ލިވަޕޫލް 2-0އިން ބަލިކުރަން ދެ ލަނޑު ވެސް ޖަހައިދިން ޕީއެސްޖީގެ އުސްމާން ޑެމްބެލޭ އުފާ ފާޅުކުރަނީ

އެތުލެޓިކޯ ކައިރީގައި ބާސެލޯނާއަށް ހަމަ ކުރީގެ ހާލަތު، މޮޅުވާން އުޅެފައި ވެސް ވީ ބަލި

އެތުލެޓިކޯއާ އެކު ސެމީ ފައިނަލްގެ އަނެއް ޖާގަ ކަށަވަރުކުރީ ލިވަޕޫލް ދަނޑުގައި މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ
15 އޭޕްރީލު 2026

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖްގައި އެތުލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާއަށް ދުވަހަކު ވެސް އަދި މޮޅެއްނުވެވެ އެވެ. ކްއާޓާ ފައިނަލްގެ ދެވަނަ ލެގުގައި އެތުލެޓިކޯގެ ދަނޑުގައި، ފުރަތަމަ 25 މިނިޓް ފެނުނީ އެ ބަދުނަސީބު ބަދަލުކޮށްލާ ތަނެވެ.

ލަމީން ޔަމާލް ހަތަރު ވަނަ މިނިޓްގައި ޖެހި ލަނޑާއި 24 ވަނަ މިނިޓްގައި ފެރަން ޓޯރޭޒްގެ ލަނޑުން، ފުރަތަމަ ލެގުގައި 2-0އިން ވެފައި އޮތް ބަލިން އަރައިގަންނަނީކަމުގެ އުއްމީދު އުފެދުނެވެ.

ނަމަވެސް 31 ވަނަ މިނިޓްގައި އެތުލެޓިކޯގެ އަޓެމޮލާ ލުކްމެން ވައްދާލި ރީތި ލަނޑާ އެކު، ދަނޑު އުތުރި އަރައިގަތެވެ. އެ ނަތީޖާގައި ބާސެލޯނާ މޮޅުވިޔަސް 3-2ގެ އެގްރިގޭޓުން ސެމީ ފައިނަލަށް ދާނީ އެތުލެޓިކޯ އެވެ. ވީ އެހެންނެވެ. ބާސެލޯނާ 2-1އިން މޮޅުވެގެން ވެސް އިތުރަށް ކުރިއަކަށް ނުދެވުނެވެ.

އެތުލެޓިކޯގެ އަޑެމޮލާ ލުކްމެން، ބާސެލޯނާ ކޮޅަށް ލަނޑު ޖަހާފައި ފޯރި ނަގަނީ

މިއީ 2016ގެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދާން އެތުލެޓިކޯއަށް ހުޅުވުނު ދޮރެކެވެ. ބާސެލޯނާއަށް، ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތުން އަނެއްކާވެސް ނާކާމިޔާބު އަހަރެކެވެ.

ބާސެލޯނާ ސެމީ ފައިނަލަށް ދިޔަ ނަމަ އެކަން ވީހީ ވަރަށް ތަދު ނަތީޖާއަކަށެވެ. މިހާތަނަށް ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ބަލިވެ، އިދިކޮޅު ދަނޑުގައި މޮޅުވެގެން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުން ސަލާމަތްވީ ހަމަައެކަނި މެންޗެސްޓަ ޔުނައިޓެޑެވެ. އެއީ 19-2018ގެ މުބާރާތުގައި ޕީއެސްޖީއާ ދެކޮޅަށެވެ.

އެ ތަދު ތާރީހުގެ ތެރެއިން ބާސެލޯނާއަށް ޖާގައެއް ލިބުމާ ވަރަށް ކައިރިއަށް ދިޔަ އެވެ. ނަމަވެސް ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ރަތް ކާޑަކާ އެކު މެޗުގެ ބޮޑު ބައެއް 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު ގޮތަށް ރޭގެ މެޗުގެ ފަހު 10 މިނިޓް ކުޅުނީ ވެސް 10 ކުޅުންތެރިންނާ އެކު އެވެ. އެއީ 79 ވަނަ މިނިޓްގައި އެރިކް ގާސިއާއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

ލިވަޕޫލްގެ އުއްމީދުތައް ބިލާހަކަށް

އަމިއްލަ ދަނޑުގައި ލިވަޕޫލުން ރޭ އުޅުނީ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ 2-0އިން މޮޅުވެފައި އޮތް އޮތުން ބަަދަލުކޮށްލާށެވެ. އެކަން ނުކުރެވިއްޖެ ނަމަ، ޕްރިމިއަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަށް މި ސީޒަންގައި ދެން އެހެން ތައްޓެއް ލިބޭކަށް ނެތެވެ.

އެކަމަކު މެޗުގެ ފަހު 18 މިނިޓްގެ ތެރޭގައި އުސްމާން ޑެމްބެލޭގެ ދެ ލަނޑުން ނުކުތީ ފުރަތަމަ މެޗުގެ ވެސް ނަތީޖާ އެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ވެސް ކަރުނަ އެވެ.

ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ފުރުސަތުތަކެއް ލިވަޕޫލުން ތަނަވަސްކޮށް، ހަމަލާތައް ވެސް ދިންމެ އެވެ. ނަމަވެސް ޔޫރަޕްގައި ލިވަޕޫލަށް ވުރެ ހުރިހާ ގޮތަކުން ވެސް މޮޅީ ފްރާންސްގެ ޗެމްޕިއަނުންކަން ޕީއެސްޖީން ސާބިތުކޮށްދިނެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް

  • އެތުލެޓިކޯ މެޑްރިޑް - އާސެނަލް ނުވަތަ ސްޕޯޓިން ލިޒްބަން

  • ޕީއެސްޖީ - ބަޔާން މިޔުނިކް ނުވަތަ ރެއާލް މެޑްރިޑް

ކްއާޓާ ފައިނަލްގެ ދެވަނަ ލެގުގެ ފަހު ދެ މެޗު މިރޭ އޮންނާނެ އެވެ. އާސެނަލް ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ނުކުންނަ އިރު ފުރަތަމަ ލެގުގައި އާސެނަލް ވަނީ 1-0އިން މޮޅުވެފަ އެވެ.

ބަޔާން މިޔުނިކްގެ ދަނޑަށް ރެއާލް މެޑްރިޑް ނުކުންނާނީ ފުރަތަމަ ލެގުގައި 2-1އިން ބަލިވެފައި އޮތް އޮތުން ބަދަލުކޮށްލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް