ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ރޭ ސައުތު އެފްރިކާގެ ސެފެލޯ ސިތޯލޭ (ވ) އަށް ރެފްރީ ރަތް ކާޑު ދައްކަނީ

ވޯލްޑް ކަޕް 2026

ވޯލްޑް ކަޕް ހުޅުވި މެޗުގައި ތިން ރަތް ކާޑު، ސައުތު އެފްރިކާ އަތުން މެކްސިކޯ މޮޅުވެއްޖެ

އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕަށް ބަލާ ނަމަ މުޅި މުބާރާތުގައި ދެއްކީ އެންމެ ހަތަރު ރަތް ކާޑު
1 ގަޑިއިރު ކުރިން

ރޭ މެކްސިކޯގައި ފެށި ވޯލްޑް ކަޕްގައި ރެފްރީން ހަރުކަށިވަނީތޯ ސުވާލު އުފެދޭ މިންވަރަށް، ފުރަތަމަ މެޗުގައި ރަތް ކާޑު ދައްކައިފި އެވެ. ސައުތު އެފްރިކާ އަތުން 2-0 އިން މެކްސިކޯ މޮޅުވި މެޗުގައި ތިން ރަތް ކާޑު ދެއްކި އެވެ.

ކުރު ތާރީހަކަށް ޖެހިލާ ނަމަ، ރަޝިޔާ އާއި ގަތަރުގައި އެންމެ ފަހުން އޮތް ދެ ވޯލްޑް ކަޕް ވަރަށް ތަފާތެވެ. އެއިން ކޮންމެ ވޯލްޑް ކަޕެއްގައި މުޅި ޖުމްލަ ދައްކާފައި ވަނީ އެންމެ ހަތަރު ރަތް ކާޑެވެ.

އެއް މެޗެއްގައި ތިން ރަތް ކާޑު އެންމެ ފަހުން ދެއްކީ 2006ގެ ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގައި ޖުމްލަ 28 ކުޅުންތެރިޔަކަށް ރަތް ކާޑު ދެއްކި އެވެ. މިއީ ކާޑަށް ބަލާ ނަމަ ވަރަށް އާދަޔާ ހިލާފު ވެސް މުބާރާތެކެވެ. އެ ފަހަރު ތަފާތު ތިން މެޗެއްގައި ތިން ކުޅުންތެރިން ރަތް ކާޑު ހޯދި އެވެ. އަދި ނެދަލެންޑްސް އާއި ޕޯޗުގަލްގެ ވާދަކުރުން ނިމުނީ ހަތަރު ކުޅުންތެރިން ދަނޑުން ފޮނުވާލައިގެންނެވެ.

ދެ ހާފުގައި މެކްސިކޯއިން ދެ ލަނޑު ޖެހި މެޗުގައި ސައުތު އެފްރިކާގެ ސެފެލޯ ސިތޯލޭ އާއި ތެމްބާ ޒަވާނޭއަށް ރަތް ކާޑު ދެއްކީ 49 އާއި 84 ވަނަ މިނިޓްގަ އެވެ.

މެކްސިކޯގެ ސީޒާ މޮންޓެސް ދަނޑުން ފޮނުވާލީ އިތުރު ވަގުތުގަ އެވެ.

މި ތިން ކުޅުންތެރިންނަށް ވެސް ދެއްކީ ސީދާ ރަތް ކާޑުތަކެކެވެ.

ފަހުގެ ވޯލްޑް ކަޕްތަކުގައި އޭގެ ކުރިން ފެނުނު ގޮތަށް ރަތް ކާޑު ދެއްކުމަކީ އެހާ ފަސޭހަ ނިންމުމެއް ނޫނެވެ. މިސާލަކަށް އިދިކޮޅު ކުޅުންތެރިޔަކަށް މުޅިން ހުސްކޮށް ލިބޭ ފުރުސަތެއްގައި ފައުލްކޮށްގެން ރަތް ކާޑު ދެއްކުން ވަރަށް ދުރެވެ. ނަމަވެސް ރޭ އެއާ ހިލާފެވެ.

ބައެއް މީހުންގެ ހިތުގައި އުފެދުނު ސުވާލަކީ މި ވޯލްޑް ކަޕްގައި ރެފްރީން މާ ބޮޑަށް ހަރުކަށިވަނީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ކުރިއަށް ހުރި މެޗުތަކުގައި ލިބޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް