އިންޑިއާގެ ފޯވަޑް އޮމަންގް ޑޮޑުމް ހުއްޓުވަން ބޫޓާންގެ ދިފާއީ ކުޅުންތެރިޔަކު ފަހަތުން ވިއްދާފައި (ފޮޓޯ/ސާފް)
ސެމީގައި އިންޑިއާއިން ދެއްކީ މުޅިން ތަފާތު ކުޅުމެއް، ބޫޓާން ބަލިކުރީ 5-0
ރޯހެން ސިންގް ޗަޕަމަޔުމްގެ ރީތި ދެ ލަނޑާ އެކު 5-0 އިން ބޫޓާން ބަލިކޮށް ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިންޑިއާ މިރޭ ގެންގޮސްދީފި އެވެ.
ގަލޮޅު ދަނޑުގައި އޮތް ސެމީ ފައިނަލްގައި އިންޑިއާއިން ދެއްކީ ތަފާތު ބޮޑު، ވަރުގަދަ ކުޅުމެކެވެ.
ފަސް ވަނަ މިނިޓްގައި ބޫޓާންގެ ގޯލު ހުޅުވާލަން، ރޯހެންގެ ހުރަހަކުން ފޯވަޑް އޮމަންގް ޑޮޑުމް، ޖެހި ލަނޑާ އެކު ފުރަތަމަ ބައިގަޑިއިރު ދިިޔައީ ބޫޓާންއަށް ކުޅެގަނެވޭ ގޮތެއް ނުފެނި އެވެ.
ދެވަނަ ލަނޑު، 44 ވަނަ މިނިޓްގައި ޖެހީ އެމްޑީ އަރްބާޝް އެވެ. އެއީ ޑޮޑުމްގެ ރީތި ހުރަހަކުންނެވެ.
ފުރަތަމަ ހާފުގެ ފަހު 15 މިނިޓްގައި ބޫޓާން ކުޅުންތެރިން އިންޑިއާގެ ގޯލަށް ނުރައްކާކުރި އެވެ.
އޭގެ ތެރެއިން އެންމެ ރީތި ހަމަލާ އައީ 37 ވަނަ މިނިޓްގައި ރޯހެންއަށް ހެދުނު ބޮޑު ގޯހަކުންނެވެ. ދިފާއީ ކުޅުންތެރިޔަކު ދިން ބޯޅަ، ސެންޓަ ސާކަލް ތެރޭގައި ހުރެފައި އެހެން ކުޅުންތެރިޔަކަށް ޖައްސާލެވުނީ މާ މަޑުންނެވެ. އެ ބޯޅަ ބޫޓާންގެ ސޯނަމް ޑޮރްޖީއަށް ލިބުނު އިރު އިންޑިއާގެ ކެޕްޓަން އަދި ކީޕަރު ސޫރަޖް ސިންގް އަހެބަމް ހުރީ ތަންކޮޅެއް ކުރިއަށް ޖެހިލައިފަަ އެވެ. ސޯނަމް ވަރަށް ރީއްޗަށް ވާތު ފައިން ބާރު ހަމަލާއެއް ފޮނުވާލީ ސީދާ ގޯލަށެވެ. އެކަމަކު ސޫރަޖް ފަހަތަށް ވެއްޓެމުން އެ ބޯޅާގައި އަތުން ޖައްސާލި އެވެ. ގޯލަށް ވަންނަން ދިޔަ ބޯޅައަށް ހުރަސް އެޅީ ގޯލުގެ ހުރަސް ދަނޑި އެވެ.
އޭގެ ފަހުން 41 ވަނަ މިނިޓްގައި ވެސް ސޯނަމް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްދިނެވެ. އިންޑިއާގެ ދިފާއީ ކުޅުންތެރިން ކަޓުވާފައި އަރިމަތިން ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލު ތެރެއަށް ފޮނުވާލަން ކެޕްޓަން އަދި ފޯވަޑް ރިންޒިން ޑޮރްޖީ ވެއްޓިފައި ފައިން ޖަހަން އުޅުނެވެ. ނަމަވެސް ސޫރަޖް އެ ބޯޅަ ވެސް ހޯދި އެވެ.
ފަހު ހާފުގައި އިންޑިއާގެ ކުޅުންގަނޑު މާ ވަރުގަދަކުރި އެވެ. ކައިރި ކައިރީގައި ރޯހެންގެ ދެ ލަނޑު އައީ، ބޫޓާންގެ ދިފާއީ ކުޅުންތެރިންނަށް ވެސް ހަމަޖެހިލާނެ ވަގުތު ނުދީ އެވެ.
ފުރަތަމަ 56 ވަނަ މިނިޓްގައި ޕެނެލްޓީ އޭރިޔާ ތެރެއިން އެމްޑީ އަރުބާޝް ހުސްކޮށްލާފައި ރޯހެންއަށް ބޯޅަ ދިނީ، ގޯހެއް ނުހަދައި ވައްދާލެވޭހާ ރީތިކޮށެވެ. އެކަން ރޯހެން ކުރި އެވެ.
އެ ލަނޑަށް ފަހު ކޮއްޓާފައި ބޫޓާން ކުޅުންތެރިން ފަހަތަށް ދިން ބޯޅަ އަރުބާޝް ހޯދާފައި ރޯހެންއަށް ދިއްކޮށްލީ ވެސް ހަމަ އެހާ ބޮޑަށް ހުސްކޮށްލައިފަ އެވެ. އެ ފުރުސަތުގައި ވެސް ރޯހެން ގޯހެއް ނުހަދައި އެހާމެ ރީތިކޮށް ލަނޑު ޖަހާލި އެވެ.
އިންޑިއާގެ ފަސްވަނަ ލަނޑު އައީ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިޔާ އެމްއެސް ތޮކްޗޮމް ފޮނުވާލި ބާރު ބޯޅަ ގޯލުގެ ކަނަށް ވަގެންނެވެ.