ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން ހިފަހައްޓާލި ކޭޕް ވާޑޭގެ ކީޕަރު ވޮޒީނިއާ.

ވޯލްޑް ކަޕް 2026

ސްޕެއިން ހިފަހައްޓާލި ކޭޕް ވާޑޭގެ ކީޕަރަށް 3 މިލިއަނަށް ވުރެ ގިނަ ފޮލޮވަރުން

މެޗު ފެށިއިރު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ތިބީ 50،000 ވަރަކަށް ފޮލޮވަރުން. ނަމަވެސް މެޗުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން މެޗު ނިމުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ފޮލޮވަރުންގެ އަދަދު މިލިއަނުން ދަނީ އިތުރުވަމުން
1 ގަޑިއިރު ކުރިން
1

ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބަލާ، އަދި އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނަށް ރޭ ކޭޕް ވާޑޭ ކޮޅަށް އުފެއްދުނީ 27 ހަމަލާ އެވެ. އޭގެ ތެރެއިން ގޯލާ އަމާޒުވި ހަތް ޝޮޓު ވެސް، ކޭޕް ވާޑޭގެ އުމުރުން 40 އަހަރުގެ ކީޕަރު ޖޮސިމާ ޑިއާސް (ވޮޒީނިއާ) ވަނީ މަތަކޮށްފަ އެވެ.

ޝޮޓެއް މަތަކުރި ކޮންމެ ފަހަރަކު ކޭޕް ވާޑޭގެ ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމާލީ، އެ ޓީމުން ގޯލެއް ޖެހި ފަދައިންނެވެ.

ދަނޑުގެ ބޭރުން، ސޯޝަލް މީޑިއާގައި ވެސް އޭނާއަށް އޮތީ ތައުރީފެވެ. މުޅި ސޯޝަލް މީޑިއާގައި މިހާރު އޭނާ ވަނީ ވައިރަލްވެފަ އެވެ.

ކޭޕް ވާޑޭގެ ކީޕަރު ވޮޒީނިއާ ސްޕެއިންގެ ހަމަލާއެއް މަތަކުރަނީ.

މެޗަށް އެރިއިރު އޭނާގެ ފޮލޮވަރުންގެ އަދަދަކީ ގާތްގަނޑަކަށް 50،000 އެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 27،000 އެވެ.

އެކަމަކު މެޗު ނިންމާފައި ފޭބިއިރު އެ އަދަދު ވަނީ މިލިއަނުން ހުރަސްކޮށްފަ އެވެ. މެޗަށް ފަހު އޭނާއާ އިންޓަވިއުކުރި ރިޕޯޓަރަކު ވޮޒީނިއާގެ ރަސްމީ އެކައުންޓު އޭނާއަށް ދެއްކިއިރު ވެސް ފޮލޮވަރުންގެ އަދަދު ވަނީ ދެ މިލިއަން ހުރަސްކޮށްފަ އެވެ. އޭނާއަށް ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އޭނާއަށް ތަކުރާރުކޮށް ބުނެވުނީ 'ދެޓްސް ކްރޭޒީ' އެވެ.

ރޭ ދަންވަރު، މި ހަބަރު ލިޔެ ނިމުނުއިރު ވޮޒީނިއާގެ ފޮލޮވަރުންގެ އަދަދު ހުރީ 3.2 މިލިއަންގަ އެވެ.

ވޮޒީނިއާގެ އިންސްޓަގްރާމް އެކައުންޓު: ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކިރިޔާ ބައި ލައްކަ ފޮލޮވަރުން ތިއްބާ، މެޗަށް ފަހު އެ އަދަދު އަންނަނީ މިލިއަނުން އިތުރުވަމުން.

ވޮޒީނިއާ ދެއްކި މޮޅު ކުޅުމާ އެކު އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ވެސް އޭނާއަށެވެ. މުޅި ސޯޝަލް މީޑިއާގައި އޭނާއަށް ތައުރީފު އޮއްސަނީ އެވެ. އެކަމަކު ހާފް ޓައިމްގައި ޓީވީއަށް އަރައި ތިބި ދިވެހި އެނަލިސްޓުން ބުނާ ގޮތުގައި ވޮޒީނިއާގެ ފަރާތުން މާ މޮޅު ކުޅުމެއް ނުފެނެ އެވެ. ގަޔާ ދިމާލަށް ދިޔަ ބޯޅަތަކެއް ހިފާލީ އެވެ.

