ވޯލްޑް ކަޕްގައި މިއަދު އަލްޖީރިޔާ ކޮޅަށް ހެޓްރިކް ހެދުމަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އުފާ ފާޅުކުރަނީ

ވޯލްޑް ކަޕް 2026

މެސީ ގެއްލެން އަދި ކައިރި ވެސް ނުވޭ، އެ ފެށީ ވޯލްޑް ކަޕްގައި އޭނާގެ ފުރަތަމަ ހެޓްރިކުން

ތަށި ދިފާއުކުރުމުގެ ފުރަތަމަ ދަތުރުގައި މިއަދު އަލްޖީރިޔާ 3-0އިން ބަލިކުރަން ލިއޮނެލް މެސީ ހެދި ހެޓްރިކާ އެކު އޭނާއަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި އެއް ކުޅުންތެރިޔާ ވެސް މެ
1 ގަޑިއިރު ކުރިން

ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް އެމެރިކާގެ ލީގަށް ދިޔުމާ އެކު ލިއޮނެލް މެސީ، ގިނަ ބައެއްގެ ލޯމަތިން ގެއްލުނީ އެވެ. އޭނާގެ ފުޓްބޯޅައިގެ ފެންވަރާ މެދު ސުވާލު ވެސް އުފެދުނެވެ. ނަމަވެސް އެއީ އަދިވެސް އަހަރެމެންނަށް ގެއްލޭނެ ކުޅުންތެރިއެއް ނޫންކަން މިއަދު އެ ސާބިތުކޮށްދިނީ އެވެ.

ތަށި ދިފާއުކުރަން ނުކުތް އާޖެންޓީނާގެ ފުރަތަމަ މެޗުގައި އަލްޖީރިޔާ 3-0އިން ބަލިކުރި އިރު އެ ތިން ލަނޑު ވެސް ޖެހީ އުމުރުން 38 އަހަރުގެ މެސީ އެވެ. މިއީ ވޯލްޑް ކަޕްގައި އޭނާގެ ފުރަތަމަ ހެޓްރިކެވެ. އޭނާގެ ހަވަނަ ވޯލްޑް ކަޕެވެ. މިއީ ހަ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ.

މެސީގެ ހެޓްރިކުން ހަމައެކަނި ނިންމާލެވޭކަށް ނެތެވެ. އޭނާގެ ތިން ލަނޑާ އެކު ވޯލްޑް ކަޕްގައި އޭނާގެ ލަނޑުގެ އަދަދު 16އަށް ވެސް އެރީ އެވެ. އޭގެ މާނައަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ޖަރުމަންގެ މިރޮސްލާވް ކްލޯސޭއާ އެއްވަރުވީ އެވެ. މި ވޯލްޑް ކަޕްގައި އިތުރު އެންމެ ލަނޑެއް ޖެހިޔަސް، މެސީގެ އާ ތާރީހެއް އުފެދޭނެ އެވެ.

އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް އާޖެންޓީނާ ނުކުތް އިރު ކުރިމަތީގައި އޮތީ ވަރަށް ބޮޑު މަސައްކަތެކެވެ: އެންމެ ފަހުގެ ޗެމްޕިއަންކަން ދިފާއުކުރުމެވެ. މިހާތަނަށް އެކަން ކާމިޔާބުކުރެވިފައި ވަނީ އިޓަލީ އާއި ބްރެޒިލްއަށެވެ.

މިއީ ތަށި ދިފާއުކުރަން އާޖެންޓީނާ މީގެ ކުރިން ނުުކުތް ފަހަރުތަކުގައި އަބަދުވެސް ފުރަތަމަ މެޗުން ބަލިވާ ބަލިވުމާ ދުރުވި ދުވަސް މެ އެވެ. އެގޮތުން 1978ގެ ޗެމްޕިއަންކަން ހޯދާފައި 1982ގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި އެވެ. އަދި 1986ގެ ތަށި ދިފާއުކުރަން 1990ގައި ނުކުމެ ކުޅުނު ފުރަތަމަ މެޗުން ވެސް ވީ ބައްޔެވެ.

އެކަމަކު މެސީގެ ކެޕްޓަންކަމުގައި ހޯދި ތަށި ދިފާއުކުރަން މިއަދު ފެށި މަސައްކަތް އޭނާގެ ހުނަރާއި މޮޅު ކުޅުމުން މިވަނީ ކާމިޔާބުކޮށްފަ އެވެ.

މިއަދުގެ މެޗުގައި މެސީ ވަރަށް ނުރައްކާތެރި ފައުލެއް ވެސް ކުރި އެވެ. އެކަމަކު ފުރަތަމަ ހާފުގައި އަލްޖީރިޔާގެ އައިއްސާ މަންޑީއަށް ކުރި ނުރައްކާތެރި ފައުލްއަށް އަދަބެއް ނުލިބެ އެވެ.

ހެޓްރިކާ އެކު މެސީގެ ސަޕޯޓަރުންގެ ރޫހު ދިރިގެން އަތުވެއްޖެ އެވެ. އެކަން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބަހައްޓާފައި ހުރި ބޮޑު ސްކްރީން ދޮށަށް އެއްވި އާޖެންޓީނާގެ ސަޕޯޓަރުންގެ އަދަދުން ވެސް އެނގެ އެވެ. ވޯލްޑް ކަޕް ފެށި ފަހުން އެ ޓެންޓް މީގެ ކުރިއަކުން ނުފުރެ އެވެ. ނަމަވެސް އާޖެންޓީނާގެ ސަޕޯޓަރުން މިއަދު ހެނދުނު އެތަން އޮތީ ފުރާލައިފަ އެވެ. ގިނައީ ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް