14 ޖޫން 2026 - ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު.

ވޯލްޑް ކަޕް 2026

މޮރޮކޯއިން ތަރިން ފުރައި ތިބި 5 ތަރީގެ ބްރެޒިލް ހިފަހައްޓައިފި

މެޗު ފެށި ގޮތަށް މޮރޮކޯއިން ވަނީ ބްރެޒިލް ޕްރެޝަރަށް ވައްޓާލައި، 21 ވަނަ މިނެޓުގައި ލީޑު ނަގާފައި. ބްރެޒިލް ސަލާމަތްވީ ވިނީސިއަަޝްގެ ހިތްގައިމު ގޯލަކާ އެކު
1 ގަޑިއިރު ކުރިން

މޮރޮކޯގެ ބްރަހީމް ޑިއާޒް އެ ޕާސް ދިނީ ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ، ބްރެޒިލްގެ ގެބްރިއެލް އާއި މާކީނިއޯސްގެ މެދުންނެވެ. އެކަމަކު އެ ދެ ކުޅުންތެރިންނަށް ވުރެ ބާރަށް ދުވެފައި ގޮސް އެ ބޯޅަ ނެގީ މޮރޮކޯގެ އިސްމާއިލް ސައިބާރީ އެވެ.

ކޮންޓްރޯލް ކޮށްލުމަށް ފަހު ބްރެޒިލްގެ ތަޖުރިބާކާރު ކީޕަރު އެލިސަންގެ ބޯމަތިން އޭނާ ފޮނުވައިލި ބޯޅަ އަމާޒުވީ ގޯލު ދާގަނޑުގެ މެދަށެވެ.

މޮރޮކޯގެ ސައިބާރީ، އެލިސަންގެ ބޯމަތިން ގޯލަށް ބޯޅަ ވައްޓާލަނީ.

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސީގައި ރޭ ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗުގައި މޮރޮކޯއިން ފަސް ތަރީގެ ބްރެޒިލްގެ ގޯލު ފޫއަޅުވައިލީ 21 ވަނަ މިނެޓުގަ އެވެ.

މެޗު ފެށި ގޮތަށް ދެ ޓީމުން ވެސް ޖެއްސީ ހަލުވި ގޭމެކެވެ. އެކަމަކު އޭގެ ފައިދާ ނެގީ މޮރޮކޯއިންނެވެ. ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް، ބްރެޒިލްގެ ކުޅުންތެރިން ޕްރެޝަރަށް ވައްޓައިލި އެވެ.

އެ ޕްރެޝަރު އޮބިނޯވެގެން ގޮސް މެޗުގެ 21 ވަނަ މިނެޓުގައި މޮރޮކޯއިން ވަނީ ގޯލެއް ޖަހައި ބްރެޒިލް ސިއްސުވައިލާފަ އެވެ. އެކަމަކު ތަރިން ފުރައި ތިބި ފަސް ތަރީގެ ބްރެޒިލްއިން އެހާތަނަށް ދެއްކި ދަށް ކުޅުމަށް ބަލާއިރު އެއީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ.

ނިދާފައި އޮތް ބްރެޒިލަށް ހަމަހޭވެރިކަންވީ މޮރޮކޯގެ އެ ގޯލުންނެވެ. ހައިޑްރޭޝަން ބްރޭކުގައި ވަރު ޖައްސާލައިގެން އެރި ގޮތަށް، މެޗުގެ 32 ވަނަ މިނެޓުގައި ވިނީސިއުޒް ޖޫނިއާ ޖެހި ހިތްގައިމު ގޯލާ އެކު ނަތީޖާ ހަމަހަމަވި އެވެ.

ވިނީސިއުޒް، މޮރޮކޯގެ ގޯލަށް އަމާޒުކޮށް ފޮނުވައިލި ބާރު ހަމަލާ.

ބްރެޒިލް ނުރައްކާ ވަނީ އެހެންވެ އެވެ. އެއީ ޓީމުގެ މޮޅުކަމުން ޖެހުނު ގޯލެއް ނޫން ނަމަވެސް، ބްރެޒިލްގައި ތިބީ ވަކިވަކިން ބެލިޔަސް ހުނަރުވެރި ކުޅުންތެރިންނެވެ. ކިރިޔާ ފުރުސަތެއް ލިބުނަސް ނުރައްކާ ކުރާނެ އެވެ. މޮރޮކޯގެ ޑިފެންސް ލައިން ތޮރުފާލާފައި ގޮސް ވިނީޝިއަސް އެ ދައްކާލީ އޭގެ މިސާލެކެވެ.

 މޮރޮކޯ ކޮޅަށް ގޯލު ޖެހުމަށް ފަހު ވިނީސިއުޒް އުފާ ފާޅުކުރަނީ.

ފުރަތަމަ ހާފާ ހިލާފަށް ފަހު ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ލަސް، އަދި އެހާމެ ފޫހި ކުޅުމެކެވެ.

ބްރެޒިލްގެ ފަރާތުން މޮރޮކޯގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ނުފޯރިއިރު، މެޗުގެ އިތުރު ވަގުތުގައި ގޯލެއް ޖަހާނެ ރަނުގެ ފުރުަސަތެއް މޮރޮކޯއަށް ލިބުނެވެ. ނަމަވެސް އެލިސަންގެ މޮޅު ދެ ސޭވްއާ އެކު އެކަން ކާމިޔާބުވާ ގޮތް ނުވީ އެވެ.

14 ޖޫން 2026 - ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު.

ގްރޫޕް ސީގައި ބްރެޒިލްއިން ދެން ބައްދަލުކުރާނީ ހައިޓީއާ އެވެ. އަދި ފަހު މެޗުގައި ނުކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް