ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން މިޔުނިކް 5-4 އިން ބަލިކުރަން ޕީއެސްޖީއަށް ދެ ލަނޑު ޖަހައިދިން އޮސްމާނޭ ޑެމްބެލޭ ލަނޑަށް ފަހު އުފާ ފާޅުކުރަނީ. ރޭ ވެސް އޭނާ ވަނީ ބަޔާން ކޮޅަށް ލަނޑު ޖަހާފައި

ޕީއެސްޖީ

އެންރީކޭ މޮޅު، ބޮޑެތި ހުރިހާ ތަރިން ލައިގެން ނުވި ކަމެއް އޭނާ އެ އަންނަނީ ކުރަމުން

ޖަރުމަނުގައި ބަޔާން މިޔުނިކްއާ 1-1އިން އެއްވަރުވެ، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ އެ ދިޔައީ ތަށި ދިފާއުކުރުމުގެ ބާރާ އެކު
7 މޭ 2026

ޖަރުމަނުގެ ބަޔާން މިޔުނިކްގެ ދަނޑުގައި 1-1 އިން ރޭ އެއްވަރުވި، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގާ އެކު ފްރާންސްގެ ޕީއެސްޖީ ތާރީހުގެ ތެރެއަށް ވަންނަން ދެން އޮތީ އެންމެ ފިޔަވަޅެކެވެ.

ކޯޗު ލުއިޒް އެންރީކޭ މޮޅެވެ. އޭނާ އެ ވަނީ ބޮޑެތި ތަރިންނާ ނުލައި ޕީއެސްޖީ ފުރިހަމަ ޓީމަކަށް ބަދަލުކޮށްފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފައިނަލަށް ގެންގޮސްދިނީ މެޗުގެ ކުރީކޮޅު އުސްމާނޭ ޑެމްބެލޭ ޖެހި ލަނޑުން މެޗު ނިމެން ދަނިކޮށް ބަޔާންގެ ހެރީ ކޭން އެއްވަރުކުރިޔަސް، ދެ މެޗުގެ ނަތީޖާއިން މޮޅުވެގެންނެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 5-4 އިން ޕީއެސްޖީ ކޮޅަށެވެ.

މި މަހު 30ގައި ހެންގެރީގެ ވެރިރަށް ބުޑަޕެސްޓްގައި އޮންނަ ފައިނަލްގައި ޕީއެސްޖީ ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.

ލުއިޒް އެންރީކޭ: އޭނާ ވަނީ ޕީއެސްޖީއަށް ބޮޑު ބަދަލެއް ގެނެސްފައި

ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން މައިގަނޑު އަމާޒަކަށް ހަދައި، އެއްއިރެއްގައި އެ ޓީމުގައި ލިއޮނެލް މެސީ އާއި ނޭމާ އަދި ކީލިއަން އެމްބާޕޭ ވެސް ގެންގުޅުނެވެ. ނަމަވެސް އެ ތަށި ލިބުނީ އެ ހުރިހާ ކުޅުންތެރިން ޕީއެސްޖީ ދޫކޮށް ދިޔަ ފަހުން މިދިއަ އަހަރު އެވެ.

އެ ހުރިހާ ތަރިންނާ ނުލައި އާ ޓީމެއް އުފެއްދުމުގެ މަސައްކަތުގައި އެންރީކޭ ފުރަތަމަ ވެސް އޭނާގެ ކުޅުންތެރިންނަށް ބުނީ ކިބުރުވެރިކަން ދޫކޮށްލުމަށެވެ. ތިމާއަށް ތިމާ ނުފެނުމަށެވެ. އޭނާ ބޭނުންވި ގޮތަށް އެކަންކަން އެ ޓީމުން ފުރިހަމަކޮށްފި އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ޕީއެސްޖީއަކީ މި ވަގުތު ޔޫރަޕްގެ އެންމެ މޮޅު، އެންމެ ފުރިހަމަ ޓީމެވެ. އެ ޓީމުގައި ދަށް އެއްވެސް ތަނެއް ނުފެނެ އެވެ. އެހެންކަމުން، މިދިއަ ސީޒަންގެ ސެމީ ފައިނަލްގައި އާސެނަލް އަތުން މޮޅުވި ޕީއެސްޖީއާ ދެކޮޅަށް އާސެނަލްއަށް އޮތީ ވަރުގަދަ ހަނގުރާމައެއް ކަމަށް ބެލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް