ރޭގެ މެޗު އެއްވަރުވުމުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެރަވެފައި
ޕޯޗުގަލްގައި ތިބީ 10 ކުޅުންތެރިންނާއި ބުދެއް
ރޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ކުޅެ ޕޯޗުގަލްއަށް 1-1ގެ ނަތީޖާއެއް ލިބުމުން ގިނަ ފާޑުކިޔުންތައް އަމާޒުވީ ކެޕްޓަން ކްރިސްޓިއާނާ ރޮނާލްޑޯއަށެވެ. ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ކޯޗު ރޮބާޓޯ މާޓިނެޒްގެ ހިތްވަރު ނެތުމުގެ ނަތީޖާ އެވެ.
ރޭ ރޮނާލްޑޯއަށް ވޯލްޑް ކަޕްގެ ތާރީހުގައި ރެކޯޑްތަކެއް ހެދެން އޮތެވެ. ހެދި ވެސް މެ އެވެ. އެގޮތުން؛
-
ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ (އަދި އޮތީ އިންތިޒާރުކުރުން)
-
ހަ ވޯލްޑް ކަޕްގައި ކުޅުނު ދެވަނަ ކުޅުންތެރިޔާ (ލިއޮނެލް މެސީއަކީ ފުރަތަމަ ކުޅުންތެރިޔާ)
-
މި ފަހަރުގެ ވޯލްޑް ކަޕްގައި ދެވަނައަށް އެންމެ ދޮށީ ކުޅުންތެރިޔާ
އެކަމަކު ދެވަނަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅޭ ކޮންގޯއާ ދެކޮޅަށް ރޮނާލްޑޯއަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
މެޗުގެ ހަވަނަ މިނިޓްގައި ޔޮއާއޯ ނޭވޭސް ޕޯޗުގަލްއަށް ކުރި ހޯދައިދިނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޮންގޯގެ ޔޮއާން ވިއްސާ ލަނޑު ޖަހައި އެއްވަރުކޮށްދިނެވެ.
ޕޯޗުގަލް ކަހަލަ ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމެއްގައި ރޮނާލްޑޯ، 41،އަށް މިހާރު ފުރުސަތު ދީގެން ނުވާނެ ކަމަށް، ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ނުލައި، ޕޯޗުގަލް ޓީމަށް އަދި ނުކުޅެވެ އެވެ.
އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ އިންޑިޕެންޑެންޓްގެ ރިޗަޑް ޖޮލީ ލިއުނު ގޮތުގައި ޕޯޗުގަލް ޓީމުގައި މިވަގުތު ތިބީ "10 ކުޅުންތެރިންނާއި ބުދެކެ"ވެ. އޭނާ އެ ބުނާ ބުދަކީ ރޮނާލްޑޯ އެވެ.
ރޮނާލްޑޯ އާއި ވޯލްޑް ކަޕް ތެރޭގައި 39 އަހަރު ފުރޭ ލިއޮނެލް މެސީގެ ވާދަވެރިކަން ކިތައްމެ ބޮޑަސް މެސީ އުޅެނީ އެހެން ފެންވަރެއްގަ އެވެ. ހަވަނަ ވޯލްޑް ކަޕަށް ނުކުމެ އިއްޔެ އަލްޖީރިޔާއާ ދެކޮޅަށް ހެޓްރިކް ހެދި އެވެ. މިހާރު މެސީއަކީ 16 ލަނޑާ އެކު ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ރޮނާލްޑޯގެ ޖުމްލައަކީ އެންމެ އަށެކެވެ.
"ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ކުޅެ އެއްވަރުވުމުން އެނގެނީ 10 ކުޅުންތެރިންނާއި ބުދެއް ލައިގެން ވޯލްޑް ކަޕް ކާމިޔާބުކުރުމަކީ ވަރަށް އުނދަގޫވާނެ ކަމެއް ކަމެވެ،" ޖޮލީ ލިއުނެވެ.
މި މުބާރާތުގައި ލަނޑު ޖެހުމުގެ ހުނަރުން ވިދާލާނެ އެހެން ކުޅުންތެރިން މިހާރު ވެސް ފެނިއްޖެ އެވެ. މެސީގެ އިތުރުން ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ. ނޯވޭގެ އާލިން ހާލޭންޑް އެވެ. އިންގްލެންޑްގެ ހެރީ ކޭން އެވެ. މި ތިން ކުޅުންތެރިން ވެސް ފުރަތަމަ މެޗުގައި ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ދިފާއީ ކުޅުންތެރިން ކަޓުވާނެ ހަލުއިކަމެއް ރޮނާލްޑޯގެ ނެތެވެ. ކޮންގޯގެ މެޗުގައި އެކަން ފެނުނެވެ.
ދަނޑު މަތީގައި ހުރި 'ބުދަކަށް' ވާން ބޭނުން ނޫން ނަމަ ނުވަތަ އޭނާއަށް ފާޑުކިޔާ މީހުންނަށް ރަނގަޅު ޖަވާބެއް ދޭ ނަމަ ކުރިއަށް އޮތް ދެ މެޗުގައި ލަނޑެއް/ލަނޑުތަކެއް ފެންނަން ޖެހޭނެ އެވެ.
ޕޯޗުގަލް ދެން ބައްދަލުކުރާނީ އުޒުބަކިސްތާނާ އެވެ. އޭގެ ފަހުން ކޮލަމްބިއާއާ އެވެ.
ކޮމެންޓް (1)
އަހުމަދު