ވޯލްޑް ކަޕްގައި އަލްޖީރިޔާ ކޮޅަށް ހެޓްރިކް ހެދުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އުފާ ފާޅުކުރަނީ: މިއީ ވޯލްޑް ކަޕްގައި އޭނާ ހެދި ފުރަތަމަ ހެޓްރިކް.
ވޯލްޑް ކަޕްގައި ހެޓްރިކެއް ހަދައިގެން މި އުޅެނީ އަލަށްތަ؟
އިއްޔެ ފަތިހު އާޖެންޓީނާ އާއި އަލްޖީރިއާ ބައްދަލުކުރި މެޗުގައި ލިއޮނެލް މެސީ ހެޓްރިކެއް ހެދުމުން އޭނާގެ ސަޕޯޓަރުން ހީވަނީ ސޯޝަލް މީޑިއާ ވައްޓާލާފާނެ ހެންނެވެ. އެކަމަކު ވެސް ނޫނެކެވެ. ވޯލްޑް ކަޕް މުބާރާތެއްގައި ހެޓްރިކެއް ހަދައިގެން މި އުޅެނީ އަލަކަށް ނޫނެވެ.
ހެޓްރިކް ހެދި ކުޅުންތެރިންގެ އޮތީ ދިގު ލިސްޓެކެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ތަފާތު 51 ކުޅުންތެރިޔަކު ވަނީ ހެޓްރިކް ހަދާފަ އެވެ. އޭގެ ތެރެއިން ހަތަރު ކުުންތެރިޔަކު ވަނީ ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕްގައި ހެޓްރިކް ހަދާފަ އެވެ. އެހެންކަމުން ވޯލްޑް ކަޕްގެ ތާރީހުގައި ޖުމްލަ 55 ހެޓްރިކް ފެނިފައިވެ އެވެ.
މުޅި ލިސްޓް މި އާޓިކަލްއަށް ތިރިކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ، މި ގަރުނު ފެށި ފަހުން ބޭއްވި ވޯލްޑް ކަޕް މުބާރާތްތަކުގައި ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓެއް ހިމަނާލާނަމެވެ.
މި ގަރުނުގެ ތެރޭގައި ވޯލްޑް ކަޕް މުބާރާތްތަކުގައި 10 ކުޅުންތެރިޔަކު ވަނީ ހެޓްރިކް ހަދާފަ އެވެ. އެއީ:
-
1-
މިރޮސްލާވް ކްލޯސާ (ޖާމަނީ) - ވޯލްޑް ކަޕް 2002ގެ ގްރޫޕް ސްޓޭޖު މެޗެއްގައި ސައުދީ އަރަބިއްޔާ ކޮޅަށް؛ އޭނާ އެ ތިން ގޯލު ވެސް ޖެހީ ބޮލުން ޖަހައިގެން
-
2-
ޕައުލެޓާ (ޕޯޗުގަލް) - ވޯލްޑް ކަޕް 2002ގެ ގްރޫޕް ސްޓޭޖު މެޗެއްގައި ޕޮލެންޑު ކޮޅަށް
-
3-
ގޮންޒާލޯ ހިގުއައިން (އާޖެންޓީނާ) - ވޯޯލްޑް ކަޕް 2010ގެ ގްރޫޕް ސްޓޭޖު މެޗެއްގައި ސައުތު ކޮރެއާ ކޮޅަށް
-
4-
ތޯމަސް މުލާ (ޖާމަނީ) - ވޯލްޑް ކަޕް 2014ގެ ގްރޫޕް ސްޓޭޖު މެޗެއްގައި ޕޯޗުގަލް ކޮޅަށް
-
5-
ޖާޑަން ޝަކީރީ (ސުވިޓްޒަލެންޑް) - ވޯލްޑް ކަޕް 2014ގެ ގްރޫޕް ސްޓޭޖު މެޗެއްގައި ހޮންޑިއުރަސް ކޮޅަށް
-
6-
ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް) - ވޯލްޑް ކަޕް 2018ގެ ގްރޫޕް ސްޓޭޖު މެޗެއްގައި ސްޕެއިން ކޮޅަށް
-
7-
ހެރީ ކޭން (އިންގްލެންޑް) - ވޯލްޑް ކަޕް 2018ގެ ގްރޫޕް ސްޓޭޖު މެޗެއްގައި ޕެނަމާ ކޮޅަށް
-
8-
ގޮންސާލޯ ރާމޯސް (ޕޯޗުގަލް) - ވޯލްޑް ކަޕް 2022ގެ ރައުންޑް އޮފް 16ގައި ސުވިޓްޒަލެންޑް ކޮޅަށް
-
9-
ކީލިއަން އެމްބާޕޭ (ފްރާންސް) - ވޯލްޑް ކަޕް 2022ގެ ފައިނަލުގައި އާޖެންޓީނާ ކޮޅަށް
-
10-
ލިއޮނެލް މެސީ (އާޖެންޓީނާ) - މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު މެޗެއްގައި އަލްޖީރިއާ ކޮޅަށް
ވޯލްޑް ކަޕް މުބާރާތެއްގައި ހެޓްރިކެއް ހެދުމަކީ ހާއްސަ ކަމެކެވެ. އެކަމަކު އެ ދިގު ލިސްޓުން ބައެއް ހެޓްރިކްތަކަކީ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ ހެޓްރިކްތަކެއް ކަމާ މެދު ފުޓުބޯޅަ ސަޕޯޓަރުން ދެބަހެއް ނުވާނެ އެވެ.
މިސާލަކަށް ވޯލްޑް ކަޕް 1958ގެ ސެމީގައި ފްރާންސް ކޮޅަށް ބްރެޒިލް ލެޖެންޑު ޕެލޭ، އޭނާގެ އުމުރުން އެންމެ 17 އަހަރުގައި ހެދި ހެޓްރިކެވެ. އޭނާއަކީ އަދިވެސް ވޯލްޑް ކަޕެއްގައި ހެޓްރިކް ހެދި އެންމެ ހަގު ކުޅުންތެރިޔާ އެވެ.
ވޯލްޑް ކަޕް 1966ގެ ފައިނަލުގައި އިންގްލެންޑުގެ ޖެފް ހާސްޓު، ވެސްޓް ޖާމަނީ ކޮޅަށް ޖެހި ހެޓްރިކަކީ އާދައިގެ ހެޓްރިކެއް ނޫނެވެ. އިތުރު ވަގުތު ކުޅެ، 4-2ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކުރީ އިންގްލެންޑެވެ. މިއީ އިންގްލެންޑަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުނު ވެސް ހަމަ އެކަނި ފަހަރެވެ.
މިފަހުން ހެދި ހެޓްރިކްތަކުގެ ތެރެއިން ޝައްކެއް ވެސް ނެތް ގޮތުގައި އެންމެ ހާއްސަ އެއް ހެޓްރިކަށް ވާނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ ކޮޅަށް އެމްބާޕޭ ޖެހި ހެޓްރިކެވެ. އޭނާ އެ ތިން ގޯލު ޖެހީ މެޗުގެ 80، 81 އަދި 118 ވަނަ މިނެޓުގަ އެވެ.
ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ފްރާންސްގެ މައްޗަށް ކުރި ހޯދިޔަސް، އެ ހިސާބަށް ދެވުނީ އެމްބާޕޭގެ ތިން ގޯލާ އެކީގަ އެވެ.
އިއްޔެ ފަތިހު މެސީ ވެސް ހެދީ އޭގެ ގޮތުގައި ހާއްސަ ހެޓްރިކެކެވެ. އެއީ ވޯލްޑް ކަޕްގައި އޭނާގެ ފުރަތަމަ ހެޓްރިކަށް ވުމުގެ އިތުރުން، މުބާރާތުގައި ހެޓްރިކެއް ހެދި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާއަކީ ވެސް އޭނާ އެވެ. އެ ހެޓްރިކްއާ އެކު ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި މިރޮސްލާވް ކްލޯސާ (16 ގޯލް)އާ އެއްވަރުވުމަކީ ދެން އިއްތިފާގެކެވެ.
އެހެންކަމުން، ނޫނެކެވެ. ވޯލްޑް ކަޕް މުބާރާތެއްގައި ކުޅުންތެރިޔަކު ހެޓްރިކެއް ހަދައިގެން މި އުޅެނީ އެއްގޮތަކަށް ވެސް އަލަކަށް ނޫނެވެ.
ކޮމެންޓް