އަލިމަސް ޖުބުލީ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާން ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން ރާއްޖޭގެ އަހުމަދު އައިހަމް ޓެކްލްއެއް ކުރަނީ: ރާއްޖެ ވަނީ ދެ މެޗުން ބަލިވެގެން މުބާރާތުން ކަޓާފައި (ފޮޓޯ/އެފްއޭއެމް)
ޕާކިސްތާން އަތުން ތަފާތު ބޮޑުކޮށް ބަލިވެ ރާއްޖެ ކަޓައިފި
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޖުބުލީ މުބާރާތުގައި ޕާކިސްތާން އަތުން 3-0ގެ ބޮޑު ތަފާތަކުން ރާއްޖެ ބަލިވެ މިއަދު ކަޓައިފި އެވެ.
ހަތަރު ގައުމަކުން ވާދަކުރާ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުން އަފްގާނިސްތާން އަތުން ބަލިވެފައި އޮއްވާ މިއަދު ބަލިވުމުން ފައިނަލަށް ދެވޭނެ އެއްވެސް ފުރުސަތެއް މިހާރަކު ނެތެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ރަން ޔޫބީލް ފާހަގަކުރަން 2000 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލަށް ރާއްޖެ ދިޔަ އެވެ. އެކަމަކު އަލިމަސް ޖުބުލީ މުބާރާތުން ކެޓިއިރު އަދި ޕޮއިންޓެއް ނުލިބޭ ތަނުގައި ރާއްޖެއަށް އެންމެ ލަނޑެއް ވެސް ނުޖެހެ އެވެ.
މިއަދުގެ މެޗުގެ ދެވަނަ ހާފުގައި ވެސް، އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު ގޮތަށް، ގިނަ ފުރުސަތުތަކެއް ހޯދައި، ވަރުގަދަ ހަމަލާތަކެއް ރާއްޖެއިން ދިނެވެ. އެކަމަކު މި މުބާރާތުގައި ރާއްޖޭގެ ޓީމުން އަދި ނުފެންނަނީ އެ ފުރުސަތުތައް ލަނޑަކަށް ބަދަލުކޮށްލާނެ ކުޅުންތެރިއެކެވެ.
ޕާކިސްތާނުން 53 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖެހީ ވެސް، ރާއްޖެއިން ދިން ހަމަލާއެއް ހުއްޓުވާފައި އެ ލިބުނު ބޯޅަ ހިފައިގެން ގޮހެވެ.
އެކަމަކު މި ލަނޑަށް ފުރުސަތު ލިބުނީ މުހައްމަދު ހައްޔާން ހައްތާކު ތިރިން ދިން ހަމަލާ ރާއްޖޭގެ ކެޕްޓަން އަދި ކީޕަރު މަހައްމަދު ފައިސަލްގެ އަތުގައި ޖެހިފައި ނުކުތުމުންނެވެ. ދެވަނަ ބޯޅަ ގޯލަށް ޖެހީ އުމަރު ނަވާޒެވެ.
ޕާކިސްތާނުގެ އަނެއް ދެ ލަނޑު އައީ ކުޑަވެގެން މެޗު އެއްވަރުކުރެވޭތޯ ރާއްޖެއިން ކުރި އަރާފައި ތިއްބާ ލިބުނު ފުރުސަތަކުން އަބްދުއް ސަމަދު ޝަހުޒާދު ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ އާއި ކޯނަރެއްގައި ދިން ހަމަލާއެއް، ދެ މެޗުގައި ރާއްޖެއިން މޮޅު ކުޅުމެއް ދެއްކި އިބްރާހިމް އައިސަމްގެ ފައިގައި ޖެހިފައި ގޯލަށް ވަދެގެންނެވެ.
ރާއްޖޭގެ ގައުމީ ޓީމާ ދެވަނަ ފަހަރަށް ހަވާލުވި އިސްތަވާން އުރުބާނީއަށް ރާއްޖޭގެ ފަސްގަނޑުގައި އަދި މި ކުރިމަތިވަނީ މުޅިން ވެސް ނާކާމިޔާބީ އެވެ. ރާއްޖޭގައި އޮތް ސާފްގެ 19 އަހަރުން ދަށުގެ މުބާރާތަށް އޭނާގެ ކޯޗުކަމުގެ ދަށުން ނުކުމެ ވެސް ރާއްޖެ ކެޓީ ފައިނަލާ ހަމައަށް ނުގޮހެވެ.
މިރޭ އަފްގާނިސްތާނާއި ބަންގްލަދޭޝްގެ މެޗުން ކޮންމެ ނަތީޖައެއް ނުކުތަސް ރާއްޖެއަށް ފުރުސަތެއް ނެތެވެ.
ފަހު މެޗުގައި އަންނަ އާދިއްތަދުވަހުގެ ރޭ ރާއްޖެ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ބަންގްލަދޭޝް އާއި ޕާކިސްތާންގެ މެޗު އެއްވަރުވުމުން އެ ޓީމަށް ޕޮއިންޓެއް ވަނީ ލިބިފަ އެވެ.
މިރޭގެ މެޗު އެއްވަރުވެއްޖެ ނަމަ އަފްގާނިސްތާނަށް ހަތަރު ޕޮއިންޓް ލިބޭނެ އެވެ. ބަންގްލަދޭޝް މޮޅުވެއްޖެ ނަމަ އެ އަދަދަށް ޕޮއިންޓް ހަމަވާނެ އެވެ. އޭރުން ފައިނަލަށް ދާނެ ދެ ޓީމު ކަށަވަރުވާނީ އާދިއްތަދުވަހު އޮންނަ ދެ މެޗުގެ ނަތީޖާއިންނެވެ.
ކޮމެންޓް