ރޭގެ މެޗުގައި ރެއާލް މެޑްރިޑް ކޮޅަށް ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު ބަޔާން މިޔުނިކްގެ ލުއިޒް ޑިއާޒް (ވ) އުފާ ފާޅުކުރަނީ

ޖުމްލަ ހަތް ލަނޑު، ބަޔާން އާއި ރެއާލްގެ ފުރިހަމަ ވާދައެއް

އިތުރު ދެ ހާފު ކުޅެން މިސްރާބު ޖަހާފައި އޮއްވާ ފަހު ވަގުތު ބަޔާން ވަނީ ރެއާލްއާ 3-3އިން އެއްވަރުކޮށްފައި، ދެން އައީ 4-3އިން މޮޅުވި ލަނޑު. ސެމީގެ އަނެއް ޖާގަ އާސެނަލްއަށް
16 އޭޕްރީލު 2026

ފުޓްބޯޅައިން ހިތްހަމަޖެހުން ހޯދަން ބޭނުން ނަމަ ރޭ ބަޔާން މިޔުނިކް އާއި ރެއާލް މެޑްރިޑްގެ މެޗަކީ އޭގެ ދެވަނައެއް ނެތް ފަދަ ވާދައެކެވެ. ޖުމްލަ ހަތް ލަނޑެވެ. ރެއާލް މޮޅުވެ އިތުރު ވަގުތުގެ ދެ ހާފަށް މެޗު އެނބުރެނިކޮށް، ބަޔާނުން 3-3އިން އެއްވަރުކުރި އެވެ. ދެން އައީ މެޗުގެ އިތުރު ވަގުތުގެ ފަހުކޮޅު، ބަޔާން މޮޅުކޮށްދިން ލަނޑެވެ.

އެ ނަތީޖާއާ އެކު ބަޔާން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ބަޔާންގެ ދަނޑުގައި މި ފޯރިގަދަ، މޮޅު މެޗުގެ ފުރަތަމަ މިނިޓާ އެކު ހަމަލާ އާއި ލަނޑުގެ އީދަކަށް ފުރޮޅުނެވެ. ފުރަތަމަ ހާފު ނިންމާލީ 3-2 އިން ރެއާލް ކުރީގައި އޮވެގެންނެވެ.  ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި 2-1 އިން ބަޔާން އަތުން ބަލިވެފައި އޮތުމުން، ހާފު ނިންމާލި އިރު ދެ ޓީމު އެ އޮތީ ލަނޑުގެ ގޮތުން ވެސް އެއްވަރުވެފަ އެވެ.

ރޭގެ މެޗުގެ ލަނޑުތައް ތަރުތީބުން

  • 1-

    1 ވަނަ މިިނިޓް: އަރުދާ ގުލާ (ރެއާލް މެޑްރިޑް)

  • 2-

    6 ވަނަ މިނިޓް: އެލެގްޒަންޑާ ޕަވްލޮވިޗް (ބަޔާން)

  • 3-

    29 ވަނަ މިނިޓް: އަރުދާ ގުލާ (ރެއާލް މެޑްރިޑް)

  • 4-

    38 ވަނަ މިނިޓް: ހެރީ ކޭން (ބަޔާން މިޔުނިކް)

  • 5-

    42 ވަނަ މިނިޓް: ކީލިއަން އެމްބާޕޭ (ރެއާލް މެޑްރިޑް)

  • 6-

    89 ވަނަ މިނިޓް: ލުއިޒް ޑިއާޒް (ބަޔާން މިޔުނިކް)

  • 7-

    90+4 ވަނަ މިނިޓް: މައިކަލް އޮލިސޭ (ބަޔާން މިޔުނިކް)

އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި އޮއްވާ، ރެއާލްގެ ލުއިޒް ޑިއާޒް ލަނޑު ޖަހައި 3-3 އިން އެއްވަރުކުރި އެވެ. އޭގެ މާނައަކީ 5-4ގެ އެގްރިގޭޓުން ބަޔާން ކުރި ހޯދުމެވެ.

ރެއާލްއަށް ލިބުނު އުނިކަމަކީ އޭގެ ތިން މިނިޓް ކުރިން އެޑްއާޑޯ ކަމަވިންގާއަށް ރަތް ކާޑު ދެއްކުމެވެ. އޭގެ ދެ މިނިޓް ކުރިން އޭނާއަށް އޮތީ ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.

މެޗުން މޮޅުވާން ރެއާލްއިން މުޅި ޓީމު ކުރިއަށް ޖެހުނު ވަގުތު ލިބުނު ހުސް ފުރުސަތެއްގައި 4-3 އިން ބަޔާން މޮޅުކޮށްދިނީ މައިކަލް އޮލިސޭ އެވެ.

ބަޔާން ސެމީއަށް ދިޔަ އިރު ރެއާލްގެ މި ނާކާމިޔާބީގެ މާނައަކީ މި ސީޒަންގައި އެއްވެސް ތައްޓެއް ނެތި ނިންމާލަން ޖެހުމެވެ.

ރޭ ކުޅުނު ކްއާޓާ ފައިނަލްގެ އަނެއް މެޗުގައި އާސެނަލްގެ ދަނޑުގައި އާސެނަލް އާއި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ލަނޑެއް ނުޖެހި އެއްވަރުވެ، އާސެނަލް ވަނީ ސެމީއަށް ގޮސްފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީއިން ޖެހިޖެހިގެން ދެ ސީޒަންގައި އާސެނަލްއިން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ލެގުގައި ސްޕޯޓިންގެ ދަނޑުގައި އާސެނަލް ވަނީ 1-0 އިން މޮޅުވެފަ އެވެ.

ބަޔާން އާއި ރެއާލްެގެ މެޗާ އަޅާބަލާއިރު މިއީ ފޫހި، އަދި ހަމަލާގެ ކުޅުމެއް ނެތް މެޗެކެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގައި މި ފަހަރު އެއް ގައުމެއްގެ ދެ ޓީމެއް ނެތެވެ. ހަތަރު ޓީމު ނިސްބަތް ވަނީ ޔޫރަޕްގެ އެންމެ ގަދަ ހަތަރު ލީގަށެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް

  • އެތުލެޓިކޯ މެޑްރިޑް (ސްޕެއިން) - އާސެނަލް (އިންގްލެންޑް)

  • ބަޔާން މިޔުނިކް (ޖަރުމަން) - ޕީއެސްޖީ (ފްރާންސް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް