މޮރޮކޯގައި އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ސެނެގޯލުން ތަށި އުފުލައިލަނީ

ޕެނެލްޓީ ދިނުމުން ނުކުޅެންވެގެން ދަނޑުން ވެސް ފޭބި، އެކަމަކު މޮރޮކޯ ބަލިކޮށް ސެނެގޯލް ތަށި ހޯދައިފި

މެޗުގެ އިތުރު ވަގުތުގައި މޮރޮކޯއަށް ޕެނެލްޓީ ދިނުމުން ސެނެގޯލްގެ ކޯޗުގެ އެންގުމަށް ސެނެގޯލް ޓީމު ދަނޑުން ފޭބި. އެކަމަކު ކެޕްޓަން ސަޑިއޯ މާނޭ އޭރު ވެސް މަސައްކަތްކުރީ ކުޅުންތެރިން ހިފަހައްޓަން
19 ޖެނުއަރީ 2026

މެޗުގެ އިތުރު ވަގުތުގައި މޮރޮކޯއަށް ޕެނެލްޓީއެއް ދިނުމުން އެކަމާ ދެކޮޅަށް ސެނެގޯލްގެ ކޯޗުގެ އެންގުމަށް ކުޅުންތެރިން ދަނޑުން ވެސް ބޭލުވި އެވެ. ނަމަވެސް 17 މިނިޓްގެ މެދުކެނޑުމަކަށް ފަހު އަނބުރާ ދަނޑަށް ނުކުމެ، 1-0 އިން ހޯދި ކާމިޔާބީއާ އެކު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގޯލް ރޭ ހޯދައިފި އެވެ.

މެޗުގެ 98 ވަނަ މިނިޓްގައި މޮރޮކޯއަށް ޕެނެލްޓީ ދިނީ ވީއޭއާރުގެ އެދުމަށް ރެފްރީ ޖީން ޖެކޭ ނަޑާލާ، ދަނޑުގެ އަރިމަތީގައި ހުރި މޮނިޓަރުން މަންޒަރު ބެލުމަށް ފަހު އެވެ. ފެނުނީ ސެނެގޯލްގެ ދިފާއީ ކުޅުންތެރިޔާ އަލް ހާޖީ މަލިކް ޑިއޯފް، މޮރޮކޯގެ ފޯވަޑް ބްރަހީމް ޑިއާޒްއަށް ފައުލްކުރި ތަނެވެ.

ނަމަވެސް ސެނެގޯލްގެ ކޯޗު ޕާޕޭ ތިއޯ ކުޅުންތެރިންނަށް އެންގީ ދަނޑުން ފޭބުމަށެވެ. އެއީ އޭގެ ކުޑަ އިރުކޮޅެއް ކުރިން ސެނެގޯލުން ޖެހި ލަނޑު ގަބޫލުނުކުރުމުންނެވެ. އެ ލަނޑު ގަބޫލުނުކުރީ ގޯލަށް ބޯޅަ ވައްދާލި ހަމަލާގެ ކުރިން ސެނެގޯލުން މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީއަށް ފައުލްކުރުމުންނެވެ.

ރޭގެ ފައިނަލް މެޗުގައި މޮރޮކޯގެ ފޯވަޑް ބްރަހީމް ޑިއާޒް (10)، ސެނެގޯލްގެ ކުޅުންތެރިޔަކާ ހިތްހަމަނުޖެހިގެން ވާހަކަ ދައްކަނީ

ކޯޗުގެ އެންގުމަށް ކުޅުންތެރިން ދަނޑުން ފައިބަން އުޅުމުން ސެނެގޯލްގެ ކެޕްޓަން ސަޑިއޯ މާނޭ އެކަން ހުއްޓުވަން ވެސް އުޅުނެވެ. ނަމަވެސް ޓީމު ދަނޑުން ފޭބި އެވެ.

އަލުން ކުޅެން ނުކުތީ 17 މިނިޓްގެ މެދުކެނޑުމަކަށް ފަހު އެވެ.

ގޯލުގެ މެދަށް ވައްދާލަންވެގެން މަޑުމަޑުން ޑިއާޒް ހިއްލާލި ބޯޅަ ސެނެގޯލްގެ ކީޕަރު އެޑްވަޑް މަންޑީ ހިފީ ކޮޅަކަށް ވެސް ގުޑާ ނުލާ ހުރެ އެވެ.

އެ ޕެނެލްޓީއަށް ފަހު ލަނޑެއް ނުޖެހި މެޗު އެއްވަރުވުމުން އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުމަށް ދެ ޓީމުން ނުކުތެވެ.

ސެނެގޯލްގެ ލަނޑު އައީ 94 ވަނަ މިނިޓްގައި ޕަޕޭ ގުޔޭގެ ބާރު ހަމަލާ ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.

މޮރޮކޯގައި ބޭއްވި މި މުބާރާތް ކާމިޔާބުކުރުމަކީ އެ ގައުމުގެ އެންމެ ބޮޑު ހުވަފެނެވެ. ނަމަވެސް 1976ގެ ފަހުން ފުރަތަމަ ފަހަރަށް އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދަން ކުރި މަސައްކަތް ނިމުނީ އެ ހުވަފެން ހަގީގަތަކަށް ނުވެ އެވެ.

މެޗަށް ފަހު މާނޭ ބުނީ ދަނޑުން ފޭބުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ރެފްރީ ޕެނެލްޓީއެއް ދިނުމުން މެޗު ނުކުޅުމަކީ މޮޔަ ކަމެއް. އެއީ އެފްރިކާގެ ފުޓްބޯޅާގައި ހެދޭނެ އެންމެ ބޮޑު ގޯސް. އަހަރެމެންގެ ފުޓްބޯޅާގައި އެކަހަލަ ކަމެއް ވުމަށް ވުރެ އަހަންނަށް މާ ރަނގަޅު ބަލިވުން ވެސް،" ސެނެގޯލްއަށް ދެވަނަ ފަހަރަށް ޗެމްޕިއަަންކަން ހޯދައިދިން ކުޅުންތެރިޔާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް