ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާ ފާޅުކުރާ އިރު ރެއާލްގެ ވިނީޝިއަސް ޖޫނިއަ ދަނޑުމަތީ ދެރަވެފައި
އެލް ކްލެސިކޯގައި ރެއާލް ބަލިކޮށް ބާސެލޯނާ ތަށި ދިފާއުކޮށްފި
ބާސެލޯނާގެ ދަނޑުގައި ރޭ އޮތް އެލް ކްލެސިކޯގައި ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް ލަލީގާގެ ޗެމްޕިއަންކަން ބާސެލޯނާއިން ދިފާއުކޮށްފި އެވެ.
ލީގުގައި އަދި ކުރިއަށް ދެ މެޗު އޮއްވާ ބާސެލޯނާ ތަށި ނެގި އިރު އެންމެ ވާދަވެރި ރެއާލްއަށް މިއީ ވަރަށް ނާކާމިޔާބު ސީޒަނެކެވެ. މިފަހަރު ތައްޓެއް ލިބުމުގެ އެއްވެސް ފުރުސަތެއް މިހާރަކު ނެތެވެ.
ރޭގެ މެޗަށް އެރުމުގެ ކުރިން ރެއާލްގެ ޓީމުގެ ތެރޭގައި އޮތީ ބޮޑެތި މައްސަލަތަކެވެ. ބައެއް ކުޅުންތެރިންގެ މެދުގައި މައްސަލަ ޖެހި ތަޅާފޮޅުމާ ހަމައަށް ވެސް ދިޔަ އެވެ.
ފުރަތަމަ ހާފުގައި މާކަސް ރަޝްފޯޑް އާއި ޓެރަން ޓޯރެސް ޖެހި ދެ ލަނޑުން ބާސެލޯނާ ހޯދި މި މޮޅާ އެކު ދެން އެހެން އެއްވެސް ޓީމަކަށް އަތުނުވާނެ ވަރަށް ތާވަލްގެ އެއްވަނާގައި ބާސެލޯނާ އޮތީ ރެއާލްއަށް ވުރެ 14 ޕޮއިންޓް ތަފާތުންނެވެ.
ލަލީގާގެ ގަދަ ފަހެއް
-
1-
ބާސެލޯނާ، ކުޅުނު 35، ޕޮއިންޓް 91
-
2-
ރެއާލް މެޑްރިޑް، ކުޅުނު 35، ޕޮއިންޓް 77
-
3-
ވިލަރެއާލް، ކުޅުުނު 35، ޕޮއިންޓް 69
-
4-
އެތުލެޓިކޯ، ކުޅުނު 35، ޕޮއިންޓް 63
-
5-
ރެއަލް ބެޓިސް، ކުޅުނު 35، ޕޮއިންޓް 54
ލަނޑު ޖެހުމަށް ފަހު ރަޝްފޯޑް އާއި ޓޯރެސް ވެސް ދުވެފައި ދިޔައީ ކޯޗު ހެންސީ ފްލިކްގެ ކައިރިއަށެވެ. ސަބަބަކީ ދެ ދުވަސް ކުރިން ފްލިކްގެ ބައްޕަ މަރުވެފައި ވަނިކޮށް ވެސް ހިތްވަރުކޮށްފައި ކުޅުންތެރިންނާ އެކު އޭނާ ހުރުމެވެ.
ބާސެލޯނާ މިހާ ހިސާބަށް ގެންނަން ފްލިކްގެ މަސައްކަތް ވަރަށް ބޮޑެވެ. ދަރަންޏާ އެކު މީގެ ދެ އަހަރު ކުރިން ބާސެލޯނާ އޮތީ ވަރަށް ހާލުގަ އެވެ. ނަމަވެސް އާނާގެ ބެލުމުގެ ދަށުން ބާސެލޯނާއަށް ގެނައި ބަދަލު ރޭ ވެސް އެ ފެނުނީ އެވެ.