ބޮސްނިޔާ އެންޑް ހެރްޒެގޮވިނާ އަތުން ޕެނެލްޓީ ޖަހައިގެން ބަލިވުމުން އިޓަލީ ކުޅުންތެރިން ހިތާމައިގައި

ހާދަ ދެރައޭ، އަނެއްކާވެސް ވޯލްޑް ކަޕުން އިޓަލީ އެ ގެއްލުނީ

ރޭ ބޮސްނިއާ އެންޑް ހެރްޒެގޮވިނާ އަތުން ޕެނެލްޓީ ޖަހައިގެން ބަލިވުމުން އަންނަ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމަކީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕުން ގެއްލުން
1 އޭޕްރީލު 2026

ޔޫރަޕްގެ ޕްލޭ އޮފް މެޗުގައި ރޭ ބޮސްނިޔާ އެންޑް ހެރްޒެގޮވިނާ އަތުން ޕެނެލްޓީ ޖަހައިގެން އިޓަލީ ބަލިވުމަކީ، ކުރިންސުރެ އިޓަލީއަށް ސަޕޯޓްކުރަމުން އަންނަ އެތައް ދިވެހިންނަކަށް ވެސް ހިތްދަތި ނަތީީޖާއެކެވެ.

މެޗު 1-1އިން އެއްވަރުވުމުން ޕެނެލްޓީއަށް ގޮސް ބޮސްނިޔާ މޮޅުވީ 4-1 އިންނެވެ. ބޮސްނިޔާގެ ފުރަތަމަ ހަތަރު ޕެނެލްޓީ ވެސް ކާމިޔާބުކުރި އެވެ. އިޓަލީގެ ތިން ޕެނެލްޓީގެ ތެރެއިން އެންމެ ޕެނެލްޓީއެއް ގޯލަށް ވައްދާލުމުން، އަނެއް ދެ ޕެނެލްޓީ ޖެހުމުގެ ބޭނުން ކެނޑުނީ އެވެ.

ފުރަތަމަ ހާފުގައި އިޓަލީ ލަނޑެއް ޖަހައިގެން މޮޅުވަން ދަނިކޮށް ބޮސްކިޔާއިން އެއްވަރުކުރީ 79 ވަނަ މިނިޓްގަ އެވެ. އިޓަލީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ހާފުގެ 41 ވަނަ މިނިޓްގައި އެލެގްޒެންޑްރޯ ބަސްޓޯނީއަށް ރަތް ކާާޑެއް ދެއްކުމެވެ.

އިޓަލީ ވަނީ ރަޝިޔާގައި 2018ގައި އޮތް ވޯލްޑް ކަޕާއި 2022ގައި ގަތަރުގައި އޮތް ވޯލްޑް ކަޕަށް ވެސް ހޮވޭ ގޮތް ނުވެފަ އެވެ. އެހެންކަމުން މިއީ ވޯލްޑް ކަޕް ހަތަރު ފަހަރަށް ކާމިޔާބުކޮށްފައިވާ ގައުމެއް ޖެހިޖެހިގެން ތިން މުބާރާތަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ.

އިޓަލީގެ ކޯޗ ޖެނާރޯ ގަޓޫސޯއަށް ވެސް މިއަށް ވުރެ ހިތްދަތިކަމެއް ނެތެވެ. އޭނާ ވަނީ މުޅި ގައުމުގެ ކިބައިން މައާފަށް އެދިފަ އެވެ.

"މިއީ ވަރަށް ހިތްދަތި ކަމެއް. އަހަރެމެންނަށާއި މުޅި ގައުމަށް ވެސް ނުލާހިކު މުހިންމު ފުރުސަތެއް މި ގެއްލުނީ. ހަޖަމްކުރަން އުނދަގޫ ކަމެއް،" މެޗަށް ފަހު ގަޓޫސޯ ބުންޏެވެ.

އިޓަލީ ފުޓްބޯޅަ ދެކެ، ދިވެހިން ވެސް ހިމެނޭ ގޮތުން، މުޅި ދުނިޔެ ލޯބިކުރިޔަސް 2006ގެ ވޯލްޑް ކަޕްގެ ކާމިޔާބީއަށް ފަހު ދުނިޔޭގެ ފުޓްބޯޅައިން އިޓަލީ ވަނީ މަޑުމަޑުން ގެއްލެން ފަށައިފަ އެވެ. އޭގެ ހެއްކަކީ 2010 އާއި 2014ގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމެވެ. ދެން އައި ދެ ވޯލްޑް ކަޕަށް ނުހޮވުނެވެ.

އިޓަލީއަށް މި ފަހުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފައިނަލްގައި އިންގްލެންޑް ބަލިކޮށް 2020ގެ ޔޫރޯ ކާމިޔާބުކުރުމެވެ. އެކަމަކު އެއީ ވެސް އިޓަލީ ޓީމުގެ ދެމެހެއްޓެނިވި ފެންވަރަކަށް ނުވި އެވެ.

ވޯލްޑް ކަޕްގެ ފަހު ޖާގަަތައް ކަށަވަރުކުރި ޓީމުތައް

  • ބޮސްނިޔާ އެންޑް ހެރްޒެގޮވިނާ

  • ތުރުކީ (20 އަހަރު ފަހުން)

  • ޗެކް ރިޕަބްލިކް

  • ސްވިޑްން

  • އިރާގު (40 އަހަރު ފަހުން)

  • ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (52 އަހަރު ފަހުން)

އިތުރު އާޓިކަލް

އިތުރު އާޓިކަލް