ފްރާންސް އާއި ސެނެގޯލް ބައްދަލުކުރި މެޗުގައި ކީލިއަން އެމްބާޕޭ އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް 2026

އެމްބާޕޭއާ މެދު ސުވާލު އުފެއްދުމުން މުގުރާލީ ރެކޯޑެއް

ރޭ ސެނެގޯލް ކޮޅަށް ޖެހި ދެ ގޯލާ އެކު އެމްބާޕޭ އަކީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ

ފީފާ ވޯލްޑް ކަޕުގެ ގްރޫޕު އައިގައި ރޭ ސެނެގޯލް އާއި ފްރާންސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއަށެވެ.

ފުރަތަމަ 45 މިނެޓު ނިމުނުއިރު އޭނާގެ ފައިގައި ބޯޅަ ޖެހުނީ އެންމެ 14 ފަހަރު އެވެ. އެއީ މުޅި އެ ހާފުގައި ވެސް އެންމެ ދަށް އަދަދެވެ. އެންމެ ޝޮޓެއް ވެސް އޭނާއަށް ނުހެދެ އެވެ. އެކަމަކު ޝައްކު ނުކުރާށެވެ. އެއީ އެމްބާޕޭ އެވެ.

ފާޑުކިޔުންތަކަށް އެމްބާޕޭގެ ރައްދު އައީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި އޮލީސޭ ދިން ތުރޫ ޕާހަކަށް އެމްބާޕޭ ދުވެލާފައި ގޮސް ޖެހި ބޯޅަ ތިރިތިރިން ގޮސް ވަނީ ގޯލުގެ އެތެރެއަށެވެ. އެއީ އޭނާ ވޯލްޑް ކަޕުގައި ޖެހި 13 ވަނަ ގޯލެވެ.

އެމްބާޕޭ ސެނެގޯލް ކޮޅަށް ޖެހި ފުރަތަމަ ގޯލު

އޭގެ ދެ މިނެޓު ފަހުން ސެނެގޯލްގެ ޗެލްސީ ފޯވަޑް ނިކޮލަސް ޖެކްސަން ގޯލެއް ޖެހި ނަމަވެސް ލައިންސްމަން ނިންމީ އޭނާ ހުރީ އޮފްސައިޑުގައި ކަމަށެވެ.

މެޗުގެ ބާކީ ހުރި ގޯލުތައް ފެނުނީ ފަހު 10 މިނެޓާއި އިތުރު ވަގުތުގެ ތެރޭގަ އެވެ. ފްރާންސްގެ ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ބާކޮލާ އެވެ.

ސެނެގޯލްގެ ހަމައެކަނި ގޯލު، އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ޖެހީ އުމުރުން 18 އަހަރުގެ ފޯވަޑް އިބްރާހިމް އެމްބާއޭ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެފްރިކާގެ ޓީމަކުން ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ނަމަވެސް އޭގެ 68 ސިކުންތު ފަހުން އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި، ފްރާންސަށް މެޗު ޔަގީންކޮށްދީފަ އެވެ.

ސެނެގޯލްގެ ޕެނަލްޓީ އޭރިއާ ބޭރުން އެމްބާޕޭ ފޮނުވާލި އެ ބާރު ހަމަލާއަކީ ފާޑުކީ މީހުންނަށް ދިން ރައްދެކެވެ. އެ ގޯލާ އެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވެސް ވެފަ އެވެ.

ކުރިން އެ ރިކޯޑު އޮތީ 57 ގޯލާ އެކު އޮލިވިއޭ ޖިރޫޑް އަތުގަ އެވެ. މިހާރު، 58 ގޯލާ އެކު އެމްބާޕޭ އަތުގަ އެވެ.

ރޭގެ މެޗުގެ ދެ ގޯލާ އެކު އެމްބާޕޭ ވަނީ ވޯލްޑް ކަޕް މުބާރާތްތަކުގައި 14 ގޯލު ޖަހައި، އެ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ވެސް ހަތަރު ވަނައަށް ޖެހިލާފަ އެވެ.

އޭނާއަށް ވުރެ މަތީގައި އުޅެނީ 15 ގޯލު ޖެހި ރޮނާލްޑޯ ނަޒާރިއޯ އާއި 16 ގޯލު ޖެހި މިރޮސްލާވް ކްލޯސާ އަދި ލިއޮނެލް މެސީ އެވެ. ކްލޯސާއާ މެސީ އެއްވަރުކުރީ މިއަދު ފަތިހު ކުޅުނު މެޗުގައި ހެޓްރިކެއް ހަދައިގެންނެވެ.

ނަމަވެސް ގިނަ މީހުން ލަފާކުރަނީ މި މުބާރާތުގައި އެމްބާޕޭ އެ ލިސްޓުގެ އެއް ވަނައަށް އަރާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް