26 ޖެނުއަރީ 2026 - ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފަހު މެޗުގައި އަލީ ޝިޔާހު (ކ) ސްރީ ލަންކާގެ ކުޅުންތެރިއެއް ކައިރިން ނައްޓާލައިގެން ކުރިއަށް ދަނީ ފޮޓޯ/ސާފް)

ރާއްޖެއިން ތަށި އެ އުފުލައިލަނީ %100 ރެކޯޑަކާ އެކު

އެންމެ ފަހު މެޗުގައި މިއަދު ސްރީ ލަންކާ އަތުން ރާއްޖެ މޮޅުވީ 5-2 އިން. އެހެންކަމުން ކުޅުނު ހަ މެޗުން ވެސް މޮޅުވެ ރާއްޖެ ޗެމްޕިއަންކަން އެ ހޯދީ 18 ޕޮއިންޓް ލިބިގެން
26 ޖެނުއަރީ 2026

މިއަދު ބެންކޮކްގައި ކުޅުނު ރާއްޖޭގެ އެންމެ ފަހު މެޗުގައި ސްރީ ލަންކާ 5-2އިން ބަލިކުރުމާ އެކު ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއިން އުފުލައިލާނީ %100 ރެކޯޑަކާ އެކުގަ އެވެ.

ސާކްގެ ހަތް ގައުމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ލިބެނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. އެގޮތުން ރާއްޖެއިން އެ ވަނީ ހަ މެޗު ވެސް ކާމިޔާބުކޮށް ޖުމްލަ 18 ޕޮއިންޓް ހޯދައިފަ އެވެ. ފައިދާ 22 ލަނޑެވެ.

މުބާރާތުގެ ތަށި ރާއްޖެއިން އުފުލައިލާނީ މިއަދު 2:30ގައި ކުޅޭ އެންމެ ފަހު މެޗުގައި އިންޑިއާ އާއި ޕާކިސްތާންގެ ވާދަކުރުން ނިމުމުންނެވެ.

މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ރާއްޖޭގެ ކުޅުންތެރިން ގައުމީ ސަލާމުގައި (ފޮޓޯ/ސާފް)

މިއަދުގެ މެޗުގައި ރާއްޖެއިން ލަނޑު ޖެހީ ކެޕްޓަން މުހައްމަދު އިމްރާން، ދެ ލަނޑު އަދި ހުޒެއިފަތު ރަޝީދު އާއި ހުސެއިން ސުހެއިލް އެއް ލަނޑެވެ. ދެން ރާއްޖެއަށް ލިބުނީ ސްރީ ލަންކާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެވެ.

މުބާރާތުގެ ދެވަނަ އާއި ތިން ވަނަ ހޮވަން އިންޑިއާ އާއި ޕާކިސްތާން މެޗު މުހިންމެވެ. މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން 4-1 އިން ބަލިކޮށް ނޭޕާލް ވަނީ 11 ޕޮއިންޓް ހޯދައިގެން ދެވަނައަށް އަރައިފަ އެވެ. ފައިދާ ހަ ލަނޑެވެ.

މި ވަގުތު ތާވަލް އޮތީ މިހެންނެވެ.

  • 1-

    ރާއްޖެ، ކުޅުނު 6، ޕޮއިންޓް 18، ފައިދާ 22 ލަނޑު

  • 2-

    ނޭޕާލް، ކުޅުނު 6، ޕޮއިންޓް 11، ފައިދާ 6 ލަނޑު

  • 3-

    ޕާކިސްތާން، ކުޅުނު 5، ޕޮއިންޓް 10، ފައިދާ 3 ލަނޑު

  • 4-

    އިންޑިއާ، ކުޅުނު 5، ޕޮއިންޓް 8، ފައިދާ 6

  • 5-

    ބަންގްލަދޭޝް، ކުޅުނު 6، ޕޮއިންޓް 7

  • 6-

    ސްރީ ލަންކާ، ކުޅުނު 6، ޕޮއިންޓް 1

  • 7-

    ބޫޓާން، ކުޅުނު 6، ޕޮއިންޓް 1

ޕާކިސްތާން އާއި އިންޑިއާގެ ތެރެއިން މޮޅުވާ ޓީމަކަށް ދެވަނަ ލިބޭނެ އެވެ. އޭރުން ތިން ވަނައަށް އަރާނީ ނޭޕާލެވެ.

ސްރީ ލަންކާއާ ދެކޮޅަށް އެރި ރާއްޖޭގެ ޓީމު މެޗުގެ ކުރިން ހިތްވަރު ލިބިގަންނަނީ ފޮޓޯ/ސާފް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް