ބަންގްލަދޭޝްގެ މުރުސިދު އަލީ (11) ނޭޕާލު ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެން އަރަނީ: މިއަދު ލަނޑު ޖެހީ އޭނާގެ ރީތި ހުރަހަކުން (ފޮޓޯ/ސާފް)

ވަރުގަދަ ސެމީ ފައިނަލް ކާމިޔާބުކޮށް ބަންގްލަދޭޝް ފައިނަލަށް

މިއީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއަށް ތަށި ދިފާއުކުރަން ލިބުނު ރަނުގެ ފުރުސަތެއް
1 އޭޕްރީލު 2026

މެޗުގެ 12 ވަނަ މިނިޓްގައި ލިބުނު ކޯނަރުގައި ކުރި ޕާސްތަކުން މުރުސިދު އަލީ ހުރަސްކޮށްލި ރީތި ބޯޅަ، ގޯލުގެ ހަމަ ކުރިމަތީގައި ހުރެފައި އެމްޑީ މަނިކު ބޮލުން ޖަހާ ވައްދާލި ލަނޑުން ސާފް 20 އަހަރުން ދަަށުގެ މުބާރާތުގެ ފައިނަލަށް ބަންގްލަދޭޝް މިއަދު ގެންގޮސްދީފި އެވެ.

މިއީ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ތަށި ދިފާއުކުރަން ލިބުނު ރަނުގެ ފުރުސަތެއް ވެސް މެ އެވެ.

ގަލޮޅު ދަނޑުގައި ނޭޕާލާ ދެކޮޅަށް ކުޅުނު ވަރުގަދަ ސެމީ ފައިނަލް މެޗުގައި ޖެހި ހަމައެކަނި އެ ލަނޑުން ބަންގްލަދޭޝް ފައިނަލަށް ދިއުމުން ބުނެދެނީ ސަރަހައްދީ އުމުރު ފުރައިގައި އެ ގައުމު މޮޅުކަމެވެ.

ނޭޕާލުގައި 2024ގައި އޮތް މުބާރާތުގެ ފައިނަލް މެޗުން ބަންގްލަދޭޝް މޮޅުވީ 4-1އިންނެވެ.

ގްރޫޕް ސްޓޭޖްގައި ބަންގްލަދޭޝް އާއި އިންޑިއާ ކުޅުނު މެޗުގައި ބަންގްލަދޭޝްގެ އެމްޑީ މަނިކު ބޯޅަ ހިފައިގެން ދަނީ: މިއަދު ކުޅުނު ސެމީ ފައިނަލްގައި ނޭޕާލު ކޮޅަށް ލަނޑު ޖަހައި ބަންގްލަދޭޝް ފައިނަލަށް ގެންގޮސްދިނީ މަނިކު (ފޮޓޯ/ސާފް)

ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުގެ ކުޅުން ބަލައިލަން ދިޔަ ދިވެހިންގެ އަދަދު މަދު ނަމަވެސް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް އާއި ނޭޕާލު ރައްޔިތުން ވަދެ، ދަނޑުގެ ލިބެން ހުރި ސިޑިބަރިތައް ގާތްގަނޑަކަށް ފުރާލި އެވެ. ބަންގްލަދޭޝް ސަޕޯޓަރުންގެ އަޑު އެހާމެ ގަދަ އެވެ. ޒުވާން ގައުމީ ޓީމު ނަމަވެސް އެ ކުޅުންތެރިންގެ ހިތްވަރަށް އެ ސަޕޯޓަރުންގެ އަޑުން ރޫހު އެޅުނުކަން ޔަގީނެވެ.

މިއީ އުމުރު ފުރައިގެ މެޗެއްހެން ހިއެއްނުވެ އެވެ. ރާއްޖޭގައި މި ކަހަލަ މުބާރާތްތައް ނުބާއްވާތީ ގިނަ ދިވެހިންނަށް އޭގެ ފެންވަރު ނޭނގެނީ އެވެ. އެކަމަކު މިއަދުގެ ސެމީ ފައިނަލުގައި ބަންގްލަދޭޝް އާއި ނޭޕާލުން ދައްކާލީ، ފުޓްބޯޅަ ދެކެ ލޯބިވާ ބައެއް ނަމަ، ފޫހިވުމެއް ނެތި ބަލަން ތިބޭނެ ފެންވަރުގެ ކުޅުމެކެވެ.

ފައިނަލުން ޖާގަ ހޯދި ބަންގްލަދޭޝްގެ ފުރަތަމަ 11 މިއަދުގެ މެޗަށް އެރުމުގެ ކުރިން (ފޮޓޯ/ސާފް)

ދެ ހާފުގައި ދެ ޓީމުން ވެސް ގިނ ފުރުސަތުތަކެއް ހޯދައި، ހަމަލާތައް ދިނެވެ. ހަމަ އެފަދަ ކުޅުންގަނޑެއް ދެވަނަ ހާފުގައި ވެސް ދެއްކި އެވެ. ފަހުކޮޅު ނޭޕާލުން ލަނޑެއް ޖަހަން ކުރި ހިތްވަރާއި ގިނަ ކުޅުންތެރިން ކުރިއަރާފައި ތިއްބާ ބަންގްލަދޭޝްއިން ތަނަވަސްކުރި ފުރުސަތުތައް ވެސް ރަނގަޅެވެ. ހަމަލަތާއް ވެސް ދިނެވެ.

ހުކުރުދުވަހު އޮންނަ ފައިނަލްގައި ބަންގްލަދޭޝްއާ ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ އިންޑިއާ އާއި ބޫޓާންގެ މެޗަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް