ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އަދި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އުމެއިރު އޭނާގެ ގާތް ތިން އެކުވެރިން ކަމަށްވާ އިހުސާން، އާރިފް އަދި އިފްރާހުގެ ނަން ޖަހާފައި އޮތް ޖާޒީއާ އެކު ތަށި ހިފައިގެން

ތައްޓާ އެކު އުމެއިރު ހަނދާންކުރީ ތިން އެކުވެރިންގެ މަތިން

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ރާއްޖޭގެ ގައުމީ ޓީމުގެ މެނޭޖަރަކީ ސާފް ޗެމްޕިއަންޝިޕް 2008ގައި ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އުމެއިރު. އޭނާ ވަނީ ސާންތީ، ބަކާ އަދި އިފްރާހްގެ ހަނދާންތައް އާކޮށްފައި
27 ޖެނުއަރީ 2026

ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު އުމެއިރު އިއްޔެ ބެންކޮކްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީއާ އެކު ހަނދާން އާކުރީ ގާތް ތިން އެކުވެރިން ކަމަށްވާ އިހުސާން އަބްދުލްގަނީ (ސާންތީ) އާއި މުހައްމަދު އާރިފް (ބަކާ) އަދި ކުރީގެ ކީޕަރު އިފްރާހު އަރީފް (އިފްރާ)ގެ މަތިންނެވެ.

ފުޓްސަލް ތައްޓާ އެކު އޭނާ ވަކިން ނެގި ފޮޓޯގައި އެ ތިން މީހުންގެ ނަން ޖަހާފައި އޮތް ތިން ޖާޒީ ވެސް ހިމެނި އެވެ.

ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލާލަނީ: އުމައިރު (ކ) އަކީ ޓީމުގެ މެނޭޖަރު (ފޮޓޯ/ސާފް)

އިހުސާން އާއި އާރިފް އަދި އިފްރާހު ވެސް ވަރަށް ކައިރިކައިރީގައި ވަނީ ނިޔާވެފަ އެވެ. ފުރަތަމަ 2024ގައި ނިޔާވީ އުމެއިރާ އެކު ގައުމީ ޓީމުތަކަށް ކުޅުނު އާރިފް އެވެ. އެ އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ ހަމަ އައުމާ އެކު ނިޔާވީ ވަރަށް ނުރައްކާތެރި ރޯގާއެއްގަ އެވެ.

ޖޫނިއަ ގައުމީ ޓީމުތަކާއި 2008ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރި އިރު ގައުމީ ޓީމުގައި ހިމެނުނު ތިން ވަނަ ކީޕަރު އިފްރާހު މިދިއަ އަހަރު ނިިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ފުރަތަމަ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަދި އެކި އުމުރު ފުރާތަކުގައި ވެސް އުމައިރުއަށް ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދިން އިހުސާން މިދިއަ އަހަރު ނިޔާވީ ކެންސަރުގައި ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި ފުރަތަމަ ފަހަރަށް 2008 ގައި ހޯދި ގައުމީ ޓީމާ އެކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް: އުމެއިރުއާ އެކު މި ޓީމުގައި އިހުސާން އާއި އާރިފް އަދި އިފްރާހު ވެސް ހިމެނޭ

"އަހަރެންގެ ފުޓްބޯޅަ ދަތުރުގައި ވަރަށް މުހިންމު ތިން މީހަކު ވެ އެވެ. އަހަރެން ދުވަހަކު ވެސް ތިޔަ ތިން ފަރާތުގެ މަތިން ހަނދާނެއް ނުނެތޭނެ އެވެ. އަހަރެންގެ ހިތުގައި އަބަދުވެސް ވާނެ އެވެ،" އުމައިރުގެ އެފްބީގައި އިއްޔެ އިނގިރޭސިން ލިއުނު ޕޯސްޓެއްގައި ބުންޏެވެ.

އިހުސާނާ ބެހޭ ގޮތުން ބުނީ އޭނާއަށް އިތުބާރުކޮށް، ފުޓްބޯޅައިގެ ހުނަރުތަކުގެ ފުރަތަމަ ފިލާވަޅުތައް ނަގައިދިން ކަމަށެވެ. އެ އެހީތެރިކަމުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށް ލިއުނެވެ.

އާރިފްގެ ގާތްކަން ސިފަކުރަމުން ބުނީ އެއީ ދިމާވި އެންމެ ހިތްހެޔޮ އެއް ރަހުމަތްތެރިޔާ ކަމަށެވެ.

"ގައުމީ ޓީމާއި ކްލަބްތަކުގައި ހޯދި އެތައް ކާމިޔާބީއެއްގެ އުފާވެރިކަން ދެ މީހުން ހިއްސާކުރީމެވެ،" އާރިފްގެ މަތިން ހަނދާންކުރަމުން އުމައިރު ބުންޏެވެ.

ކީޕަރު އިފްރާހު އާއި އުމެއިރަކީ އުމުރުން 15 އހަރުން ފެށިގެން އެކުގައި ކުޅެމުން އައި ކުޅުންތެރިންނެވެ.

"ކުޑަކުދިންގެ ގޮތުގައި ވެސް އަހަރެމެން ވަރަށް ބޮޑެތި ހުވަފެންތައް އެކުގައި ދުށީމުއެވެ،" އިފްރާހުއާ ބެހޭ ގޮތުން އުމައިރު ލިއުނެވެ.

ރާއްޖެ އާއި ސްރީ ލަންކާގައި 2008ގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލައިލި އިރު އުމައިރުއާ އެކު އިހުސާން އާއި އާރިފް އަދި އިފްރާހު ވެސް ހިމެނުނެވެ. އެހެންކަމުން މިއަދު ތިން މީހުން ދުނިޔޭގައި ނެތް ނަމަވެސް އެ ކާމިޔާބީގެ ހަނދާންތަކާއި ތިން އެކުވެރިން ވަނީ ގުޅިލާމެހިފަ އެވެ.

ކުޅުން ހުއްޓާލުމަށް ފަހު އުމައިރު މިހާރު އަންނަނީ އެފްއޭއެމްގައި މަސައްކަތްކުރަމުންނެވެ. އޭނާއަކީ ކުރީގެ ގައުމީ ފޯވަޑް އަދި އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އެކުލަވާލި އެފްއޭއެމްގެ އާ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ. އެފްއޭއެމުން އުމެއިރުއާ ހަވާލުކުރި އެއް ޒިންމާއަކީ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ މެނޭޖަރުކަމެވެ.

ސާފް ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކޮށް އިއްޔެ ތަށި އުފުލައިލީ އަނެއް ހަ ގައުމު ވެސް ބަލިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް