ޕްރިމިއަ ލީގުގެ މިދިއަ ސީޒަންގެ ތަށި ލިވަޕޫލުން އުފުލާލަނީ: އެކަމަކު މި އަހަރު އެ ކާމިޔާބީއާ ކައިރިއަށް ވެސް ނުދެވޭ
ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންނަށް ފިލާވަޅެއް
މިދިއަ ސީޒަންގައި ލިވަޕޫލުން ޕްރިމި ލީގު ކާމިޔާބުކުރުމާ ދިމާއަށް މިސްރާބު ޖެހުމާ އެކު ދިވެހި ސަޕޯޓަރުން، ސޯޝަލް މީޑިއާގައި، އެހެން ސަޕޯޓަރުންނަށް މަލާމާތްކުރަން ފެށި އެވެ. މަޖަލަކަށެވެ. އަނެއް ބައި ފަހަރަށް އެހެން މީހުން ރުޅިއެރެވުމަށެވެ.
ރޭ މި ޖެހުނީ އެ 'ބޮޑާކަމުގައި' ތިބި ސަޕޯޓަރުންގެ މޫނުގައި މާޔޫސީގެ އަތް އަޅާށެވެ. އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 2-0އިން ބަލިވުމުގެ މާނައަކީ މި ސީޒަންގައި އެއްވެސް ތައްޓެއް ނުލިބި ނިންމާލުމެވެ. އެއަށް ވުރެ ބޮޑަށް އޮތް މަސައްކަތަކީ، ޕްރިމިއަ ލީގުގެ ގަދަ ފަހަކުން ޖާގަ ހޯދައި، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތެއް ޔަގީންކުރުމެވެ.
ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ އެވީ ބައްޔާ އެކު ބައެއް ދިވެހި ސަޕޯޓަރުން ލިވަޕޫލް ކޯޗު އާނޭ ސްލޮޓަށް މަލާމަތްކޮށްފައި ވެސް ސޯޝަލް މީޑިއާގައި އެބަ ލި އެވެ. އެގޮތުން އޭނާގެ ތަލައާ ގުޅުވައިގެން ކޮށްފައި ހުންނަ މަލާމާތްތައް ވެސް ހިމެނެ އެވެ.
ބައެއް ފަހަރަށް ދިވެހި ސަޕޯޓަރުން ފެންނަނީ ކޯޗުންނަށް ވުރެ ވެސް މަތީގައި އުޅޭތަނެވެ. ޓީމު ނެރެންވާ ގޮތް، ޓީމު އަތުރަންވާ ގޮތް، ޓީމު ކުޅެންވާ ގޮތް ވެސް އެނގެނީ، އަހަރަކު އަސާސީ މުސާރައަކަށް ގާތްގަނޑަކަށް 9 މިލިއަން ޑޮލަރު (138 މިލިއަން ރުފިޔާ) ލިބޭ، ސްލޮޓަށް ވުރެ ބޮޑަށް ސަޕޯޓަރުންނަށެވެ.
ލިވަޕޫލަށް ވަމުން ދާ ގޮތަކީ ސަޕޯޓަރުންނަށް ވެސް ފިލާވަޅެކެވެ. ކޮންމެ ފަހަރަކު ތަށި ހޯދަން ޖެހޭ ނަމަ އެ ވިސްނުން ގޯހެވެ. ސަބަބަކީ އެއީ އިނގިރޭސި ލީގު ކަހަލަ ވަރުގަަދަ ލީގެއްގައި ވާނެ ކަމެއް ނޫނެވެ.
އާސެނަލްއަށް ލީގު ނުލިބި 22 އަހަރު ވާ އިރު ސަޕޯޓަރުން ތިބީ މާޔޫސްގަ އެވެ. ތަޖުރިބާކާރުން ގެންދަނީ ކޯޗު މިކޭލް އާޓެޓާއަށް ފާޑުކިޔަމުންނެވެ. ތަށި ނުލިބުނަސް މިދިއަ ތިން ސީޒަންގައި އެއް ފެންވަރުގެ ކުޅުމެއް ދައްކައި، ދެވަނާގައި އޮތް އޮތުމަކީ ކާމިޔާބީއެއް ކަމަކަށް ނުބަލަ އެވެ.
ޕްރިމިއަ ލީގުގެ ގަދަ އަށެއް
-
1-
އާސެނަލް، ކުޅުނު 32، ޕޮއިންޓް 70
-
2-
މެންޗެސްޓަ ސިޓީ، ކުޅުނު 31، ޕޮއިންޓް 64
-
3-
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 32، ޕޮއިންޓް 55
-
4-
އެސްޓަން ވިލާ، ކުޅުުނު 32، ޕޮއިންޓް 55
-
5-
ލިވަޕޫލް، ކުޅުުނު 32، ޕޮއިންޓް 52
-
6-
ޗެލްސީ، ކުޅުނު 32، ޕޮއިންޓް 48
-
7-
ބްރެންޓްފޯޑް، ކުޅުނު 32 ޕޮއިންޓް 47
-
8-
އެވަޓަން، ކުޅުނު 32، ޕޮއިންޓް 47
ސްލޮޓްގެ ފުރަތަމަ ސީޒަންގައި ހޯދައިދިނީ ލީގެވެ. އެކަމަކު މި ސީޒަންގައި އެ އުޅެނީ ގަދަ ފަހެއް ވެސް ކަށަވަރުނުވެގެންނެވެ. އެހެންވެ ސަޕޯޓަރުންނަށް ބުނެދޭ ފިލާވަޅަކީ، ކުޅިވަރުގައި ކޮންމެ ފަހަރަކު މޮޅުނުވާނެ ކަމާއި މޮޅުވާ ފަހަރު ހަމަ ބިމުގައި ތިބޭށެވެ.
ރޭގެ މެޗަށް ފަހު ސްލޮޓް ބުނި ވާހަކައާ މެދު ވިސްނާލަމާ ހެއްޔެވެ؟
"މި ޓީމުގެ މުސްތަގުބަލް ވަރަށް އަލި،" އޭނާ ބުންޏެވެ.
"އަހަރެމެންގެ ދަނޑުގައި ޔޫރަޕްގެ ޗެމްޕިއަނުންނާ ވާދަކުރެވޭނެކަން މި ދައްކައިދިނީ. ޕީއެސްޖީއާ ދެކޮޅަށް މުޅި ކުޅުންގަނޑު ކޮންޓްރޯލްކޮށްގެން ކޮންމެ ޓީމަކަށް ނުކުޅެވޭނެ. އަހަރެމެން އެކަން ކޮށްފިން އަދި ހަމަލާތައް ވެސް އުފައްދައިފިން."
އެކަމަކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ އަދި ކަށަވަރެއް ނޫނެވެ. އެހެންކަމުން ލިވަޕޫލްގެ ދިވެހި ސަޕޯޓަރުން ވެސް ދުއާކުރަންވީ، މަލާމަތްނުކޮށް، ޝަކުވާނުކޮށް، ކުރިއަށް އޮތް ހަ މެޗުން އެ ޖަގާ ހޯދޭތޯ އެވެ.
ކޮމެންޓް (5)
ލިވަރުޕޫލް ފޭން
ގާޑިއޯލާ
އާޓެޓާ
ސްލޮޓް
ކްލޮޕް