އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ (ކ)، މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ދެ މީހުން އެކުގައި ސިޓީގައި މަސައްކަތް ކުރި އިރު: މިރެއަކީ ދެ އެކުވެރިންނަށް ވެސް ބޮޑު އިމްތިހާނެއް
ޕްރިމިއަ ލީގުގެ ބޮޑު މެޗު: އެކުވެރި ދެ ކޯޗުންގެ ވެސް ކުރިމަތިލުމެއް
މިރޭ އިއްތިހާދު ސްޓޭޑިއަމްގައި މެންޗެސްޓަ ސިޓީ އާއި އާސެނަލް އެ ނުކުންނަނީ މި ސީޒަންގެ ޕްރިމިއަ ލީގުގެ ތަށި ހޯދާނެ ޓީމެއް ގާތްގަނޑަކަށް ކަނޑައެޅޭނެ މެޗަކަށެވެ. އެކުވެރި ދެ ކޯޗުންގެ ވެސް ވަރުގަދަ ކުރިމަތިލުމެކެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އެއް ބަތަލަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެވެ. ޒުވާން އިރު ބާސެލޯނާގެ އެކަޑަމީއާ އާޓެޓާ ގުޅުނު އިރު ގާޑިއޯލާއަކީ ބާސެލޯނާގެ ކެޕްޓަނެވެ. އޭރުއްސުރެ ގާޑިއޯލާއަށް އާޓެޓާގެ ހިތުގައި އޮތީ ލޯތްބާއި އިހުތިރާމެވެ.
އިނގިރޭސި ލީގުގައި އެވަޓަން އާއި އާސެނަލްއަށް ކުޅެ ނިންމާފައި އާޓެޓާގެ ކޯޗިން ކެރިއާ ފެށީ ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ސިޓީގަ އެވެ. ނަމަވެސް 2019ގައި އާސެނަލްގެ ކޯޗުކަން ލިބުމާ އެކު އެ ފުރުސަތުގެ ބޭނުންހިފި އެވެ. އޭގެ ފަހުން ގާޑިއޯލާއާ މާ ބޮޑު ގުޅުމެއް ނުބާއްވާ އޮވެފައި، އަނެއްކާވެސް ދެ ރަހުމަތްތެރިންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް، ފުޓްބޯޅައިގެ އެތެރޭގެ މައުލޫމާތު ހުރި ތަޖުރިބާކާރުން ބުނެ އެވެ.
މިރޭ ސިޓީގެ ދަނޑަށް އާސެނަލް އެ ނުކުންނަނީ، ލީގުގައި އާސެނަލްގެ ފެންވަރު އެންމެ ދަށަށް ވެއްޓިފައި އޮތް ދަނޑިވަޅުގަ އެވެ. އޭގެ ބަދަލުގައި ސިޓީގެ ކުޅުން ވީ ވަރުގަދަ އެވެ.
ސިޓީ އާއި އާސެނަލްގެ މަގާމު
-
1-
އާސެނަލް، ކުޅުނު 32، ފައިދާ ގޯލް 38، ޕޮއިންޓް 70
-
2-
މެންޗެސްޓަ ސިޓީ، ކުޅުނު 31، ފައިދާ ގޯލް 35، ޕޮއިންޓް 64
ހަ ޕޮއިންޓްގެ ތަފާތުން އާސެނަލް ކުރީގައި އެ އޮތީ ސިޓީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އެހެންކަމުން މިރޭ ބަލިވެ، އަދި ސިޓީގެ ކުރިއަށް އޮތް މެޗުން މޮޅުވެއްޖެ ނަމަ ޕޮއިންޓްގެ ގޮތުން ދެ ޓީމު އެއްވަރުވާނެ އެވެ.
ގާޑިއޯލާ ބުނި ގޮތުގައި މިރޭގެ މެޗު އެއްވަރުވެ ނުވަތަ ބަލިވެއްޖެ ނަމަ ލީގު ހޯދުމުގެ ފުރުސަތު ސިޓީއަށް ބަންދުވީ އެވެ. އޭނާގެ ބަހުން ނަމަ 'ހުރިހާ ކަމެއް އެ ނިމުނީ' އެވެ.
މިދިއަ ތިން ސީޒަން އާސެނަލް ނިންމީ ދެވަނައިގަ އެވެ. ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ސިޓީން ވަނީ ހަ ފަހަރަށް ލީގު ކާމިޔާބުކޮށްފަ އެވެ. އެއާ ހިލާފަށް އާސެނަލްއަށް ޕްރިމި ލީގުގެ ޗެމްޕިއަންކަން ނުލިބޭތާ މިއީ 22 ވަނަ އަހަރެވެ.
ލީގުގައި އެންމެ ފަހުން ސިޓީ އާއި އާސެނަލް ވާދަކުރި ފަސް މެޗުން ވެސް ސިޓީ މޮޅުވެފައެއް ނުވެ އެވެ. އެކަމަކު މިރެއަކީ މުޅިން ތަފާތު ކުރިމަތިލުމެކެވެ. ތަށި ހޯދުމުގެ ތަޖުރިބާ އާއި ގާޑިއޯލާގެ ރޭވުންތެރިކަން ދެކެ ޖެހިލުންނުވާނެ ކޯޗަކު ނުހުންނާނެ އެވެ.
ގާޑިއޯލާ ބުނެފައިވާ ގޮތުގައި މި ވަގުތު ޕްރިލި ލީގުގައި ވެސް އަދި ޔޫރަޕްގައި ވެސް އެންމެ މޮޅު ޓީމަކީ އާސެނަލް އެވެ. މިއީ އާޓެޓާ އަދި ގަބޫލުކުރާނެ ވާހަކައެއް ނޫނެވެ.
އާސެނަލްގެ ފެންވަރަށް މި ފަހުން އައި ވެއްޓުމާއި ކުރިއަށް ހުރި މެޗުތަކާ ބެހޭ ގޮތުން ސުވާލުކުރުމުން އާޓެޓާ ބުނީ 'އެއްވެސް ބިރެއް ނެތް' ކަމަށާއި ކުޅުންތެރިންގެ އޮތީ 'ސީދާ އަލިފާނު'ގެ ހިތްވަރެއް ކަމަށެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖޭގެ ގަޑިން 8:30ގަ އެވެ.