ނޯތު ރީޖަން ލީގުގައި ދިއްދު އާއި ހަނިމާދޫ އިއްޔެ ބައްދަލުކުރި މެޗުގެ ކުރިން ދިއްދޫ ޓީމު (ފޮޓޯ/އެފްއޭއެމް)

ދިއްދުއަކީ ފުޓްބޯޅައިގެ ރަށެއްކަން އެންމެ ފަހުން ސާބިތުކޮށްދީފި

ފުޓްބޯޅައިގެ ފޯރި ގަދަ ރަށުން އިއްޔެ އެވަނީ ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދާފައި. މިއީ އޭދަފުއްޓާއި ހުރާ އަދި މަހިބަދޫ ފަދަ ފުޓްބޯޅައިގެ ރަށެއްކަން ސާބިތުކޮށްދޭން މުހިންމު ފިޔަވަޅެއް ކަމަށް ބެލެވޭ
17 މޭ 2026

ހއ. ދިއްދޫގައި އޮތް އެންމެ ބޮޑު ކަނޑު ބޯޓު، 'މާ ހޯރަ'، އޭގެ އާންމު މާލެ ދަތުރުގެ ބަދަލުގައި އިއްޔެ އުފުލީ ދިއްދޫގެ ފުޓްބޯޅަ ސަޕޯޓަރުންނެވެ. ދެ ޖިންސްގެ އެކި އުމުރުގެ އެ ސަޕޯޓަރުން، ހދ. ހަނިމާދޫގައި އޮތް ނޯތު ރީޖަން ލީގުގެ މެޗަށް ދިޔައީ އެންމެ ޕޮއިންޓެއް ހޯދައިގެން ދިއްދުއަށް ޗެމްޕިއަންކަން ލިބެން އޮތުމުން، ތާރީހީ އެ ކާމިޔާބީއަށް ހިތްވަރު ދޭށެވެ.

މޫސުން ގޯސް ދުވަހެއްގައި ކުރި އެ ދަތުރުން އެނބުރި ރަށަށް ދިޔައީ މިހާތަނަށް  ފުޓްބޯޅައިން ދިއްދޫ ހޯދި އެންމެ ބޮޑު ކާމިޔާބީގެ އުފާވެރި ހިނިތުންވުމާ އެކުގަ އެވެ. ހަނިމާދޫ ޓީމުން ލަނޑު ޖަހާފައި އޮއްވާ ދިއްދޫ މޮޅުވީ ފަހަތުން އަރާ 2-1 އިންނެވެ.

ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރި މެޗަށް އެރުމުގެ ކުރިން ދިއްދޫ މެމްބަރު އަބްދުއްލަތީފް މުހައްމަދު (މ) ދިއްދޫ ޓީމުގެ ކުޅުންތެރިންނާ ސަލާންކުރައްވަނީ (ފޮޓޯ/އެފްއޭއެމް)

ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ މެމްބަރު އަދި ދިއްދޫ ކުޅިވަރު ކްލަބްގެ އެއް ބާނީ އަބްދުއްލަތީފް މުހައްމަދަށް ވެސް އެއީ މިހާތަނަށް ކުޅިވަރުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފަލެވެ. އޭނާގެ ހަޔާތުގައި ސިޔާސީ ކަންކަމަށް ވުރެ ވެސް ގިނައިން އަދި އެހާމެ ބޮޑަށް އުޅުއްވިފައި ހުރީ ދިއްދޫގެ ފުޓްބޯޅައިގެ ތެރޭގަ އެވެ.

"މިއީ ދިއްދުއަކީ ހުރަ އާއި މަހިބަދޫ އާއި އޭދަފުށީ ކަހަލަ ފުޓްބޯޅައިގެ ރަށެއްކަން ސާބިތުކޮށްދެވުނު ދުވަސް. މިއަށް ވުރެ ބޮޑު ކާމިޔާބީއެއް، ބޮޑު އުފަލެއް، ބޮޑު ފަހަރެއް އަދި ނުލިބޭ،" ލަތީފު ވިދާޅުވި އެވެ.

ނޯތު ރީޖަން ލީގުގައި ދިއްދު އާއި ހަނިމާދުގެ އިތުރުން ވާދަކުރަނީ މަނަދު އާއި އޭދަފުއްޓެވެ. ދިއްދޫ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދުމުން، ދިއްދޫގެ މައްޗަށް ގަދަވެގަނެވޭނެ އެހެން ޓީމެއް ނެތެވެ.

މޮޅު ފުޓްބޯޅަ ޓީމެއް ނެރެވޭނެ، މިހާތަނަށް އެކަން އޮތީ ނުވެ

ލަތީފަކީ 2014ގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ގޮނޑި ކާމިޔާބުކުރެއްވުމުގެ ކުރިން ވެސް ދިއްދޫގެ ފުޓްބޯޅައިގެ އެއް ބާނީ އެވެ. ދިއްދޫގެ ބައެއް ކުޅުންތެރިން 1990ގެ އަހަރުތަކުގެ ފަހުކޮޅު މާލޭގެ އެއްވަނަ ޑިވިޒަންގެ ކްލްބަތަކަށް ކުޅުވަން މާލެ ގެންނަވައި އެ ކުޅުންތެރިންނަށް މުސާރަ ދެއްވައިގެން ވެސް ގެންގުޅުއްވި އެވެ. ދިއްދޫގައި އޭނާ އިސްވެ ހުންނަވައި، ބޮޑެތި އެތައް މުބާރާތެއް އިންތިޒާމްކުރެއްވި އެވެ. މެމްބަރަކަށް ވަޑައިގަތުމަށް ފަހު ފައިސާގެ ބޮޑެތި އިނާމުތަކާ އެކު ވެސް މުބާރާތްތައް ބޭއްވި އެވެ.

އެކަމަކު އިއްޔެއާ ހަމައަށް ދިއްދުއަށް ހޯދިފައި ނެތީ ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތެއްގެ ތައްޓެވެ. އެއީ، ލަތީފު ވިދާޅުވި ގޮތުގައި، ދިއްދޫގައި އެ ފެންވަރުގެ ކުޅުންތެރިން ނެތިގެންނެއް ނޫނެވެ. ދިވެހި ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދި ހުރަ އާއި އޭދަފުށި އަދި މަހިބަދޫގެ ހިންގުންތެރިން ގޮތަށް ޓީމެއް އެކުލަވާނުލެވިގެންނެވެ.

ހަނިމާދު އާއި ދިއްދޫ ބައްދަލުކުރި މެޗު: މި މެޗުން މޮޅުވެ ދިއްދޫ ވަނީ ފަސް މެޗުން 15 ޕޮއިންޓް ހޯދާފައި (ފޮޓޯ/އެފްއޭއެމް)

"ދިއްދުއަކީ ޒަމާނުއްސުރެ ފުޓްބޯޅައިގެ ރަށެއް. ދިއްދޫގައި ނޫޅޭނެ ފުޓްބޯޅަ ދެކެ ލޯބިނުވާ މީހަކު، އެ ވަރިހަމަ ކުޑަކުއްޖަކަސް، އަންހެނަކަސް، މުސްކުޅިއަކަސް،" ލަތީފް ވިދާޅުވި އެވެ.

"ހުނަރު ހުރި އެތައް ކުޅުންތެރިން ވެސް އުފެދޭ. ކުރިން ވެސް އުފެދުނު. މިހާރު ވެސް އެބަ ތިބި. އެކަމަކު ގައުމީ ފެންވަރުގައި ވާދަކުރާނެ ޓީމެއް އެކުލަވާނުލެވި އޮތީ."

ދިއްދޫގައި ދިއްދު އާއި އޭދަފުށީ ބައްދަލުކުރި މެޗު: މިއީ ރަސްމީ މުބާރާތެއްގައި މި ދެ ޓީމު ވާދަކުރި ފުރަތަމަ ފަހަރު (ފޮޓޯ/އެފްއޭއެމް)

ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ދާ ލީގުގައި އޭދަފުށީ ޓީމު ވަނީ، 3 މޭގައި، ދެ ރަށުގެ ފުރަތަމަ ރަސްމީ ވާދައިގެ ރަހަ ދިއްދޫ ފަސްގަނޑުގައި ދެކެފަ އެވެ. ނަތީޖާއަކީ 2-1 އިން ބަލިވުމެވެ. މިއީ ދިއްދޫގެ ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކުރެވޭނެ ދުވަހެއް ކަމަށް، ލަތީފް ވިދާޅުވި އެވެ.

"އޭދަފުއްޓަކީ ފުޓްބޯޅައިގެ ބޮޑު ރަށެއް. އަޅުގަނޑު ވެސް އެއްބަސް އެ މީހުންގެ ތަޖުރިބާ ބޮޑު، އެއީ މި ކަހަލަ މުބާރާތްތައް އެމީހުންނަށް އާނުވާތީ. އެކަމަކު ފެންވަރަށް ބަލާ ނަމަ ދިއްދޫގައި ވެސް އެބަ ތިއްބޭ އެ ފެންވަރުގެ ކުޅުންތެރިން،" ލަތީފް ވިދާޅުވި އެވެ.

ނޯތު ރީޖަން ލީގުގައި ދިއްދޫގެ ނަތީޖާ

  • ދިއްދޫ 2 - އޭދަފުށި 1

  • ދިއްދޫ 2 - ހަނިމާދޫ 1

  • މަނަދޫ 0 - ދިއްދޫ 2

  • ދިއްދޫ 3 - މަނަދޫ 0

  • ހަނިމާދޫ 1 - ދިއްދޫ 2

  • އޭދަފުށި - ދިއްދޫ (މެޗު އޮންނާނީ އޭދަފުށީގައި)

އޮގަސްޓް މަހު މާލޭގައި ފަށާ ދިވެހި ލީގުގެ ކޮލިފިކޭޝަން ބުރަށް ދިއްދޫ މިހާރު އެވަނީ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަނުންގެ ގޮތުން، ހޮވިފަ އެވެ. މިއީ ދިއްދޫ ފުޓްބޯޅައިގެ މުޅިން އާ ދަތުރެކެވެ.

ރާއްޖެއިން ބޭރުގެ ހަތަރު ކުޅުންތެރިން ނޫނީ ދިއްދޫ ޓީމުގައި ދެން ތިބީ މުޅިން ވެސް ދިއްދޫގެ ހުނަރުވެރިންނެވެ. ދިއްދުއަކީ ފުޓްބޯޅައިގެ ރަށެއް ކަމަށް ލަތީފު ވިދާޅުވަނީ އެ ކުޅުންތެރިންނަށް ނިސްބަތްކުރައްވަ އެވެ.

"ދިއްދޫގައި ބާއްވާ މުބާރާތްތަކުގައި އަބަ ބައިވެރިވޭ 12 ޓީމު، އަށް ޓިމު، ހަ ޓީމު. މި ދަންނަވަނީ ބޮޑު ފުޓްބޯޅައިގެ ވާހަކަ [11 ކުޅުންތެރިން ކުޅޭ]. އެހެންވީމާ އެއީ ވަރަށް ގިނަ ކުޅުންތެރިން އެއް ރަށަކަށް ބަލާ ނަމަ،" ލަތީފު ވިދާޅުވި އެވެ.

މާ ހޯރައިގެ އިތުރުން އާރުޓީއެލް ފެރީ އާއި ކުއްޔަށް ހިފި ލޯންޗުތަކުގައި އެހާ ގިނަ ބަޔަކު، އެހާ މޫސުން ގޯސް ދުވަހެއްގައި ހަނިމާދުއަށް ދިޔައީ، ލަތީފް ވިދާޅުވި ގޮތުގައި، ދިއްދޫގައި އޮތް ފުޓްބޯޅަ ލޯތްބާއި ފޯރީގަ އެވެ. 

