އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އާސެނަލް

އާސެނަލް 22 އަހަރަށް ފަހު ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދައިފި

މިރޭ މެންޗެސްޓަ ސިޓީއަށް ބޯންމައުތު އަތުން މޮޅުނުވުމުން ލީގުގެ އެންމެ ފަހު މެޗަށް ދިއުމުގެ ކުރިން އާސެނަލް މިވަނީ ލީގު ކަށަވަރުކޮށްފައި
20 މޭ 2026

މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅު އާލިން ހާލޭންޑްގެ ބާރު ހަމަލާ ބޯންމައުތުގެ ގޯލަށް އަމާޒުވި ނަމަވެސް، 1-1 އިން އެއްވަރުުވުމުން، މެޗު ބަލަން ތިބި އާސެނަލްއަށް 22 އަހަރު ފަހުން އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން މިރޭ ލިބިއްޖެ އެވެ.

ލީގުގެ އެންމެ ފަހު މެޗުތައް އެއް ވަގުތެއްގައި އަންނަ އާދިއްތަދުވަހުގެ ރޭ ކުޅޭ އިރު، ސިޓީ މިރޭ މޮޅުވެގެން ނޭވާ ހިފަހައްޓާލަން ޖެހޭ ހާލަތަކަށް ވާދަވެރިކަން އެނބުރެން އޮތް ނަމަވެސް، ބޯންމައުތުން އެ ފުރުސަތެއް ނުދިނެވެ. ފުރަތަމަ ހާފުގައި އެޖީ ޖޫނިއަ ކްރޫޕީ ޖެހި ލަނޑާ އެކު ބޯންމައުތު ދިޔައީ މޮޅުވެގެން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމުގެ މަރުހަލާ ސާފުކުރަމުންނެވެ.

ޕްރިމިއަ ލީގުގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ ޕެޕް ގާޑިއޯލާ، 10 އަހަރަަށް ފަހު ސިޓީ ދޫކޮށްލާ އިރު، ހަތް ވަނަ ފަހަރަށް ތަށި ހޯދަން އެންމެ ފަހު މެޗަށް ދިއުމުގެ އުއްމީދު ފަހު ވަގުތާ ހަމައަށް ވެސް ނަގައެއް ނުލަ އެވެ. އޭނާގެ ޓީމު ގެންދިޔައީ ދެ ލަނޑު ހޯދަން މަސައްކަތްކުރަމުންނެވެ.

19 އެޕްރީލްގައި އާސެނަލް އާއި ސިޓީ ބައްދަލުކުރި މެޗުގައި ހާލޭންޑް (ކ) އާއި އާސެނަލްގެ ޑެކްލަން ރައިސް ބޯޅަ ހޯދަން މަސައްކަތްކުރަނީ: މި މެޗުން މޮޅުވުމުން އާސެނަލްއާ ތިން ޕޮއިންޓް ކައިރިއަށް ސިޓީ ޖެހިލި ނަމަވެސް އެންމެ ފަހުން ޗެމްޕިއަންކަން ހޯދީ އާސެނަލް

ހާލޭންޑްގެ ލަނޑު އައީ އިތުރު ވަގުތަށް ދެއްކި ހަ މިނިޓްގެ ތެރެއިން ފަސްވަނަ މިނިޓްގަ އެވެ. އެއް މިނެޓަކީ ވެސް ފުޓްބޯޅާގައި ލަނޑެއް ޖަހަން ގިނަ ވަގުތެކެވެ. ނަމަވެސް ބޯންމައުތު ކުޅުންތެރިން މިރޭ އެ ފުރުސަތެއް ނުދިނެވެ.

އެންމެ ފަހު މެޗުގެ ކުރިން ތާވަލް އޮތް ގޮތް

  • 1-

    އާސެނަލް، ކުޅުނު 37، ފައިދާ ގޯލް 43، ޕޮއިންޓް 82

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 37، ފައިދާ ގޯލް 43، ޕޮއިންޓް 78

އާސެނަލްގެ ސަޕޯޓަރުން މިރޭ ނުނިދާނެ އެވެ. އުތުރު ލަންޑަން މުޅިން ރަތްކޮށްލީ އެވެ. މިކޭލް އާޓެޓާގެ ޓީމުން މިދިއަ ތިން އަހަރު ދެވަނާގައި ނިންމާފައި، އެންމެ ފަހުން ލީގުގެ ޗެމްޕިއަންކަން ކަށަވަރު މިކުރީ އެންމެ ފަހުން އެ ޝަރަފު 2004ގައި ހޯދި ފަހުން 22 އަހަރުގެ ދިގު މުއްދަތެއް މާޒީކޮށްފަ އެވެ.

ގާޑިއޯލާގެ ވަދާއީ މެޗު ސިޓީގެ އަމިއްލަ ދަނޑުގައި އާދިއްތަދުވަހުގެ ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ އިރު، އާސެނަލްގެ ފަހު މެޗު އެއްވަގުތެއްގައި އޮންނާނީ ކްރިސްޓަލް ޕެލެސްގެ ދަނޑުގަ އެވެ.

އާޓެޓާ އާއި ގާޑިއޯލާއަކީ އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ. އިނގިރޭސި ފުޓްބޯޅާގައި އެކެއްގެ ކާމިޔާބު ހަޔާތް ނިންމާލާއިރު އަނެކަކުގެ ކާމިޔާބު އަދި މި ފެށުނީ ކަމަށް ބެލެވެ އެވެ.

އާސެނަލް ވަނީ މި މަހު 30ގައި އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ. އެ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީއާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް