މާލޭގައި އޮތް ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝްގެ ޓީމު (ފޮޓޯ/ސާފް)

ޕެނެލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށް ބަންގްލަދޭޝްއިން ތަށި ދިފާއުކޮށްފި

މާލޭގައި އޮތް ފޯރިގަދަ މި މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެން. ޕެެނެލްޓީ ޖަހައިގެން ބަންގްލަދޭޝް މޮޅުވީ 4-3 އިން
3 އޭޕްރީލު 2026

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޕެނެލްޓީ ޖަހައިގެން 4-3 އިން އިންޑިއާ ބަލިކޮށް، ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް ހޯދައި، ތަށި ދިފާއުކޮށްފި އެވެ.

ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން ދިޔައީ ސީދާ ޕެނެލްޓީއަށެވެ. އެންމެ ފަހުން ނޭޕާލުގައި 2024ގައި އޮތް މުބާރާތް ވެސް ކާމިޔާބުކުރި ބަންގްލަދޭޝް އިންޑިއާގެ މައްޗަށް ކުރި ހޯދީ ފަސް ވަނަ ޕެލެންޓީ، ރޯނަމް ބެންޖަމިން ސަލިވަން، ވައްދާލައިގެންނެވެ.

ޕެނެލްޓީ ޖެހުން ދިޔަ ގޮތް

އިންޑިއާ

  • 1-

    ނާކާމިޔާބު، ރިޝީ ސިންގް (ބަންގްލަދޭޝްގެ ކީޕަރު އިސްމާއިލް ހުސެއިން މާހިން، މަތަކުރި)

  • 2-

    ކާމިޔާބު، މުހައްމަދު އަރްބާޝް

  • 3-

    ކާމިޔާބު، އަހަންގްޝަންގްބަމް ސެމްސަން

  • 4-

    ކާމިޔާބު، ވިޝާލް ޔާދޭވް

  • 5-

    ނާކާމިޔާބު، އޯމަންގް ޑޮޑުމް (މަތިން ބޭރަށް)

ބަންގްލަދޭޝް

  • 1-

    ކާމިޔާބު، މުރުޝިދު އަލީ

  • 2-

    ކާމިޔާބު، ޗަންދަން ރޯއީ

  • 3-

    ކާމިޔާބު، އަބްދުލް ރިޔާޒު ފާހިމް

  • 4-

    ނާކާމިޔާބު، ސެމިއުލް ރަކްސަމް (މަތިން ބޭރަށް)

  • 5-

    ކާމިޔާބު، ރޯނަން ބެންޖަމިން ސަލިވަން

ސާފް 20 އަހަރުން ދަށުގެ ފައިނަލްގައި އެންމެ ފަހުން މި ދެ ޓީމު 2022ގައި ބައްދަލުކޮށް ޕެނެލްޓީ ޖަހައިގެން މޮޅުވީ އިންޑިއާ އެވެ. 

ފުރިހަމަ ވަގުތުގައި 2-2 އިން އެއްވަރުވުމުން އެ ފަހަރު ޖެހި ޕެނެލްޓީގެ ތެރެއިން ބަންގްލަދޭޝްއަށް އެއްވެސް ޕެނެލްޓީއެއް ވައްދައެއް ނުލެވުނެވެ. އިންޑިއާގެ ފުރަތަމަ ތިން ޕެނެލްޓީ ވެސް ކާމިޔާބުކުރި އެވެ.

ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗުގައި އިންޑިއާގެ ދެ ކުޅުންތެރިންގެ މެދުން ބަންގްލަދޭޝްގެ ސްރީ ސުމޯން ސޯރެން ބޮލުން ޖަހަނީ (ފޮޓޯ/ސާފް)

މިއީ ސާފްގެ މި އުމުރު ފުރައިގެ މުބާރާތް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް  މުބާރާތުގެ ފޯރި ވަރަށް ގަދަ އެވެ. ހާއްސަކޮށް ބަންގްލަދޭޝްގެ މެޗުތަކެވެ. ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ބޮޑު އާބާދީގެ މެދުގައި އޮތް ފުޓްބޯޅަ އާއި ގައުމު ދެކެ ވާ ލޯބި ފެނުނެވެ.

މިރޭ ވެސް ދަނޑުގައި އެންމެ އަޑުގަދައީ ބަންގްލަދޭޝްގެ ސަޕޯޓަރުންގެ އެވެ.

މި މުބާރާތުގައި ރާއްޖެ ވަނީ ގްރޫޕް ސްޓޭޖްގައި ކަޓައިފަ އެވެ. ސެމީގައި ބަންގްލަދޭޝް މޮޅުވީ ނޭޕާލް އަތުންނެވެ. އިންޑިއާ ފައިނަލަށް ދިޔައީ ބޫޓާން ބަލިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް