މޮރޮކޯގެ އައްޔޫބް ބޫއަދީ (ވ) ބްރެޒިލްގެ ވިނީޝިއަސް ޖޫނިއަ ކައިރިން ބޯޅަ ހިފައިގެން ދަނީ
މޮރޮކޯގެ އައްޔޫބް ބޫއަދީ ކުއްލިއަކަށް މަޝްހޫރު ވެއްޖެ
ވޯލްޑް ކަޕަށް ހާއްސަކުރި ފޮތްތަކުގައި ހިމެނޭ ޒުވާން ތަރިންގެ ލިސްޓްގައި ވެސް އެ ކުއްޖާގެ ނަމެއް ނެތެވެ. ގިނަ މީހުންނަށް ނުވެސް އެނގެ އެވެ. އެކަމަކު ރޭ ނަން މަޝްހޫރު ބްރެޒިލް ހުއްޓުވީ މޮރޮކޯގެ މި ކުޅުންތެރިޔާ އެވެ: އައްޔޫބް ބޫއަދީ އެވެ.
އުމުރުން އެންމެ 18 އަހަރުގެ ޒުވާނާ މެދުތެރެއިން ހިތްގައިމުކޮށް ކުޅެލި އިރު އެއީ މޮރޮކޯގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުހެން ވެސް ހިއެއްނުވެ އެވެ. ޕާސްތައް ސީދަލެވެ. ސަަރަހައްދު ކަވަރުކުރާލެއް ފުރިހަމަ އެވެ. އެހާމެ ހިތްވަރު ވެސް ގަދަ އެވެ.
ފްރާންސްގެ ލިއްލެއަށް ކުޅެމުން އަންނަ އައްޔޫބް އުމުރު ފުރައިގެ ފުޓްބޯޅަ ފުރިހަމަކުރީ ވެސް ފްރާންސްގެ ގައުމީ ޓީމުތަކަށެވެ. އެންމެ ފަހުން ކުޅުނީ ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށެވެ. އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ. ނަމަވެސް ފްރާންސްގެ ސީނިއަ ގައުމީ ޓީމަށް ކުޅުމުގެ ބަދަލުގައި އޭނާ އިހުތިޔާރުކުރީ މައިންބަފައިން ނިސްބަތްވާ މޮރޮކޯ އެވެ.
މި ނިންމުން އައީ ވޯލްޑް ކަޕް ފެށެން ކައިރި ވެސް ވެފައި އޮއްވަ އެވެ. ޓީމުގެ ކުޅުންތެރިންނަށް އޭނާ ތައާރަފުވީ ވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.
ރޭ އޭނާ ދެއްކި އާދަޔާ ހިލާފު ކުޅުމަށް އެތައް ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗު އަދި ވޯލްޑް ކަޕް ކަހަލަ މުބާރާތެއްގައި ބްރެޒިލް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުންތެރިޔަކަށް ލިބޭނެ ބޮޑު ފަހުރެކެވެ.
އައްޔޫބްގެ އަގު ވެސް ފުޓްބޯޅައިިގެ ބާޒާރުގައި މައްޗަށް އެރީ ކުއްލިއަކަށެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އިނގިރޭސި ޕްރިމިއަ ލީގުގެ ބޮޑެތި ބައެއް ޓީމުތަކުން މިހާރު ވެސް 60 މިލިއަން ޑޮލަރު (907 މިލިއަން ރުފިޔާ)އަށް ވުރެ ބޮޑު އަގެއް އަންނަނީ ހުށައަޅަމުންނެވެ.
ކޮމެންޓް