އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗުގައި ރާއްޖޭގެ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ބޯޅައެއް ފޮނުވާލަނީ ( ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޕޮއިންޓެއް ހޯދަން ރާއްޖެ މާދަމާ ޓިމޯ-ލެސްޓޭއާ ދެކޮޅަށް
އަންނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ އޭޝިއަން ކަޕްއަށް ކޮލިފައިވާން ކުޅޭ ގްރޫޕް މެޗުތަކުން ރާއްޖެ އޮތީ އެންމެ ފުލުގަ އެވެ. ނަމަވެސް ފަހު މެޗުގައި މާދަމާ ހަވީރު ގަލޮޅު ދަނޑަށް ނުކުންނަ އިރު ޓިމޯ ލެސްޓޭ ބަލިކޮށް ތިން ޕޮއިންޓް ހޯދުމަކީ އުއްމީދެކެވެ.
ގްރޫޕް އޭގައި ރާއްޖޭގެ ނަތީޖާ
-
ފިލިޕީންސް 4 - ރާއްޖެ 1، މެޗު ކުޅުނީ ފިލިޕީންސްގައި
-
ޓިމޯ ލެސްޓޭ 1 - ރާއްޖެ 0، މެޗު ކުޅުނީ އޮސްޓްރޭލިޔާގައި
-
ތަޖިކިސްތާން 2 - ރާއްޖެ 0، މެޗު ކުޅުނީ ތަޖިކިސްތާނުގައި
-
ރާއްޖެ 0 - ތަޖިކިސްތާން 3، މެޗު ކުޅުނީ މާލޭގައި
-
ރާއްޖެ 0 - ފިލިޕީންސް 2، މެޗު ކުޅުނީ މާލޭގައި
މި ގްރޫޕްގައި ތަޖިކިސްތާނާއި ފިލިޕީންސް އޮތީ 13 ޕޮއިންޓުން އެއްވަރުވެފަ އެވެ. ފަހު މެޗުގައި ދެ ޓީމު ވާދަކުރާ އިރު އެންމެ ލަނޑެއްގެ ތަފާތުން ކުރީގައި އުޅެނީ ތަޖިކިސްތާނެވެ. އެހެންކަމުން މާދަމާ ތަޖިކިސްތާނުގައި ކުޅޭ މެޗުގެ ވާދަވެރިކަން ވަރަށް ބޮޑުވާނެ އެވެ. އޭޝިއަން ކަޕަށް ކޮލިފައި ވާނީ ގްރޫޕްގެ އެއްވަނަ ޓީމެވެ.
ގްރޫޕްގައި ޕޮއިންޓެއް ނުލިބި އޮތީ ރާއްޖެ އެކަންޏެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ވެސް އުއްމީދަކީ ސުމެއް ކަނޑުވާލުމެވެ. އެގޮތުން ބަލާއިރު ޓިމޯ ލެސްޓޭ، ކުރިން އާންމުކޮށް ކިޔާ ނަމުން ނަމަ އީސްޓް ޓީމޯރުއަކީ ރާއްޖެއަށް ބަލިނުކުރެވޭވަރުގެ ޓީމެއް ނޫނެވެ.
ފަސް މެޗުން ރާއްޖެއަށް ޖެހިފައި ވަނީ ފުރަތަމަ މެޗުގައި ފިލިޕީންސް ކޮޅަށް އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ލަނޑު އެކަންޏެވެ.
މިއީ ކުރީގެ ގައުމީ ކޯޗު އިސްތަވާން އުރުބާނީ އަލުން ގައުމީ ޓީމާ ހަވާލުވި ފަހުން ކުޅޭ ރަސްމީ ފުރަތަމަ މެެޗެެވެ. މިހާރު މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކޯޗަކީ ވެސް އުރުބާނީ އެވެ. އެކަމަކު ގްރޫޕް ސްޓޭޖުން ރާއްޖެ ވަނީ ކަޓައިފަ އެވެ.