ހަސަން އަލީ އޭނާގެ ހަތަރު ބެއިންނާ އެކު: (ކަނާތުން ވާތަށް) އިބްރާހީމް ސިނާޒް (ސިނާ)، އަހުމަދު ރިޔާޒް (ގާނާ)، މުހައްމަދު ނަޒީހު އަދި އަލީ ސުޒޭން: ހަސަން ވަނީ މިއަދު އަވަހާރަވެފައި

ފުޓްބޯޅަ

ހަސަން އަލީ: ހަތަރު ކުޅުންތެރިންގެ ބައްޕައަކަށް ވުރެ މާ ބޮޑު ހިދުމަތްތެރިއެއް

ސުޒެއިން، ރިޔާޒު، ނަޒީހު އަދި ސިނާޒުގެ ބައްޕަ ރޭ ވަނީ އަވަހާރަވެފައި. ހަސަން އަލީއަކީ ޒުވާނުންތަކެއްގެ އެދުމަށް އީގަލްސް އުފެއްދެވި އެ ކްލަބްގެ އެއް ބާނީ
7 ފެބްރުއަރީ 2026
1

ރޭ އުމުރުން 78ގައި އަވަހާރަވި ހަސަން އަލީގެ އެ ވަކިވުމާ އެކު ފުން ހިތާމައަކަށް ވެއްޓޭނީ ގަލޮޅުގެ އެތައް އާއިލާއެއް އެކަންޏެއް ނޫނެވެ. ދިވެހި ފުޓްބޯޅައިގެ އެތައް ބަޔަކަށް ވެސް މިއީ ހިތާމައިގެ ދުވަހެކެވެ.

ހަސަން އަލީއަކީ ރާއްޖޭގައި އުފެދުނު މޮޅު ފުޓްބޯޅަ ކުޅުންތެރިންތަކެއްގެ ބައްޕަ އެވެ. އޭގެ ތެރެއިން މިހާރު ވެސް ރާއްޖެއަށް އެންމެ ބޮޑަށް މަޝްހޫރުވާނީ ގައުމީ ކޯޗަކަށް ދާދި ފަހަކާ ޖެހެންދެން ހުރި އަލީ ސުޒެއިން އެވެ. އޭނާގެ އިތުރުން ދެ ކޮއްކޮ ކަމަށްވާ މުހައްމަދު ނަޒީހު އާއި އިބްރާހީމް ސިނާޒް (ސިނާ)އަކީ ވެސް، ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންނެވެ.

މި ހުރިހާ ކުޅުންތެރިންގެ ބޭބެ އަހުމަދު ރިޔާޒު، ކުޅިވަރުގެ ދަނޑުގައި މަޝްހޫރު ނަމުން ނަމަ، ގާނާއަކީ 1980ގެ އަހަރުތަކުގައި ވިކްޓަރީގެ ފޯވަޑްގެ އިތުރުން ރާއްޖެ ދުށް ކްރިކެޓްގެ އެންމެ ބާރު އެއް އުކުންތެރިޔާ ވެސް މެ އެވެ. އޭނާ ވަނީ ފަހުން ވިކްޓަރީގެ ގޯލްކީޕަރު ޓްރޭނީއެއްގެ ގޮތުގައި ދިގު މުއްދަތެއް ހޭދަކޮށްފަ އެވެ.

ވިކްޓަރީއަކީ ހަސަންގެ ގޭދޮށު ކްލަބެވެ. އެކަމަކު ޒުވާން އެތައް ކުޅުންތެރިން އެ ހިސާބުގަނޑުގައި އުފެދެމުން ދިޔައިރު، ކްލަބްގެ ލޯތްބަށް އޭނާގެ ހުރިހާ ކަމެއް ދުލެއްނުކުރެއްވި އެވެ. އޭގެ ބަދަލުގައި އެހެން ހިސާބެއްގެ ޒުވާނުންނަށް ވެސް ކުޅިވަރުގެ ދިރުން ގެނެސްދެއްވި އެވެ. އޭގެ ދިރިހުރި ހެއްކަކީ ކްލަބް އީގަލްސް އެވެ.

އީގަލްސް ތިން ވަނަ ޑިވިޒަނަށް ނުކުމެވުނީ، އޭރު ހަސަން ވަޒީފާ އަދާކުރެއްވި ފިހާރަ ހުރި ހިސާބުގަނޑުގެ ކުދިންނަށް ދެއްވި އެހީތެރިކަމާ ހެދި އެވެ. އެ ކްލަބްގެ އެއް ބާނީއަކީ ހަސަން އެވެ. ކްލަބް ހަދަން އުޅުނު ޒުވާނުންގެ އުމުރު ހަގު ކަމުން ކްލަބްގެ މަސްއޫލުވެރިންނަށް  ނުވެވޭތީ އެތަން ފޫބައްދައިދެއްވުމުގެ އިތުރުން އީގަލްސްގެ ކުރީކޮޅު މާލީ ގޮތުން ވެސް އެހީތެރިވެދެއްވި އެވެ.

ހަސަންއަކީ ވަރަށް މަޑުމައިތިރި ބޭފުޅެކެވެ. އަހުލާގު ރަނގަޅު، އެތައް ބަޔަކަށް އެހީތެރިވެ ދެއްވި ބޭފުޅެއް ވެސް މެ އެވެ. އެހެންކަމުން އޭނާގެ ވަކިވުމުގެ ހިތާމަ ކުޅިވަރުގެ ދާއިރާއިން ބޭރުން، އެހެން އެތައް ބަޔަކަށް ވެސް މިއަދު ލިބޭނެ އެވެ.

ހަސަން އަލީގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު މާލޭގެ އާ ސަހަރާގަ އެވެ.

ކޮމެންޓް (1)

ހުވަދޫ ސޮރެއް

7 ފެބްރުއަރީ 2026
ހަސަންބޭގެ ދީލަތިކަމަަށް ހެކިވާނެ ރާއްޖެތެރެއިން މާލެ ކިޔަވަން އައިސް އޭރު ހާލުގަ އުޅުނު ވަރަށް ގިނަ ކުދިން، މަށަކީ އޭގެ ތެރެއިން އެކަކު. ހަސަންބޭގެ ފާފަ ފުއްސަވައި ސުވަރުގޭގައި ލަހައްޓަވާށި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް