ކެންޔާގެ ސަބަސްޓިއަން ސަވޭ މިއަދު އޮތް ލަންޑަން މެރެތަން ނިންމަނީ: އާދަޔާ ހިލާފު ބާރަށް ދުވި

ސަވޭ ދުނިޔެ ހައިރާންކޮށްލައިފި، ލަންޑަން މެރެތަން އެ ނިންމީ 2 ގަޑިއިރަށް ވުރެ އަވަހަށް

ކުރިން ބެލެވިފައި އޮތީ އެއީ ރަސްމީ ރޭހެއްގައި އިންސާނުންނަށް ނުކުރެވޭނެ ކަމެއް ކަމަށް. ނަމަވެސް މިއަދުގެ ލަންޑަން މެރެތަންގައި ސަބަސްޓިއަން ސަވޭގެ އިތުރުން ޔޯމިފް ކެޖެލްޗާ ވެސް ދެ ގަޑިއިރު ބްރޭކްކުރި
26 އޭޕްރީލު 2026

ރަސްމީ މެރެތަންއެއް ވެސް ދެ ގަޑިއިރަށް ވުރެ އަވަހަށް ޖެހިދާނެކަން މިއަދު ސާބިތުކޮށްދީފި އެވެ. އެންމެ ދުވުންތެރިއެއް ނޫނެވެ. ލަންޑަން މެރެތަން ކެންޔާގެ ސަބަސްޓިއަން ސަވޭ ދެ ގަޑިއިރަށް ވުރެ އަވަހަށް އެއްވަނާގައި ނިންމި އިރު ދެ ވަނަ ހޯދި އިތިއޮޕިއާގެ ޔޯމިފް ކެޖެލްޗާ ވެސް ވަނީ ދެ ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމައިފަ އެވެ.

މިހާތަނަށް ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ނިންމީ ކެންޔާގެ މަޝްހޫރު އެލިއުޑް ކިޕްޗޯގީ އެވެ. ނަމަވެސް 2019ގައި 1 ގަޑިއިރާއި 59 މިނިޓް 40 ސިކުންތުން ނިންމައިގެން ތާރީހު ބަދަލުކޮށްލީ ރަސްމީ ރޭހެއްގައެއް ނޫނެވެ. އެއީ އެ ބާރުމިނުގައި ދުވުން ހިފަހައްޓަން ވަކި ގޮތަކަށް ރާވައިގެން، ޕޭސް މޭކަރުން ވެސް ބޭނުންކުރި ދުވުމެކެވެ. އެހެންކަމުން އެއީ ދުނިޔޭގެ ރެކޯޑެއްގެ ގޮތުގައި ނުބަލަ އެވެ.

ދެ ގަޑިއިރަށް ވުރެ އަވަހަށް ރަސްމީ މެރެތަންއެއް ފުރަތަމަ ފަހަރަށް ނިންމި ދެ ދުވުންެތެރިން ކަމަށްވާ ސަވޭ އާއި ކެޖެލްޗާ މިއަދު އޮތް ލަންޑަން މެރެތަން ނިންމަން ދަނީ

އެކަމަކު ދުނިޔޭގެ އެންމެ ބޮޑު އެއް މެރެތަންގައި ސަވޭ ދުވެ ނިންމާލީ 1 ގަޑި 59 މިނިޓް 30 ސިކުންތުންނެވެ. އެއީ ކިޕްޗޯގީއަށް ވުރެ 10 ސިކުންތު އަވަސް މިންވަރެކެވެ.

އަލަށް މެރެތަންއަށް ނުކުތް ކެޖެލްޗާގެ ވަގުތަކީ 1 ގަޑި 59 މިނިޓް 41 ސިކުންތެވެ.

ދުނިޔޭގެ މެރެތަން ރިކޯޑް ކުރިން އޮތީ، ކާރު އެކްސިޑެންޓެއްގައި މަރުވި ކެލްވިން ކިޕްޓުމް އަތުގަ އެވެ. އޭނާ 2023ގެ ޗިކާގޯ މެރެތަން ނިންމީ 2 ގަޑި 30 ސިކުންތުންނެވެ. މިއަދު ލަންޑަން މެރެތަންގެ ތިންވަނަ ހޯދި ޖެކޮބް ކިޕްލިމޯގެ ވަގުތު ކަމަށްވާ 2 ގަޑި 28 ސިކުންތަކީ ވެސް އެ ރެކޯޑަށް ވުރެ އަވަސް ވަގުތެވެ.

ލަންޑަން މެެރެތަންގައި މިއަދަކީ އަޖައިބެއް ކަހަލަ އަދި އެހާމެ ތާރީހީ ވެސް ދުވަހަކަށް މި އޮތީ ވެފަ އެވެ. 

ސަވޭ ދެ ގަޑިއިރަށް ވުރެ އަވަހަށް ދުވި ސްޕީޑް ކުރު ގޮތަކަށް

  • 2.50 މިނިޓް: ކިލޯމީޓަރެއް ދުވި އެވަރެޖް ވަގުތު

  • 14:10 މިނިޓް: ކޮންމެ 5 ކިލޯމީޓަރެއްގެ އެވަރެޖް

  • 1 ގަޑި 20 ސިކުންތު: ހާފް މެރެތަން

  • 59:01 މިނިޓް: ދެވަނަ ހާފު މެރެތަން

  • 1 ގަޑި 59 މިނިޓް 30 ސިކުންތު: 42 ކިލޯމީޓަރު ނިންމި ވަގުތު

މިހާތަނަށް ސަވޭ، 30، ދުވި ހަތަރު މެރެތަން ވެސް އޭނާ އެވަނީ ކާމިޔާބުކޮށްފަ އެވެ. މީގެ ކުރިން އެންމެ ބާރަށް އޭނާއަށް މެރެތަންއެއް ޖެހުނީ 2 ގަޑި 02 މިނިޓް 05 ސިކުންތުންނެވެ.

ސަވޭ އަންނަނީ މަނާ ބޭހެއް ބޭނުންނުކުރާކަން އާންމުންނަށް ކަށަވަރުކޮށްދޭން ވަރަށް ގިނައިން ޑްރަގް ޓެސްޓް ވެސް ހަދަމުންނެވެ.

"އަހަރެން މިހިރީ ވަރަށް އުފަލުން. މިއީ އަަބަދުވެސް ހަނދާން ހުންނާނެ ދުވަހެއް،" ރޭހަށް ފަހު ސަވޭ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް