ޕީއެސްޖީގެ ބްރެޑްލީ ބާކޮލާ (ވ) އަތުން އާސެނަލްގެ ވިލިއަމް ސަލިބާ ބޯޅަ އަތުލަނީ: ޕެނެލްޓީ ޖަހައިގެން މޮޅުވެ ޗެމްޕިއަންކަން ހޯދީ ޕީއެސްޖީ

ޕީއެސްޖީ

ޕީއެސްޖީން އާސެނަލް ބަލިކޮށް ޔޫރަޕްގެ ތަށި ދިފާއުކޮށްފި

ތަށި ދިފާއުކުރުމަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވަރަށް މަދު ޓީމަކަށް ނޫނީ ހޯދުނު ކާމިޔާބީއެއް ނޫން
31 މޭ 2026

ހަންގެރީގެ ވެރިރަށް ބުޑަޕެސްޓްގައި މިރޭ ކުޅުނު ފޯރިގަަދަ ފައިނަލް މެޗުގައި ޕެެނެލްޓީ ޖަހައިގެން 4-3 އިން އާސެނަލް ބަލިކޮށް ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްފި އެވެ.

ފްރާންސްގެ ޗެމްޕިއަން ޓީމުން ޕްރިމިއަ ލީގުގެ ޗެމްޕިއަންގެ މައްޗަށް ކުރި ހޯދީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް 1-1އިން އެއްވަރުވެ ޕެނެލްޓީއާ ހިސާބުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކުރުމަކީ ވަރަށް މަދު ޓީމަކަށް ނޫނީ މިހާތަނަށް ކުރެވިފައި ނެތް ކަމެކެވެ.

ސްޕެއިންގެ ކޯޗު ލުއިޒް އެންރީކޭގެ ބެލުމުގެ ދަށުން ޕީއެސްޖީއަށް ގެނައި ބޮޑު ބަދަލު މުޅި ދުނިޔެއަށް މި ދައްކައިދިނީ ކުރިން އެ ޓީމުގައި ހިމެނުނު ދުނިޔޭގެ ތަރިން ކަަމަށްވާ ލިއޮނެލް މެސީ އާއި ނޭމާ އަދި ކީލިއަން އެމްބާޕޭ ފަދަ ތަރިން ލައިގެން ވެސް ހޯދައިނުދެވުނު ކާމިޔާބީގެ ދުވަސްތަކެކެވެ.

މިރޭގެ ފައިނަލްގެ ހަތް ވަނަ މިނިޓްގައި ކައި ހާވަޓްޒް، ޕީއެސްޖީގެ މެދު ރޮނގާ ހަމައިން އެކަނި ހިފައިގެން ދިޔަ ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލައިގެން އާސެނަލްއަށް، އެ ޓީމުގެ ތާރީހުގައި މިހާތަނަށް އަދި ލިބިފައި ނެތް ތަށީގައި އަތްލުމުގެ އުއްމީދު ގެނެސްދިނެވެ.

ނަމަވެސް އެ ލަނޑަށް ފަހު މުޅި މެޗުގެ ކުޅުން ޕީއެސްޖީގެ އަތްދަށަށް ގެންދިޔަ އެވެ. އާސެނަލް ފޭބީ ދިފާއަށެވެ. ނަތީޖާއަކަށް ވީ 65 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ އުސްމާނޭ ޑެމްބަލޭ ކާމިޔާބުކޮށްދީގެން ނަތީޖާ އެއްވަރުކުރުމެވެ.

އާސެނަލްގެ ފަސް ޕެނެލްޓީގެ ތެރެއިން އެބްރެޗީ އެޒޭ ޖެހީ ބޭރަށެވެ. އެކަމަކު ކީޕަރު ޑޭވިޑް ރާޔާ، ނޫނޯ މެންޑޭޒްގެ ޕެނެލްޓީ މަތަކޮށް، އަނެއްކާވެސް އެއްވަރުކޮށްދިނެވެ.

ޕީއެސްޖީއަށް މެޗުން މޮޅުވެވުނީ އެންމެ ފަހު ޕެނެލްޓީ، އާސެނަލްގެ ދިފާއީ ކުޅުންތެރިޔާ ގެބްރިއެލް މަގަޅޭސް ދަނޑި މަތިން ބޭރަށް ޖެހުމުންނެވެ.

މިއީ މި މުބާރާތުގައި އާސެނަލްގެ ހަމައެކަނި ބައްޔެވެ. ތައްޓާ ހަމައަށް ނުދެވުނު ބައްޔެވެ.

ޔޫރަޕިއަން ކަޕް އާއި ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރި ޓީމުތައް

ޔޫރަޕިއަން ކަޕް

  • ރެއާލް މެޑްރިޑް: 1956-1960 ޖެހިޖެހިގެން ފަސް ފަހަރު

  • ބެންފީކާ: 1962-1961

  • އިންޓަ މިލާން: 1965-1964

  • އަޔެކްސް: 1973-1971 ޖެހިޖެހިގެން ތިން ފަހަރު

  • ބަޔާން މިޔުނިކް: 1976-1974 ޖެހިޖެހިގެން ތިން ފަހަރު

  • ލިވަޕޫލް: 1978-1977

  • ނޮޓިންހަމް ފޮރެސްޓް: 1980-1979

  • އޭސީ މިލާން: 1990-1989

ޔޫރަޕިއަން ޗެމްޕިއަންސް ލީގު

  • ރެއާލް މެޑްރިޑް: 2018-2016 ޖެހިޖެހިގެން ތިން ފަހަރު

ޕީއެސްޖީއަށް ކާމިޔާބު ފުޓްބޯޅަ ފިލޯސަފީއެއް ގެނެސްދިން ކޯޗެއްގެ ގޮތުގައި އެންރީކޭ ނަގަން ޖެހޭ ސަބަބު، މިރޭ ފައިނަލް މެޗުގެ ނަތީޖާއިން ވެސް އެ ހާމަކޮށްދިނީ އެވެ.

މުޅި މުބާރާތުގައި ޕީއެސްޖީ ދެއްކީ ހަމަލާގެ ވަރުގަދަ ކުޅުމެެކެވެ. މުޅި ސީޒަންގައި 40 ލަނޑު ޖަހާނެ އެންމެ ކުޅުންތެރިއެއްގެ ބަދަލުގައި އެންރީކޭ ބެލީ 10-12 ލަނޑު ޖަހާނެ ފަސް ވަރަކަށް ކުޅުންތެރިން އުފައްދާށެވެ. އެކަން އޭނާ ކުރި އެވެ. މިރޭގެ މެޗާ ހަމައަށް ދަތުރުކުރީ 44 ލަނޑު ކާމިޔާބުކޮށްގެންނެވެ. މި ސީޒަންގައި 20 ކުޅުންތެރިން ޕީއެސްޖީއަށް ލަނޑު ޖަހައިދިނެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގެ ތެރެއަށް އެންރީކޭ މި ވަނީ އެ މުބާރާތުގެ ތަށި ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކޯޗުގެ ގޮތުގަ އެވެ. ޕީއެސްޖީގެ ކުރިން އޭނާގެ ކޯޗުކަމުގެ ދަށުން ޗެމްޕިއަންސް ލިގު ކާމިޔާބުކުރީ 2015ގައި ބާސެލޯނާ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް