އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ އާސެނަލް 3-2 އިން ބަލިކުރި މެޗުގައި ލަނޑު ޖެހުމަށް ފަހު މެންޗެސްޓަ ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔުނައިޓެޑުން އާސެނަލްގެ ދަނޑުގައި ބޮޑު މޮޅެއް

ރޭ 3-2އިން އާސެނަލް ބަލިވުމާ އެކު ތާވަލްގެ އެއްވަނާގައި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެ، މެންޗެސްޓަ ޔުނައިޓެޑްގެ މަގާމު ހަތަރަކަށް ޖެހިލައިފި
26 ޖެނުއަރީ 2026

މި ސީޒަންގައި އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް، މެންޗެސްޓަ ޔުނައިޓެޑުން ރޭ ހުއްޓުވައިފި އެވެ. ޕްރިމިއަ ލީގުގެ ވަރުގަދަ ކުރިމަތިލުން ޔުނައިޓެޑުން ކާމިޔާބުކުރީ 3-2އިންނެވެ.

ތާވަލްގެ އެއްވާނަަގައި އޮތް އާސެނަލް އަމިއްލަ ދަނޑުގައި ބަލިކުރަން އުނދަގޫވާނެކަން ޔުނައިޓެޑަށް ވެސް އެނގެ އެވެ. އެކަމަކު 1-1އިން އެއްވަރުވެފައި އޮއްވާ ޔުނައިޓެޑުން ދެން ފަހުން ޖަހާލި ހިތްގައިމު ދެ ލަނޑާ އެކު، ތާވަލްގެ ހަތަރު ވަނައަށް ޓީމު އެރުވުމަށް ފަހު، ދަނޑުން ފޭބީ މޮޅުވެގެންނެވެ.

ވަގުތީ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން މިހާރު އެ ހޯދީ ބޮޑު ދެ މޮޅެވެ. މިދިއަ ހަފުތާގައި ބަލިކުރީ ވާދަވެރި މެންޗެސްޓަ ސިޓީ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ފުރަތަމަ ވެސް ޔުނައިޓެޑަށް މަރުހަބާ ކިޔެެވެ. އޭނާ ބުނީ ފަހު ދެ ލަނޑަކީ މެޗެއްގައި ފެންނާނެ ތަދު ދެ ޖާދޫ ކަމަށެވެ.

ނަމަވެސް ރޭގެ ބައްޔަކީ އާސެނަލް މާޔޫސްވާން ޖެހޭވަރުގެ ނަތީޖާއެއް ނޫންކަމަށް އެއްބަސްވި އެވެ. އޭނާ ބުނީ މުޅި ސީޒަންގައި އާސެނަލްގެ ކުޅުންތެރިން ކުރަމުން އަންނަ ހިތްވަރު ރަނގަޅު ކަމަށެވެ. އެކަހަލަ ބަލިވުންތަކުން އަނެއްކާވެސް އަރައިގަންނަން ދެން އޮތް މެޗަށް ފޯކަސްކުރާނެ ކަމަށް ބުންޏެވެ.

"ބަލިވުމަކީ މޮޅުވުމުގެ ދަތުރުގެ ބައެއް. އެހެން ނޫން ނަމަ އެއްވެސް ބަޔަކު ފުޓްބޯޅަ މެޗެއްގައި ބައްޔެއް ނުވާނެ،" މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ.

އާސެނަލްގެ ސަޕޯޓަރުން ހިތްހަމަނުޖެހިގެން ހަޅޭއްލެވުމުން އެކަމާ ވެސް އޭނާއާ ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި އާޓެޓާ ބުނީ އެއީ އުއްމީދުކުރި ފެންވަރުގައި ނުކުޅެވުމުގެ ނަތީޖާ ކަމަށެވެ.

"އަހަރެމެން މިއަށް ވުރެ ވެސް ބޮޑަށް ރަނގަޅުކުރަން ޖެހޭ. ރަނގަޅު ކުރުން ނޫން އެހެން ކަމެއް ނެތް. އަހަރެމެންގެ އެންމެ މަތީ ފެންވަރު ނެރެންވީ،" އާޓެޓާ ބުންޏެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    އާސެނަލް، ކުޅުނު 23، ޕޮއިންޓް 50

  • 2-

    މެންޗެސްޓަަ ސިޓީ، ކުޅުނު 23، ޕޮއިންޓް 46

  • 3-

    އެސްޓަން ވިލާ، ކުޅުނު 23، ޕޮއިންޓް 46

  • 4-

    މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 23، ޕޮއިންޓް 38

  • 5-

    ޗެލްސީ، ކުޅުނު 23، ޕޮއިންޓް 37

އިތުރު އާޓިކަލް

އިތުރު އާޓިކަލް