އިއްޔެގެ މެޗު ފެށުމުގެ ރަސްމިއްޔާތުގައި ލަތީފް (ކަނާތުން ދެވަނަ) އަދި ކުރީގެ ގައުމީ ކޯޗު އަލީ ސުޒޭން (ވ) އެހެން އިސް ދެ ބޭފުޅުންނާ އެކު: ލަތީފަކީ ދިއްދޫ ފުޓްބޯޅައިގެ މުހިންމު ބައިވެރިއެއް (ފޮޓޯ/އެފްއޭއެމް)

ޗެމްޕިއަންކަން ކަށަވަރުވުމުން ރޭ ލަތީފް ވަނީ މާލެ ވަޑައިގެންފަ އެވެ. އެކަމަކު އަބަދުވެސް އޭނާގެ އާދައިގެ މަތިން، މާލެއިން ގެންދަވާ ހާއްސަ މެހެމާނުންނާ ވެސް އެކުގަ އެވެ. އާންމު އެއް ބޭފުޅަކީ ކުރީގެ ގައުމީ ކޯޗު އަލީ ސުޒެއިންނެވެ. 

ލަތީފް އިންތިޒާމްކުރެއްވި ކޮންމެ މުބާރާތަކަށް ރާއްޖޭގެ ފުޓްބޯޅައިގެ ޝަހުސިއްޔަތުން ގެންދެ އެވެ. ނޯތު ރީޖަން ލީގަށް ކޮލިފައިވާން ދިއްދޫގައި ކުޅުނު ހއ، ހދ، ށ. އަތޮޅުގެ ޗެމްޕިއަނުންގެ މެޗުތައް ފަށަން މިހާރުގެ ގައުމީ ކޯޗު އިސްތަވާން އުރްބާނީ އާއި ކުރީގެ ގައުމީ ގޯލުކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ވެސް ގެންދިޔަ އެވެ. ސުޒޭނަކީ ދިއްދޫ ފުޓްބޯޅަ މުބާރާތްތަކުގެ އާންމު މެހެމާނެކެވެ.

"މިކަހަލަ ތަޖުރިބާކާރުން ގެންދަނީ އަސްލު އެމީހުންގެ ހިޔާލާއި މަޝްވަރާ ހޯދަން. ވަރަށް ގިނަ ކަންކަން ބުނެދޭ، އާ ހިޔާލުތައް ދޭ،" ލަތީފް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވަނީ ދިއްދޫގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ފަށައިފަ އެވެ. މިއީ ރަށު ފެންވަރުން، ސަރަހައްދީ ފެންވަރުން، ގައުމީ ފެންވަރަށް ޖެހިލަން ހުޅުވޭނެ ފުރުސަތެއް ކަމަށް ލަތީފް ގަބޫލުކުރައްވަ އެވެ.

"ދިއްދޫގައި ބާއްވައިފިން ދިއްދޫއަށް ހާއްސަ މުބާރާތްތައް. ބާއްވައިފިން އަތޮޅު މުބާާރާތްތައް، ޒޯން މުބާރާތްތައް. މިހާރު މި ބޭއްވުނީ ރީޖަންގެ މުބާރާތް،" ލަތީފުގެ ވާހަކަ ކުރިއަށް ގެންދެވި އެވެ.

"ދެން މިހާރު ސަރުކާރުން އެ އަޅައިދެނީ ބައިނަލްއަގުވާމީ ފެންވަރުގެ ދަނޑެއް. އޭގެ މާނައަކީ ދެން އަޅުގަނޑުމެން ގައުމީ ފެންވަރަށޭ ދާނީ. ބައިނަލްއަގުވާމީ މެޗުތައް ބޭއްވޭނެ ފުރުސަތު ވެސް ލިބޭނެއޭ."

ރޭ ދިއްދޫގައި އުފާ ފާޅުކުރުން އޮތެވެ. އެއީ ފުޓްބޯޅައިގެ ރަށެއްގެ ރައްޔިތުންނަށް އެހާމެ އުފާވެރި ރެއެއް ވެސް މެ އެވެ. ހަނިމާދޫގެ މެޗަށް މުހިންމު މޮޅު ހޯދުމަށް ފަހު ދިއްދޫ ޓީމު އަމިއްލަ ފަސްގަނޑަށް އެރީ މުޅިން އާ ތާރީހެއް ލިއެލައިފަ އެވެ؛ ނޯތު ރީޖަން ލީގުގެ ފުރަތަމަ ޗެމްޕިއަންގެ ނަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް