މި ފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ހެޓްރިކް ހެދި ކެނެޑާގެ ޖޮނަތަން ޑޭވިޑް ގަތަރު ކޮޅަށް ލަނޑެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް 2026

ހެޓްރިކެއް، ދެ ރަތް ކާޑު، ހަ ލަނޑު: ކެނެޑާ އުދުހެނީ

ފުރަތަމަ މެޗުގައި ސްވިޓްޒަލެންޑްއާ އެއްވަރުކޮށް ގަތަރުން ހޯދި ތާރީހީ ޕޮއިންޓަށް ފަހު ރޭ ކެނެޑާ އަތުން ތަފާތު ބޮޑުކޮށް ބަލިވީ ދެ ރަތް ކާޑުގެ ސަބަބުން ނުވަ ކުޅުންތެރިންނާ އެކު
1 ގަޑިއިރު ކުރިން

ސްވިޓްޒަލެންޑްއާ 1-1 އިން އެއްވަރުކޮށް ވޯލްޑް ކަޕްގެ ތާރީހީ ފުރަތަމަ ޕޮއިންޓް ހޯދައިގެން ގަތަރުން ފަހުރުވެރިވީ މިދިއަ ހަފުތާގަ އެވެ. ނަމަވެސް ރޭ ކެނެޑާ އަތުން 6-0އިން ހަމައެކަނި ބަލިވީކީ ނޫނެވެ. ދެ ރަތް ކާޑު ވެސް ހޯދީ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ގައުމުގެ ތެރޭގައި ހިމެނޭ ކެނެޑާއަށް މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފުރަތަމަ މޮޅެވެ. ވެންކޫވާގެ ބީސީ ޕެލެސް ސްޓޭޑިއަމްގައި، 52،000 މީހުންގެ ކުރިމަތީގައި، ކެނެޑާގެ ޖޮނަތަން ޑޭވިޑް ހެޓްރިކެއް ވެސް ހެދީ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ހެޓްރިކް ހެދީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެވެ. އޭނާގެ ސަޕޯޓަރުން އެ ހެޓްރިކް ފާހަގަކުރީ މުޅި ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ކުޅުންތެރިޔަކު ހެދި ފުރަތަމަ ހެޓްރިކް ފަދައިންނެވެ.

ކެނެޑާގެ ތާރީހީ ހެޓްރިކްގައި ޑޭވިޑްގެ ލަނޑުތައް ގަތަރުގެ ގޯލަށް ވައްދާލީ 29، 3+45 އަދި 2+90 މިނިޓްގަ އެވެ.

ކެނެޑާގެ ހަ ލަނޑުގެ ތެރޭގައި ގަތަރުގެ މުހައްމަދު އަލް-މަންނާއީގެ އަތުން ބައި ކޮޅަށް ވަން ލަނޑެއް ވެސް ހިމެނެ އެވެ.

ގްރޫޕް ބީގައި ރޭ ބޮސްނިއާ 4-1 އިން ބަލިކޮށް ސްވިޓްޒަލެންޑް ވެސް ބޮޑު މޮޅެއް ހޯދި އެވެ. މިހާރު ކެނެޑާ އާއި ސްވިޓްޒަލެންޑް ވަނީ ހަތަރު ޕޮއިންޓުން އެއްވަރުވެފަ އެވެ. ލަނޑުގެ ތަފާތުން އެއްވަނާގައި ކެނެޑާ އެވެ.

މި މެޗާ ގުޅިފައި ހުރި މުހިންމު ކަންކަން

  • ކޮންކަފާ ސަރަހައްދުގެ ގައުމަކުން ވޯލްޑް ކަޕްގެ މެޗެއްގައި ޖެހި އެންމެ ގިނަ ލަނޑު

  • ޖޮނަތަން ޑޭވިޑަކީ 1930ގެ ވޯލްޑް ކަޕްގައި އެމެރިކާގެ ބާޓް ޕެޓަނައުޑޭ ހެދި ހެޓްރިކަށް ފަހު ކޮންކަފާގެ ގައުމެއްގެ ކުޅުންތެރިއެއްގެ ފުރަތަމަ ހެޓްރިކް

  • މިއީ 1982ގެ ވޯލްޑް ކަޕްގައި ބްރެޒިލްއާ ދެކޮޅަށް އިޓަލީގެ ޕައުލޯ ރޮސީ ހެޓްރިކް ހެދި ފަހުން ޔުއެންޓަސްގެ ކުޅުންތެރިޔަކު ވޯލްޑް ކަޕްގައި ހެދި ފުރަތަމަ ހެޓްރިކް

  • ގަތަރަކީ ވޯލްޑް ކަޕްގެ މެޗެއްގައި ދެ ރަތް ކާޑު ހޯދި އޭޝިއާގެ ފުރަތަމަ ގައުމު

  • މި މުބާރާތުގައި މިހާތަނަށް ދެއްކި ހަ ރަތް ކާޑަކީ 2014ގެ ވޯލްޑް ކަޕް (10 ރަތް ކާޑު)އަށް ފަހު އެންމެ ގިނަ ރަތް ކާޑު ފެނުނު ވޯލްޑް ކަޕް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް