ރޭ ކުޅުނު ޕްރިމިއަ ލީގުގެ މެޗުގައި މެންޗެސްޓަ ސިޓީ ކޮޅަށް ދެ ލަނޑު ޖެހި އެވަޓަންގެ ތިއާނޯ ބެރީ (11) ލަނޑަކަށް ފަހު އުފާ ފާޅުކުރަނީ

ސިޓީއަށް މޮޅުނުވެވި އާސެނަލްއަށް އަމިއްލަ ބާރު އަލުން ލިބިއްޖެ

ޔޫރަޕްގެ އެންމެ ވާދަވެރި ލީގުގެ ފަހު ފަސް މެޗުގައި ކުރިއަށް އޮތީ ނޭވާ ހިފަހައްޓާލަން ޖެހޭ ވަރުގެ ދުވަސްތަކެއް. އެވަޓަން އަތުން ރޭ ސިޓީއަށް މޮޅުނުވެވުމުން އަމިއްލަ ބާރު މިހާރު ވަނީ ކެނޑިފައި
5 މޭ 2026

އެވަޓަންގެ ދަނޑުގައި ރޭ ދެއްކި ހިތްވަރާއި މެންޗެސްޓަ ސިޓީއަށް ޖެއްސުވި ހާލާ އެކު އިނގިރޭސި ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު އާސެނަލްއަށް ފަހިވެއްޖެ އެވެ.

ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޖެރެމީ ޑޮކޫ ލަނޑު ޖަހައި ސިޓީއަށް ކުރި ހޯދައިދިން ނަމަވެސް ފަހު ހާފުގެ ފަހުކޮޅު އެވަޓަން ވަނީ އަޖައިބެއް ކަހަލަ ގޮތަކަށް ތިން ލަނޑު ޖަހައި، ސިޓީ މައިތިރިކޮށްފަ އެވެ. ތިއާނޯ ބެރީގެ ދެ ލަނޑާއި ޖޭކް އޯބްރިއެންގެ ލަނޑުން މުޅި ދަނޑު ހިލުވާލި އެވެ.

ނަމަވެސް އާލިން ހާލޭންޑްގެ 83 ވަނަ މިނިޓްގެ ލަނޑާއި އިތުރު ވަގުތުގައި ޑޮކޫ ޖަހާލި ދެވަނަ ލަނޑުން މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

މިއީ ލީގުގައި ސިޓީގެ ފަހު ފަސް މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ. އާސެނަލް ވަނީ ފަސް މެޗުގެ ތެރެއިން ދެ މެޗު ކުޅެ 76 ޕޮއިންޓް ހޯދައިފަ އެވެ. ސިޓީއަށް މިހާރު އޮތީ 71 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ދޭއް

  • 1-

    އާސެނަލް، ކުޅުނު 35، ޖެހި 67، ފައިދާ 41، ޕޮއިންޓް 76

  • 2-

    ސިޓީ، ކުޅުނު 34، ޖެހި 69، ފައިދާ 37، ޕޮއިންޓް 71

މި ހާލަތުގައި ސިޓީއަށް ކިރިޔާ ވެސް އުއްމީދެއް އޮތީ އާސެނަލް ކޮންމެވެސް މެޗަކުން އެއްވަރުވުން ނުވަތަ ބަލިވުމެވެ. އޭރުން ސިޓީ ވެސް އެއްވެސް މެޗަކުން އެއްވަރުވެ ނުވަތަ ބަލިވެގެން ނުވާނެ އެވެ.

މިއީ ފަހަކަށް އައިސް ޕްރިމިއަ ލީގުގެ ޗެމްޕިއަން ޓީމެއް ކަނޑަނޭޅި ލީގުގެ އެންމެ ފަހު ފަސް މެޗުގެ ވާދަވެރިކަން މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.

އާސެނަލްގެ ކުރިއަށް އޮތް ތިން މެޗުން މޮޅުވެއްޖެ ނަމަ 85 ޕޮއިންޓާ އެކު ޗެމްޕިއަންކަން ލިބޭނެ އެވެ. އެ ހިސާބަށް އާސެނަލްއަށް ދެވުމަކީ 22 އަހަރުގެ ތެރޭގައި ޕްރިމިއަ ލީގުގެ ތަށި ފުރަތަމަ ފަހަރަށް ލިބުމެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު ނަމަވެސް ތަށި ހޯދުން މިހާރު އޮތީ އެމީހުންގެ އަތް މަތީގައި ނޫން ކަމަށެވެ.

"ކުރިން އަހަރެމެންނަށް ބާރު އޮތް، އެކަމަކު މިހާރު އެ ބާރެއް ނެތް،" ގާޑިއޯލާ ބުންޏެވެ. 

"ކުރިއަށް މެޗުތަކެއް އެބަ ހުރި. ދެން ވާ ގޮތެއް ބަލަމާ ހިނގާ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް