ވޯލްޑް ކަޕްގައި އިންގްލެންޑުން ކްރޮއޭޝިއާގެ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކްރޮއޭޝިއާ ބަލިކޮށް، އިންގްލެންޑުން ވޯލްޑް ކަޕްގެ ތައްޓާ ގާތަށް ފިޔަވަޅެއް
އިންގްލެންޑުން ރޭ ކްރޮއޭޝިއާގެ މައްޗަށް ހޯދި ފަސޭހަ މޮޅަކީ ވޯލްޑް ކަޕްގެ ތައްޓާ ގާތަށް އެޅި ފިޔަވަޅެކެވެ. މިހެން ބުނުމުން ބައެއް މީހުންގެ ގާތަށް ވަރަށް ރުޅި އަންނާނެ އެވެ. އެކަމަކު މުބާރާތެއް ކާމިޔާބުކުރެވެނީ ވެސް މޮޅުވަމުން ގޮސްގެންނެވެ. ދެ ވަނަ ބުރަށް ދެވޭނީ ގްރޫޕް ސްޓޭޖުގެ މެޗުތަކުން ވެސް މޮޅުވެގެންނެވެ.
ވޯލްޑް ކަޕްގެ ގްރޫޕް އެލްގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ މައްޗަށް ގަދަވެގަތީ 4-2ގެ ނަތީޖާއަކުންނެވެ.
އިންގްލެންޑަށް މެޗުގެ ލީޑު ނަގަން ބޭނުންވީ އެންމެ 12 މިނެޓެވެ. ކްރޮއޭޝިއާގެ ޕެެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗު، އިންގްލެންޑުގެ މަޑުއެކޭއަށް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބުނެވެ.
ހެރީ ކޭން ޖެހި ޕެނަލްޓީ ކްރޮއޭޝިއާ ކީޕަރު ލިވާކޮވިޗު މަތަކުރި އެވެ. އެކަމަކު އޭނާ ހުރީ ގޯލު ލައިނަށް ވުރެ ކުރިއަށް ނުކުމެ އެވެ. ލިބުނު ދެ ވަނަ ފުރުސަތުގައި ކޭން އެއްވެސް ގޯހެއް ނުހަދަ އެވެ. ލިވާކޮވިޗު ޑައިވް ކުރީ ނުބައި ކޮޅަށެވެ. ކޭން ޖެހީ އަނެއް ކޮޅަށެވެ.
މެޗުގެ 36 ވަނަ މިނެޓުގައި މާޓިން ބަޓުރީނާ ޖެހި ހިތްގައިމު ގޯލަކާ އެކު ނަތީޖާ ހަމަހަމަވި ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ލިބުނު ކޯނަރަކުން ފުރުސަތު ތަނަވަސްކޮށް، ކޭން ވަނީ ދެ ވަނަ ފަހަރަށް އިންގްލެންޑަށް ލީޑު ނަގައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުނީ ކްރޮއޭޝިއާގެ އިތުރު ގޯލަކާ އެކު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ނަމަވެސް ދެ ވަނަ ހާފު ފެށި ގޮތަށް އިންގްލެންޑުގެ ޖޫޑް ބެލިންހަމް ވަނީ ތިން ވަނަ ފަހަރަށް ޓީމުގެ ލީޑު އިޔާދަކޮށްދީފަ އެވެ.
އިންގްލެންޑުގެ ބެންޗުގައި ވެސް ތިބީ އިތުރު ޓީމެއް އުފެއްދޭ ވަރުގެ ކޮލެޓީ ކުޅުންތެރިންނެވެ. މެޗުގެ އަދި އިންގްލެންޑުގެ ފަހު ގޯލު، ދެ ވަނަ ހާފުގެ ފަހުކޮޅުގައި ބެންޗުން އެރި މާކަސް ރަޝްފޯޑު ގުޅިގެން ޖެހުމަކީ އޭގެ ހެއްކެވެ. އޭނާއަށް އެ ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ބުކާޔޯ ސާކާ އެވެ.
ކްރޮއޭޝިއާއިން ނަތީޖާ އެއްވަރު ކުރި ދެ ފަހަރު ވެސް ކުޅިބަލަން ތިބި، މުޅިން އެހެން ޓީމުތަކުގެ ސަޕޯޓަރުން އެކަމާ އުފާ ފާޅުކުރަމުންދިޔަ އެވެ. ސަބަބަކީ އިންގްލެންޑް ބަލިވެދާނެކަމުގެ އުންމީދު ބޮޑުވުމެވެ. އެކަމަކު އިންގްލެންޑުން ރޭގެ މެޗުގައި ދެއްކި ނަތީޖާއާ އެކު އެ ވަނީ އެ އެންމެން ހިމޭން ކޮށްލާފަ އެވެ.
ރުޅިއަންނަ މީހުން ރުޅި އަޔަސް، އެ މޮޅަކީ، ހަމަ ހަގީގަތުގައި ވެސް ވޯލްޑް ކަޕްގެ ތައްޓާ ގާތަށް އެޅި ފިޔަވަޅެކެވެ.
ގްރޫޕް އެލްގައި ދެން ހިމެނެނީ ޕެނަމާ އާއި ގާނާ އެވެ. މި ދެ ޓީމުގެ ތެރެއިން އިންގްލެންޑުން ދެން ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ހަފްތާގެ ބުދަދުވަހު، ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރެވެ.
ކޮމެންޓް