ސްޕެއިންގެ ފެރާން ޓޮރޭޒް ފޮނުވާލި ހަމަލާއެއް ވޮޒީނިއާ މަތަކުރަނީ
ސްޕެއިނުން ކޭޕް ވާޑޭގެ ގޯލާ އަމާޒުކޮށް ޖެހި ހަތް ހަމަލާ ވެސް ވޮޒީނިއާ ވަނީ މަތަކޮށްފައި

ވޮޒީނިއާއަކީ ކާކު؟

ވޮޒީނިއާއަށް ރޭގެ މެޗަކީ އޭނާގެ މުޅި އުމުރު ދުވަހު ގަދައަޅައި ކުރި މަސައްކަތުގެ ނަތީޖާ އެވެ. އާންމުކޮށް، އެހެން ކުޅުންތެރިންނާ ހިލާފަށް ޕްރޮފެޝަނަލް ފެންވަރުގައި އޭނާ ކުޅެން ފެށީ ވެސް އުމުރުން 25 އަހަރުގަ އެވެ. މި މަހު ކުރީކޮޅު އޭނާއަށް 40 އަހަރު ވަނީ ފުރިފަ އެވެ.

އޭނާގެ ކެރިއަރުގައި އަމިއްލަ ގައުމު ކޭޕް ވާޑޭ އާއި މޮލްޑޯވާ، ސައިޕްރަސް އަދި އެންގޯލާގެ އިތުރުން ޕޯޗުގަލްގެ ކުލަބުތަކަށް ކުޅެފައިވެ އެވެ. މިހާރު ކުޅެމުން އަންނަނީ ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނުގެ ޗާވޭސްއަށެވެ.

ކުޅުން ހުއްޓާލައި، ގައުމީ ޓީމުން ރިޓަޔާކުރަން ހިތަށްއެރި ނަމަވެސް، ވޮޒީނިއާ ބުނި ގޮތުގައި މަޑުކުރި ސަބަބަކީ އޭނާގެ ވޯލްޑް ކަޕް ހުވަފެން ހަގީގަތަކަށް ހެދުމެވެ. ރޭ މޭން އޮފް ދަ މެޗުގެ މަގާމު ވެސް ލިބުނު ވޮޒީނިއާއަށް އެކަން އެ ވަނީ ހަގީގަތަކަށް ވެފަ އެވެ.

ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން ހިފަހައްޓާލި ކޭޕް ވާޑޭގެ ކީޕަރު ވޮޒީނިއާ.

އެ މެޗު ނިމުމާ އެކު ވޮޒީނިއާގެ ލޮލުން ފައިބައިގަތީ ކަރުނަ އެވެ. އެކަމަކު އޭގެ ފަހަތުގައި އޮތީ އުފަލަށް ވުރެ ބޮޑަށް ހިތާމަ އެވެ.

"އަހަރެން ބޮޑުވީ އަހަރެންގެ މާމަ އާއި ކާފައާ އެކު. ދެރަވީ އެމީހުން މިއަދު މިތަނުގައި ނެތީމަ. މީގެ އަހަރުތަކެއް ކުރިން އެމީހުން މަރުވެއްޖެ. އަހަރެންގެ ހުރިހާ ވެސް އެއްޗަކީ އެއީ،" މެޗަށް ފަހު ބޭރުގެ މީޑިއާތަކާ ވާހަކަދައްކަމުން ވޮޒީނިއާ ބުންޏެވެ.

"އަނެއް ސަބަބަކީ މަންމަ. ވިސާގެ މައްސަލައެއް ދިމާވެގެން އަދި އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހުނީމަ މަންމައަށް މިއަދު މިތަނަށް ނާދެވުނު. އަހަރެން ވަރަށް ބޭނުންވި މަންމަން މިތަނުގައި ހުންނަން."

ވޮޒީނިއާއަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ އުމުރުން އެންމެ ދުވަސް ވީ ކުޅުންތެރިންގެ ތެރެއިން އެކެކެވެ.

ވޯލްޑް ކަޕްގައި އަލަށް ކުޅޭ ކޭޕް ވާޑޭއަށް ސްޕެއިންއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދުން ފާހަގަކުރެވެނީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތަށެވެ.

ކޮމެންޓް (1)

profile-image-placeholder

ހާޕުޗީ

56 މިނިޓު ކުރިން
ކަލޯ ދިވެހި އެނާލިސްޓުން މާ މޮޅު ދުނިޔޭގެ އެހެން މީހުންނަށްވުރެ. އަރައިގެން ތިބެ ތަޅާ ކުނި އަނގައިން އަހަރުމެން ތި ނުވެސް ބަލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް