ ފަހުން އޭނާ ވަނީ ވަރަށް ނުރައްކާތެރި ދެ ހަމަލާއެއް ސަލާމަތް ވެސް ކޮށްފަ އެވެ. އެހެންކަމުން މެޗުން ބަލިވުމުގައި އޭނާ ގޯސްކުރެވޭކަށް ނެތެވެ.
މެކްސިކޯއާ އެކު ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު ދެކުނު ކޮރެޔާއަށް ވަރަށް ބޮޑެވެ. ސައުތު އެފްރިކާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ފުރުސަތު ލިބިދާނެ އެވެ.
ކޮމެންޓް