ސްޕެއިންގެ ފެރާން ޓޮރޭޒް ފޮނުވާލި ހަމަލާއެއް ކޭޕް ވާޑޭގެ ކީޕަރު މަތަކުރަނީ
ސްޕެއިންގެ ’އެސް‘ ކަނޑާލީމާ އެއީ މިރޭ ސަޕޯޓަރުންގެ އިހުސާސް
ސްޕެއިނުން ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތް ޓީމުގެ ވެސް ގޮތުގަ އެވެ. ސުޕަ ކޮމްޕިއުޓަރު އޮޕްޓާއިން ވެސް ލަފާކޮށްފައި އޮތީ އެގޮތަށެވެ.
އެ އިތުބާރާ އެކު ވޯލްޑް ކަޕްގެ ގްރޫޕް އެޗުގައި، މުބާރާތަށް މުޅިން އަލަށް ކޮލިފައިވި ކޭޕް ވާޑޭއާ ދެކޮޅަށް ނުކުމެ ވެސް ސްޕެއިނުން ކުޅުނީ 'ސްޕެއިންގެ ގޮތުގަ' އެވެ.
ފުރަތަމަ ހާފު ނިންމާލީ އެކަނި، އަމިއްލަ އަމިއްލައަށް، ދެކޮޅަށް ޕާސް ތަޅާލަ ތަޅާލައި ތިބެ އެވެ. ގާތްގަނޑަކަށް %70 ބޯލް ޕޮސެޝަން ނަގައި، 398 ޕާސް ހަމަކުރި އެވެ.
ދެން އެހެން ތިބެފައި ގޮސް ދޭތެރެއަކުން ހަމަލައެއް ނުއުފައްދާ ވާހަކައެއް ނޫނެވެ. މިފަދަ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފެރާން ޓޮރޭޒް އާއި މިކޭލް އޮޔާޒަބާލް އަށެވެ.
ޓޮރޭޒްގެ ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ރީބައުންޑުގައި އައި ބޯޅަ ލިބުނީ އޮޔާޒަބަލްއަށެވެ. އޭނާ ފޮނުވާލި ހަމަލާ ހުއްޓުވީ ކޭޕް ވާޑޭގެ ކީޕަރު، ވޮޒީނިއާ އެވެ.
ހާފު ނިމުނުއިރު ކުޅި ބަލަން ތިބި މީހުން ތިބީ ޗޮސް ކަނޑާލަ ކަނޑާލަ އެވެ. ގޯލެއް ނުޖެހި ހާފު ނިމޭނެ ކަމަށް ގިނަ މީހުން ހިޔެއް ނުކުރެ އެވެ. ހައިރާނުގެ އިތުރަށް ފުރަތަމަ ހާފު ޝައުގުވެރިވި ސަބަބަކީ ވެސް ސްޕެއިންއަށް ލަނޑެއް ނުޖެހުމެވެ.
މަތީގައި އޮތް ބައި، އެ އޮތް ގޮތަށް ލިޔެފި ނަމަ، ދެ ވަނަ ހާފުގެ ބޮޑު ބައި އެ ލިޔެވުނީ އެވެ. ކިރިޔާ ވެސް ސްޕެއިންއަށް ދިރުމެއް އައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 19 މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް ކުޅެން އެރި ހިސާބުންނެވެ.
ނަމަވެސް ޔަމާލްއަށް ވެސް ނުކުރެވުނު ކަމަކީ ސްޕެއިންނަށް ތިން ޕޮއިންޓު ހޯދައިދިނުމެވެ. ފަހު 10 ވަރަކަށް މިނެޓަށް ވެ، ކަރުތާފެނަށް ދިޔުމުން ޑެނީ އޮލްމޯ ވެސް އެރުވި އެވެ. އެކަމަކު ބަދަލުނުވީ ނަތީޖާ އެވެ.
ކޭޕް ވާޑޭއަށް ތާރީހީ ޕޮއިންޓެކެވެ. ކުޑަކުޑަ ގައުމުން ދަނޑުން އެ ފޭބީ ދުނިޔެ ހައިރާންކޮށްލައިފަ އެވެ.
މެޗު ބަލަން ޖެހިގެން އިނީ ސްޕެއިންގެ ސަޕޯޓަރެކެވެ. މެޗު ފެށިއިރު ލައްކަ ފޮނިކަނޑާފައި ހުއްޓެވެ. އެކަމަކު މެޗު ނިމެން ކައިރިވި ވަރަކަށް އޭނާގެ ޕްރެޝަރު ވެސް ދިޔައީ އަރަމުންމެވެ. ބަހަނާ ދައްކަމުން ގޮސް އަހަރެން ވެސް ކުށްވެރިކުރި އެވެ.
އެންމެ ފަހުން ގެއަށް ދިޔައީ އެއްވަރުވިޔަސް، އެއީ ބައްޔެއް ކަމަށް ބަލައިގެންނެވެ. ދަމުން ބުނީ މިހެންނެވެ:
"މިރޭ ރަނގަޅު ވާނީ އޮފީސް ވަޓްސްއެޕް ގްރޫޕް ނުހުޅުވިއްޔާ."
ކޮމެންޓް