މިއަދު ޓިމޯ ލެސްޓޭ 2-1 އިން ބަލިކޮށް ގައުމީ ޓީމުގެ ކުޅުންތެރިން ގަލޮޅު ދަނޑުގައި ތިބި ދިވެހި ސަޕޯޓަރުންނާ ސަލާންކުރަނީ (ފޮޓޯ/ދައުރު)

އޭޝިއަން ކަޕް

ފަހު ވަގުތު އަޝްފާގު ހޯދައިދިން ޕެނެލްޓީން ރާއްޖެ މޮޅުވެ ގްރޫޕްގެ ތިންވަނައަށް

ގަލޮޅު ދަނޑުގައި ކުޅުނު ގްރޫޕް އޭގެ ފަހު މެޗުގައި ޓިމޯ ލެސްޓޭ އަތުން 2-1 އިން މޮޅުވީ ފަހަތުން އަރާ މުހައްމަދު އިރުފާނާއި އަލީ ފާސިރު ލަނޑު ޖަހައިގެން
31 މާރިޗު 2026

އަންނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް އޭގެ ފަހު މެޗަށް މިއަދު ގަލޮޅު ދަނޑަށް ނުކުތް އިރު ރާއްޖެއަށް އެންމެ ޕޮއިންޓެއް ވެސް ނުލިބެ އެވެ. އެކަމަކު ފަހު ވަގުތު އަލީ އަޝްފަގު ހޯދައިދިން ޕެނެލްޓީ، ޓިމޯ ލެސްޓޭގެ ގޯލަށް ވައްދާލައިގެން ދަނޑުން ފޭބީ ހަތަރު ޓީމު ހިމެނޭ ގްރޫޕްގެ ތިން ވަނައާ އެކުގަ އެވެ.

ތިން އަހަރަށް ފަހު ގައުމީ ޓީމަށް އަޝްފާގު ކުޅުނު ފުރަތަމަ މެޗުގައި ދަނޑަށް ނުކުތީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށެވެ. އޭރު 67 ވަނަ މިނިޓްގައި އެލެގްޒެންޑްރޯ ބަކީޓޯ ލޭމޮސް ޖަހައިދިން ލަނޑުން ރާއްޖެ އޮތީ 1-0އިން ފަހަތުގަ އެވެ.

ރާއްޖެ އެއްވަރުކުރި ލަނޑު އައީ 90 ވަނަ މިނިޓްގައި ހުސެއިން ޝިފާއު ޔޫސުފްގެ އެއްލުމެއްގައި ކެޕްޓަން ސަމޫހު އަލީ ބޮލުން ޖަހަން އުޅުުމުގެ ތެރޭގައި ބުރަކަށީގައި ޖެހިފައި ގޯލުގެ ހަމަ ކުރިމައްޗަށް ވެއްޓުނު ބޯޅައެއްގެ ބޭނުންހިފައި ދިފާއީ ކުޅުންތެރިޔާ މުހައްމަދު އިރުފާން ޖެހި ލަނޑުންނެވެ.

އިރުފާން ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު ޑައިލަން ޖޯޝް ނިސްކީ އަތުން ޖަހާ ސަލާމަތްކުރި އެވެ. ނަމަވެސް ގޯލުގެ ހަމަ ކުރިމަތިން އެ ބޯޅަ ވެއްޓުނީ އިރުފާންގެ ފަޔަށެވެ. މިފަހަރު ވައްދާލައި، ނަތީޖާ އެއްވަރުކޮށްދިނެވެ.

ތަޖިކިސްތާނާ ދެކޮޅަށް ގަލޮޅު ދަނޑުގައި ރާއްޖެ ކުޅުނު މެޗުގައި އިބްރާހިމް މަހުދީ ހުސެއިން (ވ) ބޯޅަ ހިފައިގެން ދަނީ: ރާއްޖެއަކީ ގްރޫޕްގެ ތިން ވަނަ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މެޗުގެ 91 ވަނަ މިނިޓްގައި ޓިމޯ ލެސްޓޭގެ ކުޅުންތެރިޔަކު ބޮލުން ޖެހުމުން ބޯޅަ ލިބުނީ އޭރިޔާ ތެރޭގައި ހުރި އަހުމަދު އައިހަމްއަށެވެ. އޭނާ ބޮލުން ޖަހާ އަޝްފާގަށް ފުރުސަތު ތަނަވަަސްކޮށްދިނެވެ. އެ ބޯޅަ ގޯލަށް ފޮނުވާލުމުން ކީޕަރު ނިސްކީ މަތަކުރި އެވެ. އެކަމަކު ބޯޅަ ވެއްޓުނީ އަނެއްކާވެސް އޭރިޔޭ ތެރެއަށެވެ. އަޝްފާގު އެ ބޯޅަ ހޯދައި ނިސްކީ ކައިރިން ނައްޓާލުމުން ފައުލްކޮށް ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ވައްޓާލީ އެވެ.

ގައުމީ ޓީމަށް ކުޅުނު 99 ވަނަ މެޗުގައި އަޝްފާގު ހޯދައިދިން ޕެނެލްޓީ ޖެހީ ފާސިރެވެ. ގޯލުގެ ކަނަށް ވައްދާލައި، ރާއްޖެ މޮޅުކޮށްދިނެވެ.

މި މެޗުގެ ކުރިން މުބާރާތުގައި ރާއްޖެ ޖެހި ހަމައެކަނި ލަނޑު ފިލިޕީންސް ކޮޅަށް ވައްދާލީ ވެސް، މިއަދު އަޝްފާގާ އެއްކޮށް ކުޅެން އެރި، ފާސިރެވެ.

މި ނަތީޖާއިން ގްރޫޕް އޭއިން ރާއްޖެއަށް ލިބުނީ ތިންވަނަ އެވެ. ޕޮއިންޓްގެ ގޮތުން ޓިމޯ ލެސްޓޭއާ އެއްވަރުވިޔަސް އެންމެ ލަނޑެއްގެ ތަފާތުން ރާއްޖެ ކުރި ހޯދީ އެވެ.

ގްރޫޕް އޭގެ ހާލަތު

  • 1-

    ތަޖިކިސްތާން، ކުޅުނު 5، ޕޮއިންޓް 13، ފައިދާ ގޯލް 11

  • 2-

    ފިލިޕީންސް، ކުޅުނު 5، ޕޮއިންޓް 13، ފައިދާ ގޯލް 10

  • 3-

    ރާއްޖެ، ކުޅުނު 6، ޕޮއިންޓް 3، ގެއްލުން ގޯލް 10

  • 4-

    ޓިމޯ ލެސްޓޭ، ކުޅުނު 6، ޕޮއިންޓް 3، ގެއްލުން ގޯލް 11

ގްރޫޕްގެ އެންމެ ފަހު މެޗުގައި މިރޭ ތަޖިކިސްތާނާއި ފިލިޕީންސްގެ ވަރުގަދަ ވާދަކުރުން އޮންނާނީ ތަޖިކިސްތާނުގަ އެވެ. މި ދެ ޓީމު ފިލިޕީންސްގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މިއަދުގެ މެޗަށް ނުކުތް އިރު ޓިމޯ ލެސްޓޭ ވެސް ބޭނުންވީ ބަލިނުވެ ގްރޫޕް ތިންވަނަ ހޯދާށެވެ. އެކަމަކު ގަލޮޅު ދަނޑުގައި އެއީ އުނދަގޫ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ޒޭ ޕެޑްރޯ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް